English Edition
Dhivehi Edition
ކުރިން ހިންގި އޮޕަރޭޝަނެއްގައި އަތުލާފައިވާ މަސްތުވާތަކެތި

މަސްތުގެ ހާލަތުގައި ތިބޭ ފަރާތްތައް މަގުމަތީގައި ތިބޭ މަންޒަރު ފާހަގަވާނަމަ އެކަން ރިޕޯޓުކުރުމަށް ނެޝަނަލް ޑްރަގް އެޖެންސީން އެދިއްޖެއެވެ.

ފާއިތުވި ދުވަސްތަކުގައި މާލޭގެ އިތުރުން އަތޮޅުތެރޭގެ ބައެއް ރަށްރަށުގެ މަގުމަތީގައި މަސްތުގެ ހާލަތުގައި ތިބޭ ފަރާތްތަކުގެ ތެރެއިން ބައެއް މީހުންގެ ފޮޓޯ އާއި ވީޑިއޯ ފަތުރަމުންދިޔުމާއި، އެފަދަ މީހުން ކުށްކުރުމާއި ގުޅިގެން އެ މީހުން ހިފަހައްޓައި އަނިޔާކުރުމާއި އަދި ވީޑިއޯކޮށް މީސްމީޑިއާގެ މަންސަތަކުގައި ފަތުރަމުންދާ މައްސަލާގައި ރައްޔިތުންގެ ކަންބޮޑުވުންތައް އެންޑީއޭގެ ސަމާލުކަމަށް އައިސްފައިވާކަމަށް އެންޑީއޭ އިން ވަނީ ބުނެފައެވެ.

މިކަންބޮޑުވުމާ ގުޅިގެން އެންޑީއޭއިން ނެރުނު ނޫސްބަޔާނެއްގައި ވަނީ ޕާޓީކުރުމާއި، މަސްތުގެ ހާލަތުގައި ތިބޭ ފަރާތްތައް މަގުމަތީގައި ތިބޭ މަންޒަރު ފާހަގަކުރެވިއްޖެނަމަ 911އަށް ގުޅުއްވައި އެކަން ރިޕޯޓުކުރުމަށް އެދިފައެވެ. ނުވަތަ ހޮޓްލައިން 1410 ނަންބަރަށްވެސް ކަންބޮޑުވުންތައް ހިއްސާކުރެވޭނެކަން ނޫސްބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

މަސްތުވާތަކެތީގެ މައްސަލައަކީ މުޅި މުޖުތަމަޢުގެ އެހީތެރިކަމާ ބައިވެރިވުން ލިބި، ޝާމިލްގޮތެއްގައި މަސައްކަތްކޮށްގެން ނޫނީ ހައްލުކުރެވޭނެ ކަމަކަށްނުވާތީ މި މައްސަލަ ހައްލުކުރުމަށްޓަކައި އާންމުންގެ އެހީތެރިކަމަށް އެންޑީއޭއިން ވަނީ އެދިވަޑައިގެންފައެވެ.