ރިޔާސީ އިންތިޚާބުގެ ދެވަނަބުރުގެ ކެމްޕެއިން ޚަބަރުތައް ގެނެސްދިނުމުގައާއި ނޫސްތަކުގައި ކެންޑިޓޭޓުންނާ ގުޅޭ ކޮންޓެންޓް ޝާއިޢުކުރުމުގެ ތެރޭގައި، ބައެއް ނޫސްތަކާއި މީޑިއާތަކުން ޚަބަރުތައް ގެނެސްދޭތީ، އެކަން އެގޮތަށް ނުކުރުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން އެދިއްޖެއެވެ.
އެމްއެމްސީ އިން ނެރުނު ނޫސްބަޔާނެއްގައި ވަނީ “ދިވެހި މީޑިއާގެ އަޚުލާގީ މިންގަނޑު” ގައި ބަޔާންކޮށްފައިވާ އުސޫލުތަކަށް ބެލުމެއްނެތި އެކިއެކި ކޮންޓެންޓް ޝާއިޢުކުރަމުންގެންދާކަން އެ ކައުންސިލަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެކަން އެގޮތަށް ނުކުރުމަށް މީޑިއާތަކަށް އިލްތިމާސްކުރާ ކަމަށެވެ.
މީގެ އިތުރުން ކެންޑިޑޭޓުންނާއި އެމީހުންނަށް ތާއީދު ހޯދުމަށް މަސައްކަތްކުރާ ފަރާތްތަކުން ވަކި ސުލޫކީ މިންގަނޑަކަށް ޢަމަލުކުރުމަށް، ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ އާންމު ޤާނޫނު) އާއި، އެ ޤާނޫނުގެ ދަށުން ހަދާފައިވާ، “އިންތިޚާބުތަކާބެހޭ އާންމު ގަވާއިދުން” ލާޒިމުކޮށްފައިވީހިނދު، ނޫސްތަކާއި މީޑިއާތަކުން ވެސް އެ މިންގަނޑަށް އަމަލުކުރަން ލާޒިމްވާނެ ކަމަށް ވަނީ ބުނެފައެވެ.
އެހެންނަމަވެސް، އެ މިންގަނޑުތަކާ ޚިލާފަށް އެކި ލިޔުންތަކާއި ކޮންޓެންޓް ނޫސްތަކުގައި ޝާއިޢުކުރުމުންދާކަން އެ ކައުންސިލަށް ފާހަގަކުރެވިފައިވާކަމަށް އެ ނޫސްބަޔާނުގައި ވަނީ ބުނެފައެވެ.
އެގޮތުން، ކެންޑިޑޭޓުންގެ އަމިއްލަ ދިރިއުޅުމާއި އޭނާގެ ޒާތީ ކަންކަމާ ބެހުމާއި، ސާބިތުކޮށްދެވެން ނެތް ތުހުމަތުތަކުގެ މައްޗަށް ނުވަތަ ހިނގައިދިޔަ ކަމެއްގެ ޙަޤީޤަތް އޮޅޭ ފަދަ ގޮތަކަށް ކެންޑިޑޭޓަކާ ބެހޭ ގޮތުން ވާހަކަދައްކަމުންދާކަން އެމްއެމްސީ އިން ވަނީ ފާހަގަކޮށްފައެވެ. އަދި މީހުންގެ މެދުގައި ފިތުނައާއި ރުޅިވެރިކަން އުފެއްދުމަށް މަސައްކަތްކުރުމަކީ، ކެންޑިޑޭޓެއްގެ އިންތިޚާބީ ޙައްޤަކަށް އުނިކަން ދިނީކަމަށް ބެލެވޭނެ ކަންކަމުގެ ތެރޭގައި އިންތިޚާބުތަކާބެހޭ އާންމު ގަވާއިދުގެ 19 ވަނަ މާއްދާގެ (ށ) ގެ ދަށުން ހިމަނާފައިވާ ބައެއް ކަންކަމެއްކަމަށް ބުނެފައިވެއެވެ.
އެހެންކަމުން މި މާއްދާގައި ބަޔާންކޮށްފައިވާ އެއްވެސް ކަމެއް ނުކުރުމަށް ނޫސްތަކާއި މީޑިއާތަކަށް އެ ކައުންސިލުން އިލްތިމާސްކޮށްފައި ވެއެވެ.
މީގެ އިތުރުން، އެއްވެސް ގޮތަކަށް އެންޓި-ކެމްޕެއިން ނުކުރުމަށާއި، ކެމްޕެއިންކުރުން ޤާނޫނުގައި މަނާކޮށްފައިވާ ވަގުތުތަކުގައި ކެމްޕެއިން ނުކުރުމަށް ނޫސްތަކުން އިތުރަށް ސަމާލުވާންޖެހޭ ކަމަށް ވެސް ބުނެފައި ވެއެވެ.
އެގޮތުން ރިޔާސީ އިންތިޚާބު 2023 ގެ ދެވަނަ ބުރުގައި، 29 ސެޕްޓެމްބަރު 2023 ވާ ހުކުރު ދުވަހުގެ ހަވީރު 6.00 ން ފެށިގެން 01 އޮކްޓޫބަރު 2023 ވާ އާދީއްތަ ދުވަހުގެ ހެނދުނު 6.00 އާ ދެމެދު ކެމްޕެއިންކުރުން މަނާވާނެކަމުގައި ހަންދާންކޮށްދީފައި ވެއެވެ.
މި މުއްދަތުގެ ތެރޭގައި އެ ކައުންސިލުން މިކަންކަން މޮނިޓަރ ކުރަމުންދާނެ ކަމަށް ވެސް ބުނެއެވެ.