ސްޓޫޑެންޓް ލޯނާއި ފްރީ ޑިގްރީ ޕްރޮގްރާމްގެ ދަށުން މަތީ ތައުލީމު ހާސިލު ކުރަމުން އަންނަ ދަރިވަރުން ފޮނުވާ ސުވާލުތަކަށް މިނިސްޓްރީން ޖަވާބު ދިނުން ލަސްވާ މައްސަލަ ހައްލު ކުރުމަށް ޕޯޓަލެއް ތައާރަފްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން ވަނީ، ދަރިވަރުންގެ ލޯނާއި ސްކޯލާޝިޕްގެ ދަށުން ކިޔަވަމުން ގެންދާ ބައެއް ދަރިވަރުން ޝަކުވާތައް ހިއްސާކޮށްފައިވާ ކަން ‘އެކްސް’ ގައި ފާހަގަކުރައްވައި ހައިދަރާ ސުވާލު ކުރެއްވުމަށް މިދިޔަ މަހުގެ 17 ވަނަ ދުވަހު ހުށަހަޅުއްވާފައެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރަށް ހުށަހެޅުއްވި ސިޓީގެ ޖަވާބު މަޖިލިހުގެ މިއަދުގެ ޖަލްސާ އަށް އިއްވާފައިވާއިރު، މިނިސްޓަރު ވިދާޅުވީ ދަރިވަރުންނަށް ލޯނު ދޫކުރުމުގައި އުފެދުނު ބައެއް ނުތަނަވަސްކަމާ އެކު، މިނިސްޓްރީ އަށް އަމާޒުވި ސުވާލުތައް އިތުރުވެ، ސެކްޝަނުން ކުރަން ހަމަޖެހިފައިވާ މަސައްކަތްތައް ކުރަމުން އެ ހުރިހާ ސުވާލުތަކަށް ޖަވާބު ނުދެވި، ބޮޑެތި ލަސްތަކަކާ ކުރިމަތިވި ކަމަށެވެ.
ސްކޯލާޝިޕް ސެކްޝަނަށާއި ލޯނު ސެކްޝަނަށާއި ހިލޭ ޑިގްރީގެ މަސައްކަތްތައް ބަލަހައްޓަމުން ގެންދާ ސެކްޝަންތަކަށް ދުވާލެއްގެ މައްޗަށް 600 އެއްހާ އީމެއިލާއި ސިޓީ ލިބޭކަން ހާމަކުރައްވަމުން ހައިދަރު ވިދާޅުވީ މިނިސްޓްރީން މަސައްކަތް ކުރަމުން ދިޔައީ ގިނަ ވެގެން ހަތް ދުވަހުގެ ތެރޭގައި ޖަވާބު ދިނުމަށް ކަމަށާއި އަދި އެ މުއްދަތު ތިން ދުވަހަށް ކުރު ކުރުމަށް އަމާޒު ހިފާފައިވާ ކަމަށެވެ.
އިތުރަށް މިނިސްޓަރު ވަނީ މި މައްސަލަ އިތުރަށް ހައްލު ކުރުމުގެ ގޮތުން ދަރިވަރުންގެ މައުލޫމާތު ބަލަހައްޓާނެ ޕޯޓަލެއް އުފެއްދުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފައިވާކަން ހާމަކުރައްވާފައެވެ.