English Edition
Dhivehi Edition

ފޭދޫގައި މިހާރު ކުރިއަށްދާ “ހާޝީޒް ފޭދޫ ސޮކަކަޕް 2018” ފުޓުބޯޅަ މުބާރާތުގައި ހިތަދޫ މައިލޯ ސިޓީ އެފްސީއާއި، ނެކްސަސް މިއަދު ކުޅުނުމެޗުން މައިލޯ ސިޓީ މޮޅުވާންދަނިކޮށް ފަހުހާފުގައި މުހައްމަދު އާރިފް (ބަކާ) 2 ލަނޑު ޖަހައި ނެކްސަސް ސަލާމަތްކޮށްދީފިއެވެ.

މިއަދުގެ މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑުނެގީ މައިލޯ ސިޓީ އެފްސީއެވެ. އެޓީމަށް ލީޑު ނަގައިދިނީ ޖާޒީނަމްބަރު 9 އިބްރާހީމް ސިރާޖެވެ. އޭނާ އެލަނޑު ޖަހައިދީފައިވަނީ ފުރަތަމަ ހާފުގެ އިތުރުވަގުތު ގައެވެ. ދެވަނަ ހާފް ފަށަށައިގެން މެޗުގެ 49 ވަނަ މިނިޓުގައި އެޓީމުގެ ޖާޒީނަންބަރު 7 އަބްދުލް ވާހިދު (ވާޑު) ވަނީ ލަނޑެއްޖަހައި ނެކްސަސް ހާސްކޮށްލައިފައެވެ. އެފަހުންވެސް ރަނގަޅަށްކުޅެ އިތުރު ލަނޑުޖަހާނެ ފުރުސަތު އެޓީމުން ތަނަވަސްކުރިއެވެ. އެހެންނަމަވެސް އެޓީމަށް އިތުރު ލަނޑެއް ޖެހޭގޮތެއް ނުވިއެވެ.

ރާއްޖޭގެ މަޝްހޫރު ބައެއް ކުޅުންތެރިން ގޮވައިގެން ކުޅެމުންދިޔަ ނެކްސަސް މެޗުން ބަލިވާން ދަނިކޮށް 78 ވަނަ މިނިޓުގައި ލަނޑެއް ޖަހައި އެޓީމަށް ހިތްހަމަޖެހުމެއް ގެނެސްދިނީ އެ ޓީމުގެ ޖާޒީ ނަމްބަރު 6 މުހައްމަދު އާރިފް (ބަކާ) އެވެ. މެޗުގެ 90 މިނިޓުގެ ކުޅުން ހަމަވިއިރު ނަތީޖާއޮތީ މައިލޯ ކޮޅަށް ބުރަވެފައެވެ. އެހެންނަމަވެސް ރެފްރީ ދެއްވި އިތުރުވަގުތުގައި ދެވަނަ ލަނޑެއް ޖަހައިދީ ބަކާ ވަނީ މައިލޯ ސިޓީ އެފްސީ އަތުން ނެކްސަސް ސަލާމަތް ކޮށްދީފައެވެ.

މި ނަތީޖާއާއެކު ދެ މެޗުން ނެކްސަސްއަށް 4 ޕޮއިންޓް ވަނީ ލިބިފައެވެ. މައިލޯ ސިޓީ އެފްސީއަށް ދެ މެޗުން ލިބިފައިވަނީ އެއް ޕޮއިންޓެވެ. އެއީ މިއަދުގެ މެޗު އެއްވަރުކޮށްގެން ލިބުނު ޕޮއިންޓެވެ. އެޓީމް ފުރަތަމަ މެޗުގައި ބައްދަލުކުރީ ފޭދޫ މެޖެންޓާއާ އެވެ. އެމެޗުން މައިލޯ ސިޓީ ބަލިވީ 1:0 ލަނޑުންނެވެ. ނެކްސަސް ވެސް ފުރަތަމަ ކުޅުނު މެޗުގައި ބައްދަލުކުރީ މެޖެންޓާއެވެ. އެ މެޗު 3:0 ލަނޑުން ކާމިޔާބުކުރީ ނެކްސަސްއެވެ.

މިއަދުގެ މެޗަށްފަހު ވާހަކަ ދައްކަމުން މައިލޯ ސިޓީގެ ކޯޗު މުހައްމަދު އަލްތާފް (އަލްޓީ) ބުނީ މެޗު އެނބުރިގެންދިޔައީ ބަކާގެ ތަޖުރިބާގެ ސަބަބުން ކަމަށެވެ. “މިއަދުގެ މެޗު އެނބުރިގެންދިޔައީ މަކާގެ މޮޅު ކުޅުމާއި ތަޖުރިބާގެ ސަބަބުން. އަނެއްކޮޅުން މައިލޯސިޓީގެ މުހިންމު ތިންކުޅުންތެރިއަކުވަނީ އިންޖަރީވެފައި. އެކަން މިއަދުގެ މެޗުގައި ވަރަށްބޮޑަށް ދެއްކި. އެހެންނަމަވެސް އަދިވެސް އުންމީދު އެބައޮތް، ދެވަނަބުރުގައި ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމަށް،” އަލްޓީ ބުންޏެވެ.

މި މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ ނެކްސަސްއަށް ދެ ލަނޑު ޖަހައިދިން ބަކާއެވެ.
މި މުބާރާތުގެ މެޗެއް މާދަމާވެސް އޮންނާނެއެވެ. ބައްދަލުކުރާނީ ފޭދޫ ޔުނައިޓެޑް ފުރެންޑްސްއާއި، މަރަދޫފޭދޫ އެފްސީއެވެ. މެޗު ފަށާނީ ހަވީރު 4:00 ގައެވެ.

މުބާރާތުގެ އެއްވަނަ ހޯދާ ޓީމަކަށްވަނީ 75000 ރުފިޔާގެ އިނާމެއް ހުށަހަޅައިފައެވެ. ދެވަނަ ޓީމަށް ތިރީސް ހާސް ރުފިޔާވަނީ ހުށަހަޅައިފައެވެ. މިއީ އައްޑޫގައި މިފަދަ މުބާރާތެއް ނުބާއްވާތާ 25 އަހަރު ފަހުން ބާއްވާ މުބާރާތެކެވެ.

މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ހެޕީމާކެޓެވެ. ހެޕީމާކެޓަކީ ރާއްޖޭގައި ބާއްވާ މިފަދަ ހަރަކާތްތަކަށް ވަރަށް ފުރިހަމަ ގޮތެއްގައި އެހީތެރިކަން ފޯރުކޮށްދެމުން ގެންދާ ވިޔަފާރި ކުންފުންޏެވެ. އޮފިޝަލް މީޑީއާ ޕާޓްނަރަކީ އޭއޯނިއުސްއެވެ.