ރިޔާސީ އިންތިޚާބާ ގުޅިގެން ދޮގު ޚަބަރުތައް ފަތުރަމުންދާ މައްސަލަ އިތުރުވެ އެފަދަ ހަބަރުތައް ފަތުރާ މީޑިއާތަކާ މެދު ފިޔަވަޅު އަޅާނެކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ބުނެފިއެވެ.
އެމްއެމްސީގެ ރައީސް އަހްމަދު މުސްތަފާ ވިދާޅުވީ ރިޔާސީ އިންތިޚާބާ ގުޅިގެން ދޮގު ޚަބަރު ފެތުރުމުގެ މައްސަލަތައް އިތުރުވެފައިވާ ކަން އެ ކައުންސިލަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ. ވޭތުވެދިޔަ ދެތިން ހަފްތާ ތެރޭގައި ވެސް އެ ފަދަ ބައެއް މައްސަލަތައް ހުށަހެޅިފައިވާކަން ފާހަގަކުރަމުން މުސްތަފާ ވިދާޅުވީ އެ މައްސަލަތައް ޝަކުވާ ކޮމެޓީން ބަލަމުން އަންނަކަމަށެވެ.
މީގެ އިތުރުން މުސްތަފާ ވިދާޅުވީ އެ މައްސަލަތަކާ ގުޅިގެން އެޅޭނެ ފިޔަވަޅުތައް ދިރާސާ ކުރުމަށްޓަކައި ބައެއް ދާއިރާތަކާއި މީޑިއާތަކާ ގުޅޭ އެހެނިހެން ޖަމުއިއްޔާތަކާ ގުޅިގެން މިދިޔަ ހަފްތާގައި ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ. އަދި ވަރަށް އަވަހަށް ސައްހަ ނޫން ޚަބަރު ފަތުރާ ފަރާތްތަކާ ދޭތެރޭ ކޮމެޓީން ފިޔަވަޅު އަޅާނެކަމަށް މުސްތަފާ ވިދާޅުވިއެވެ.
އިތުރަށް މުސްތަފާ ވިދާޅުވީ މީޑިއާ ކައުންސިލްގެ ގާނޫނާއި ގަވާއިދުގެ މަތިން އެކި ފަރާތްތަކުން ހުށަހަޅާފައިވާ މައްސަލަތަކުގެ އިތުރުން ކައުންސިލުން އަމިއްލައަށް އިސް ނަގައިގެން ބައެއް މައްސަލަތައް ވޭތުވެދިޔަ ދުވަސްތަކުގައި ބަލާފައިވާ ކަމަށެވެ. އަދި އެ ފަދަ ބައެއް މައްސަލަތަކުގައި ޖަވާބުދާރީވުމަށް އަންގާފައިވާނެކަމަށްވެސް މުސްތަފާ ވިދާޅުވިއެވެ. މުސްތަފާ ވިދާޅުވީ ރައްޔިތުންނަށް ހަގީގަތް އޮޅޭ ގޮތަށް ޚަބަރު ފެތުރުމާއި ބައެއް މީޑިއާތަކުން އަޚުލާގީ މިންގަނޑަށް ތަބާ ނުވުމާ ގުޅޭގޮތުން ކައުންސިލަށް ހުށަހެޅިފައިވާ އަށް މައްސަލައެއް ބަލާފައިވާކަަމަށެވެ. އަދި އަމިއްލައަށް އިސް ނަގައިގެން ދެ މައްސަލައެއް ވޭތުވެދިޔަ ދެ މަސް ތެރޭގައި ބަލައި ނިންމާފައިވާކަމަށެވެ.