ދިވެހި މިނިވަންކަމުގެ ދަންމަރު އުދަރެސްތަކަށް އުފުލައިދެނީ، ދިވެހި ސިފައިންގެ ޖޯޝާއި، ގުރުބާނީ އާއި ނުގުޑާ އަޒުމުންކަމުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދިވެހި ސިފައިންގެ 133 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މިގޮތުން ރައީސް ވިދާޅުވީ ދިވެހީންނަށް ލިބުނު ކޮންމެ ކުރިއެރުމަކާއި ކާމިޔާބެއްގެ ސިއްރަކީ، މިނިވަން ދައުލަތެއްގެ ގޮތުގަައި މި ގައުމު ދެމިއޮތުން ކަމަށެވެ. ދިވެހި މިނިވަންކަމުގެ ދަންމަރު އުދަރެސްތަކަށް އުފުލައިދެނީ، ދިވެހި ސިފައިންގެ ޖޯޝާއި، ގުރުބާނީއާއި ނުގުޑާ އަޒުމުންކަން ފާހަގަކުރައްވަމުން ރައީސް ވަނީ ދިވެހި ސިފައިންގެ މުއައްސަސާގެ އޭރާއި މިހާރުގެ ހުރިހާ ހިދުމަތްތެރީންނަށް، ސިފައިންގެ 133 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ ދަންނަވާފައެވެ.
“މާތްވެގެންވާ އިސްލާމްދީނާއި، މި ވަތަނުގެ މުސްތަގިއްލުކަމުގެ ހައްގުގައި ދިވެހި ސިފައިން އެ ކުރައްވާ ހިންމަތްތެރި މަސައްކަތްތަކުގައި މާތްﷲ ބަރަކާތް ލައްވާށި.”ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން މި ދުވަހުގެ މުނާސަބަތުގައި، ފޮނުއްވި ތަހުނިޔާގެ ހިތާބުގައި ރައީސް ވިދާޅުވީ ފައިންގެ މުލައްދަނޑިތަކުގައި ގައުމީ ލޭ ދައުރުވާހައި ހިނދަކު، ދިވެހި އަސްކަރީންގެ ހިތްތަކުގައި މިނިވަންކަމުގެ ވިންދު ޖަހަމުންދާހާ ހިނދަކު ދިވެހީންގެ މިނިވަންކަމަކަށް، ދެމިތިބުމަކަށް، އިރުއޮއްސުމެއް ނެތް ކަަމަށެވެ. ސިފައިން އަމިއްލަ ނަފުސާއި އާއިލާތަކަށްވުރެ އަބަދުވެސް އިސްކުރަނީ ދިވެހި ގައުމާއި ރައްޔިތުންގެ މަސްލަހަތުކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އުމަށް ދިމާވި ކޮންމެ ބޮޑުކަމަކާއި ކޮންމެ އުނދަގޫ ވަގުތަކު ދިވެހީންނަށްޓަކައި ދަލާއި ލޭ އޮހޮރުވައި ރެޔާއިދުވާލު ވަރުބަލިވުމެއް ނެތި ބުރައުފުލުމުގައި އިސްނެގީ ދިވެހި ސިފައިންކަމަށެވެ.