ޕޮލިސް ކޮމާންޑް އެންޑް ކޮންޓްރޯލް ސެންޓަރާއި އުރީދޫ މޯލްޑިވްސް ގުޅިގެން ހިންގި ”ވޯކްޝޮޕް އޮން ސާވިސް އެކްސެލެންސް: އިފެކްޓިވް ކަސްޓަމަރ ސެންޓްރިސިޓީ” ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
ހުޅުމާލޭގައި ހުންނަ އުރީދޫ ހެޑް އޮފީހުގައި މި މެއި މަހުގެ 11 ވަނަ ދުވަހު ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އާސިމް ޢަބްދުﷲއެވެ. މި ރަސްމިއްޔާތުގައި، އުރީދޫގެ ފަރާތުން ހެޑް އޮފް ކަސްޓަމަރ ކެއަރ އެންޑް ބްރޭންޑް ދިޔާނާ އަފީފް އާއި ޗީފް ކޮމާޝަލް އޮފިސަރ ހުސެއިން ނިޔާޒުއާއި ޑިރެކްޓަރ އޮފް ހިއުމަން ރިސޯސަސް އެންޑް އެޑްމިނިސްޓްރޭޝަން ފަޒްނާ މަންސޫރު ބައިވެރިވެލެއްވިއެވެ.
މި ރަސްމިއްޔާތުގައި އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އާސިމް ޢަބްދުﷲ ވިދާޅުވީ، ކުރިއަށް އޮތް މުސްތަގުބަލުގައި މިފަދަ ބޭނުންތެރި ވޯކްޝޮޕްތަކާއި ތަމްރީނު ޕްރޮގްރާމުތައް ވީހާވެސް ގިނައިން ބޭއްވުމަށް މަސައްކަތް ކުރައްވާނެކަމަށާއި މިފަދަ ތަމްރީނުތަކުގެ ބޭނުން މުވައްޒަފުން ހިފުން މުހިއްމު ކަމަށެވެ.
ޕޮލިސް ކޮމާންޑް އެންޑް ކޮންޓްރޯލް ސެންޓަރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން އެޕްރީލް 16 އިން 17 އަށް އުރީދޫ ހެޑް އޮފީހުގައި ކުރިއަށް ގެންދިޔަ މި ވޯކްޝޮޕަކީ ކަސްޓަމަރ ސާވިސްގެ އުކުޅުތައް އިތުރަށް ފުރިހަމަކުރުމަށް ތަމްރީނުދިނުމަށް ކުރިއަށް ގެންދިޔަ ވޯކްޝޮޕެކެވެ. މި ވޯކްޝޮޕްގައި 39 މުވައްޒަފުން ބައިވެރިވިއެވެ. ވޯކްޝޮޕްގެ ތެރެއިން މި މުވައްޒަފުން އުރީދޫ ކޯލް ސެންޓަރަށް ޒިޔާރަތްކޮށް އެތަނުގެ މުވައްޒަފުންނާއި މެނޭޖްމަންޓުގެ ބޭފުޅުންނާ ބައްދަލުކޮށް މައުލޫމާތު އޮޅުންފިލުވައި އަދި މަސައްކަތްތައް ކުރިއަށް ގެންދާ ގޮތް ބަލައިލުމުގެ ފުރުސަތު ލިބިފައިވެއެވެ.މި ރަސްމިއްޔާތުގައި، ވޯކްޝޮޕް ފުރިހަމަކުރި މުވައްޒަފުންނަށް ހަނދާނީ ލިޔުން ދީފައިވެއެވެ.