ކަނޑައެޅިފައިވާ ސަރަހައްދުތަކުން ބޭރުގައި ގާނޫނާ ހިލާފަށް ބާއްވާ އެއްވުންތައް ރޫޅާލައި، އެފަދަ ކަންކަން އިންތިޒާމުކުރާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފުލުހުން ދީފިއެވެ.
“އަދަދު” ނޫހުގެ ދެ ނޫސްވެރިއަކު ޖަލަށް ލުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން މާލޭގެ މަގުތަކުގައި ކުރިއަށްގެންދާ މުޒާހަރާތަކާ ގުޅިގެން ފުލުހުން ރޭ ވަނީ ހަރުކަށި ބަޔާނެއް ނެރެފައެވެ.
ފުލުހުން ބުނީ، ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ ހައްގު ހިމާޔަތްކޮށްދޭނެ ނަމަވެސް، މިހާރު ކުރިއަށްދާ އެއްވުންތަކުގެ ސަބަބުން މަގުތައް ބަންދުވެ، އާންމު ދަތުރުފަތުރަށާއި ހިނގާބިނގާވެ އުޅޭ މީހުންނަށް ބޮޑެތި އުނދަގޫތަކެއް ވަމުންދާ ކަމަށެވެ. އަދި އާންމު ވިޔަފާރިތަކަށާއި ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ހުރަސްއެޅޭތީ އެކަމުގެ ޝަކުވާތައް ލިބެމުންދާ ކަމަށް ވެސް ފުލުހުންގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ފުލުހުންގެ އިދާރާއިން ލިޔުމުން ދޭ ހުއްދައެއް ނެތި، މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ބޭއްވޭނީ ހޯމް މިނިސްޓްރީން ކަނޑައަޅައި އިއުލާންކޮށްފައިވާ ސަރަހައްދުތަކުގައި އެކަނި ކަމަށް ފުލުހުން ބުންޏެވެ. އެހެންކަމުން، އެހެން ފަރުދުންގެ ހައްގުތަކަށް އުނިކަންލިބޭ ގޮތަށް ބާއްވާ އެއްވުންތަކަށް ފުރުސަތު ނުދެވޭނެ ކަމަށާއި، އާންމު މަސްލަހަތު ހިމާޔަތްކުރުމަށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅަމުންދާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.