English Edition
Dhivehi Edition
އެމްއެންޔޫގެ ގްރެޖުއޭޝަނުގައި މަތީ ތައުލީމު ހާސިލް ކުރި ދަރިވަރުންތަކެއް: ފޮޓޯ އެމްއެންޔޫ

މި އަހަރު ޕައިލެޓް ލައިސެންސަށް ކިޔެވުމަށް ލޯނުދޭން ނިންމާފައި ވަނީ މެރިޓް އުސޫލުން އެންމެމަތިން މާކްސް ހޯދާ 10 ދަރިވަރުންނަށް ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ސްޓޫޑެންޓް ލޯނަށް ޝަރުތު ހަމަވާ ދަރިވަރުންގެ ލިސްޓު އާންމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިއަދު މިނިސްޓްރީން ހުޅުވާލިއިރު، އެ މިނިސްޓްރީން ބުނީ މި އަހަރު ލޯނަށް ހުޅުވައިލުމުން 500 ފުރުސަތަށް އެދި 1،709 ދަރިވަރުން ކުރިމަތިލާފައިވާކަމަށެވެ. މަތީ ތައުލީމުގެ ލޯނަށް އެދި މި އަހަރު 1،153 ދަރިވަރުން ޝަރުތުހަމަވާ އިރު އޭގެ ތެރެއިން 1،015 ދަރިވަރުންނަށް ލޯނު ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިނިސްޓްރީން ބުނީ ލޯނަށް ނުހޮވޭ ދަރިވަރުން، ނުހޮވުނު ސަބަބު މިނިސްޓްރީގެ ވެބްސައިޓުން ބެލޭނެ އިންތިޒާމް ހަމަޖެހޭނެކަމަށެވެ. އަދި ސްޓޫޑެންޓް ލޯނަށް ޝަރުތު ހަމަ ނުވާ ސަބަބާ މެދު އިތުރު ސުވާލެއް އޮތް ނަމަ އެކަން ބަޔާންކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން މި މަހުގެ 25 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެ އިތުރުން މިނިސްޓްރީން ބުނީ ވަޒީފާ ނުއުފެދޭތީ މި އަހަރު މަތީ ތައުލީމަށް ލޯނު ދޫކުރިއިރު ޕައިލެޓުކަން ކިޔަވަން ފުރުސަތު ދީފައިވަނީ 10 ދަރިވަރުންނަށް ކަމަށެވެ. އެ ދާއިރާއިން ވަޒީފާ އުފެދޭ މިންވަރު މަދުވުމުގެ ސަބަބުން މިހާރު ވެސް އެތައް ބަޔަކަށް ވަޒީފާ ނުލިބޭކަމުގެ ޝަކުވާ ބޮޑުވެފައިވާކަން މިނިސްޓްރީން ވަނި ފާހަގަކޮށްފައެވެ. އިތުރަށް މިނިސްޓްރީން ބުނީ މިއަދު އާންމުކުރި ލިސްޓުގައި ޕައިލެޓް ލައިސެންސް ސްލޮޓްތަކުން ފެންނަން ހުންނާނީ ވަގުތީ ނަތީޖާ ކަމަށެވެ. އަދި އެހެނިހެން ސްލޮޓްތަކަށް ހޮވިފައިވާ ދަރިވަރުންގެ ދާއިމީ ނަތީޖާ ފެންނަނާނެ ކަމަށެވެ.