މިއަދަކީ ދިވެހި ތާރީހުގައި ވަރަށް ފާހަގަކޮށްލެވޭ ފަދަ ދުވަހެއްކަމަށާއި މިއަދަކީ 40 އަހަރަށްފަހު މުސްލިމުންގެ ދެ ހަރަމްފުޅުގެ ތެރެއިން ހަރަމްފުޅެއްގެ އިމާމެއް ރާއްޖެއަށް ވަޑައިގަންނަވާ ތާރީހީ ދުވަސްކަމުގައި އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ދިވެހިރާއްޖޭގެ އިސްލާމީ ޝަޚުސިއްޔަތު ވަރުގަދަ ކުރުމަށް މި ދައުރުގައި ކުރެވެމުންދާ މަސައްކަތުގެ ދަށުން، ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ލަފާފުޅުގެ ދަށުން އިސްލާމީ އުއްމަތުގެ ފާހަގަކޮށްލެވޭ ޝަހުސިއްޔަތުން ރާއްޖެއަށް ގެނައުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ދެއްވި ދައުވަތު ގަބޫލުފުޅު ކުރައްވާ މިއަދު ރާއްޖެ ވަޑައިގަންވަނީ މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޞަލާޙުލް ބުދައިރުކަމަށެވެ.
އެމަނިކުފާނުގެ މި ދަތުރުފުޅަކީ ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ އިޒުނަފުޅާއެކު ކުރައްވާ ދަތުރުފުޅެއްކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ. މި ދަތުރުފުޅުގައި އެމަނިކުފާނު ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން މި ދަތުރުފުޅުގައި އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި ބައްދަލުކުރެއްވުމާއި، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖީލީހާއި ބައްދަލު ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައިވެއެވެ. އަދި ޒުވާން ހަތީބުންނާއި ހާފިޡުންނާއި އިމާމުންނާއި ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. ދިވެހިރާއްޖޭގެ ދީނީ އިލްމުވެރިންނާއި ބައްދަލުކުރެއްވުމާއި ކީރިތި ޤުރުއާނާއި ބެހޭ ގައުމީ މަރުކަޒާއި އަމިއްލަ މުއައްސަސާތަކުގައި ޤުރުއާން ހިތުދަސްކުރާ ދަރިވަރުންނާއި ބައްދަލު ކުރައްވާ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ. ހަމައެއާއެކު ސަޢުދީ ރަސްގެފާނުގެ ހިލޭއެހީގައި ބިނާ ކުރައްވާފައިވާ ސަލްމާން ރަސްގެފާނު މިސްކިތަށްވެސް ރަސްމީ ޒިޔާރަތެއް ކުރައްވާ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.
ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު، 23 އޭޕްރިލް 2025 ވާ ބުދަ ދުވަހުގެ ރޭ ސަލްމާނު މިސްކިތުގައި އިމާމުވެ މަޣްރިބް ނަމާދާއި ޢިޝާ ނަމާދު ކުރައްވާ ގޮތަށް ހަމަޖެހިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ. މީގެ އިތުރުން 24 އޭޕްރިލް 2025 ވާ ބުރާސްފަތި ދުވަހުގެ ރޭ އިސްލާމީ މަރުކަޒުގައި އިމާމުވެ ޢިޝާ ނަމާދު ކުރައްވާނީވެސް އެ މަނުކުފާނެވެ. އަދި ޢިޝާ ނަމާދަށްފަހު ހާއްސަ ދަރުހެއް ދިނުމަށް ހަމަޖެހިފައިވާއިރު ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރު ކުރައްވާނީ ޑރ. ޞަލާޙުލް ބުދައިރުއެވެ.