ފޯނު ބަލަމުން، ސައިކަލް ދުއްވަމުން ދިޔަ މީހަކު ހޯދައި އެމީހާއާމެދު ފިޔަވަޅު އަޅައިފިއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯގައި ފެންނަނީ މީހަކު ސައިކަލު ދުއްވަމުން، އެއް އަތުން ފޯނު ހިފަހައްޓައިގެން، ފޯނަށް ބަލަމުން ދުއްވާ މަންޒަރެވެ. ސައިކަލު ދުއްވަމުން ދިޔަ ވަގުތު ސައިކަލުގެ ފަހަތުގައި އިތުރު މީހަކުވެސް އިންނަ މަންޒަރު ފެނެއެވެ.
ފުލުހުން ބުނީ ސައިކަލު ދުއްވަމުން ފޯނު ބޭނުންކުރާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން އެމައްސަލަ ބަލާފައިވާކަމަށެވެ. އަދި އެ މައްސަލައިގައި ހިމެނޭ މީހާ ދުއްވި ސައިކަލު 30 ދުވަހުގެ މުއްދަތަށް ޓޯކޮށް، އޭނާ 2000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށެވެ. އަދި ސައިކަލް ދުއްވި ފަރާތުގެ ލައިސަންސްވެސް ހިފަހައްޓާފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ވަނީ މަގު ބޭނުންކުރާ އެންމެހައި ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ޓްރެފިކް ގަވާއިދުތަކަށް ފުރިހަމައަށް ހުރުމަތްތެރިކޮށް ހިތުމަކީ ކޮންމެ ފަރުދެއްގެވެސް ޒިންމާއެއްކަން ހަނދާންކޮށްދީފައެވެ.