English Edition
Dhivehi Edition

މި ގައުމުން ލިބިދޭ ހުރިހާ ފުރުސަތަކާއި ހައްގުތަކެއް، ތެލެސީމިއާ ކުދީންނަށް ފުރިހަމައަށް ލިބިދެވޭނެކަން އަމަލާއި ބަހުން އެންމެންވެސް ސާބިތުކޮށްދޭން ޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ތެލެސީމިއާ ދުވަހާ ގުޅިގެން ފޮނުއްވި ޚިޠާބުގައި ރައީސް ވިދާޅުވީ އާބާދީގެ ނިސްބަތުން ބަލާއިރު، ތެލެސީމިއާ ކުދީންގެ އިންސައްތަ އެންމެ މަތި އެއް ގައުމަކީ ދިވެހިރާއްޖެކަމުގައެވެ. ތެލެސީމިއާ އާއި ގުޅޭ ހޭލުންތެރިކަން އިތުރުކުރުމަށާއި، ފަރުވާ ދެވޭނެ ވަސީލަތްތައް ފަހިކުރުމަށް ދިވެހި ރާއްޖޭގައި ހާއްސަ ސަމާލުކަމެއް ދޭން ޖެހޭކަމުގައި ރައީސް ފާހަގަކުރެއްވިއެވެ. އަދި ތެލެސީމިއާ ކުދީންގެ ސިއްހަތު ސަލާމަތުން ބޭތިއްބުމަށާއި، ގަވާއިދުން ފަރުވާ ދިނުމަށް، އިސްކަން ދިނުމަކީ ކަމާބެހޭ އިދާރާތަކުގެ ޒިންމާއެއްކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ސަރުކާރުން ތެލެސީމިއާ ކުދީންނަށް ހާއްސަ ސަމާލުކަމެއް ދެއްވާކަން ފާހަގަކުރައްވައި، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި، ތެލެސީމިއާ ކުދީންނަށްޓަކައި މި ސަރުކާރުން ހާމަކުރެއްވި ތަސައްވަރާއި ވެވަޑައިގެންނެވި ވަޢުދުތައް ހަގީގަތަކަށް ހައްދަވައިދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ. އަދި ތެލެސީމިއާއިގުޅޭ ކަންކަމުގައި، އެތައް އަހަރެއް ވަންދެން ބޮއްސުންލާފައިހުރި ކަންކަން، ހަމަމަގަށް އަޅުވަން މަސައްކަތްކޮށް، މި ސަރުކާރުން ތެލެސީމިއާ ކުދިންނަށާއި، އެކުދިންގެ ޢާއިލާތަކަށް ހިތްހަމަޖެހުމާއި ފާގަތިކަން ގެނަސްދޭނެކަން އެމަނިކުފާނުގެ ހިތާބުގައި ހާމަކުރައްވާފައިވެއެވެ.

ރައީސްގެ ހިޔާބު ނިންމަވާލައްވާފައިވަނީ ލޭ ހަދިޔާކުރުމަށް ބާރުއަޅުއްވައި އެކަމުން ﷲގެ ޙަޟްރަތުން ލިބޭނެ އަޖުރާއި ދަރުމަ ގިނަގުނަކަން ފާހަގަކުރައްވަމުންނެވެ. އަދި އެމަނިކުފާނު ވަނީ ތެލެސީމިއާގެ އުނދަގޫ ތަޙައްމަލުކުރާ ކޮންމެ ކުއްޖަކަށް އެހީތެރިވުމުގައި މުޅި ދިވެހި މުޖްތަމަޢު ބައިވެރިވުމަށް އިލްތިމާސްކުރައްވާފައެވެ.

ދުނިޔޭގެ ތެލެސީމިއާ ދުވަހާ ގުޅިގެން ރައީސް ވަނީ ސޯޝަލް މީޑިއާގައިވެސް ޕޯސްޓެއް ހިއްސާކުރައްވާފައެވެ. މިގޮތުން އެމަނިކުފާނުގެ ޕޯސްޓުގައިވެސް އެއްވެސް ތަފާތު ކުރުމެއް ނެތި، ދިވެހި މުޖުތަމަޢުން ލިބެން އޮތް ކޮންމެ ފުރުޞަތެއް، ތެލެސީމިއާ ކުދީންނަށް ފަހިކޮށް ދޭން ޖެހޭކަން ފާހަގަކުރައްވައި، އެ ކުދީން އުފާފާގަތި ދިރިއުޅުމަކަށް ކުރާ އުންމީދު ހަގީގަތަކަށް ވުމަކީ، ޤައުމަށް ލިބޭނެ އިތުރު ކުރިއެރުމަކާއި ކާމިޔާބީއެއްކަމުގައި ވިދާޅުވެފައިވެއެވެ.