ފޭދޫގައި މިހާރު ކުރިއަށްދާ “ހާޝީޒް ފޭދޫ ސޮކަކަޕް 2018” ފުޓުބޯޅަ މުބާރާތުގައި މަރަދޫފޭދޫ އެފްސީ ލަނޑެއްޖަހައި ކުރިހޯދައިފައި ވަނިކޮށް ފޭދޫ ޔުނައިޓެޑް ފްރެންޑްސް ފަހުހާފުގައި ތިންލަނޑު ޖަހައި މިއަދުގެ މެޗު ކާމިޔާބުކޮށްފިއެވެ.
މަރަދޫފޭދޫއިން ލަނޑެއްޖަހައި މެޗުގެ ލީޑުނެގީ މެޗުގެ 21 ވަނަ މިނިޓުގައެވެ. އެޓީމަށް އެލަނޑު ޖަހައިދިނީ އެޓީމުގެ ޖާޒީ ނަމްނަރު 2 ހަސަން ފަހުމީއެވެ. އެ ލަނޑަށްފަހުވެސް އިތުރު ލަނޑެއްޖެހޭތޯ އެޓީމުން މަސައްކަތްކުރިއެވެ. އެހެންނަމަވެސް މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނީ އެ ނަތީޖާގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހަފުގައި ޔުނައިޓެޑް ފްރެންޑްސްގެ ފަރާތުން ފެނިގެންދިޔައީ ތަފާތު ކުޅުމެކެވެ. ގިނަފަހަރު ބޯޅަހިފަހައްޓައި މެޗުން މޮޅުވޭތޯ މަރަދޫފޭދޫ އެފްސީގެ ގޯލަށް ޔުނައިޓެޑު ފްރެންޑްސް ގެންދިޔައީ ހަމަލާތައް ފޮނުވަމުންނެވެ. ނަތީޖާއަކަށްވީ އެޓީމުގެ ފުރަތަމަ ލަނޑު މެޗުހުގެ 51 ވަނަ މިނިޓުގައި ކާމިޔާބު ކުރުމެވެ. އެ ލަނޑު ޖަހައިދިނީ އެޓީމުގެ ޖާޒީ ނަމްބަރު 9 އަލީ ލިރުޣާމެވެ. އޭގެ އެއްމިނިޓުފަހުން މެޗުގެ 52 ވަނަ މިނިޓުގައި އެޓީމުގެ ދެވަނަ ލަނޑު ޖަހައި މެޗުގެ ލީޑު އެޓީމުންނެގިއެވެ. އެލަނޑު ކާމިޔާބުކޮށްދިނީ ޔުނައިޓް ފުރެންޑްސްގެ ޖާޒީނަމްބަރު 22 މުހައްމަދު އަތީފެއެވެ. އެޓީމުގެ ތިންވަނަ ލަނޑު މެޗުގެ 69 ވަނަ މިނިޓުގައި ޖަހައިދިނީ ޖާޒީ ނަމްނަރު 10 މުހައްމަދު ސަޔަމެވެ.
މި ނަތީޖާއާއެކު މިހާތަނަށް ކުޅުނު ދެމެޗުންވެސް މޮޅުވެ ޔުނައިޑެޓް ފްރެންޑްސްވަނީ 6 ޕޮއިންޓް ހޯދައިފައެވެ. މަރަދޫފޭދޫ އެފްސީ ކުޅުނު ފުރަތަމަމެޗު ނިމުނީ އެއްވަރުވެގެންނެވެ. ދެ މެޗުން އެޓީމަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ.
މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ ޔުނައިޓެޑް ފުރެންޑްސްގެ ޖާޒީ ނަމްބަރު 9 އަލީ ލިރުޣާމެވެ.
މުބާރާތުގެ ފުރަތަމަބުރުގެ ފަހު މެޗުގައި މާދަމާ ބައްދަލުކުރާނީ ހިތަދޫ ނެކްސަސްއާއި، ހިތަދޫ މައިލޯ ސިޓީ އެފްސީއެވެ. މި މުބާރާތުގައި ނެކްސަސް ފުރަތަމަ ކުޅުނީ ފޭދޫ މެޖެންޓާއާ ދެކޮޅަށެވެ. އެމެޗު 3:0 ލަނޑުން ކާމިޔާބުކުރީ ނެކްސަސްއެވެ. މައިލޯ ސިޓީ އެފްސީ ފުރަތަމަ މެޗުންވަނީ 1:0 އިން މެޖެންޓާއަތުން ބަލިވެފައެވެ.
މުބާރާތުގެ އެއްވަނަ ހޯދާ ޓީމަކަށްވަނީ 75000 ރުފިޔާގެ އިނާމެއް ހުށަހަޅައިފައެވެ. ދެވަނަ ޓީމަށް ތިރީސް ހާސް ރުފިޔާވަނީ ހުށަހަޅައިފައެވެ. މިއީ އައްޑޫގައި މިފަދަ މުބާރާތެއް ނުބާއްވާތާ 25 އަހަރު ފަހުން ބާއްވާ މުބާރާތެކެވެ.
މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ހެޕީމާކެޓެވެ. ހެޕީމާކެޓަކީ ރާއްޖޭގައި ބާއްވާ މިފަދަ ހަރަކާތްތަކަށް ވަރަށް ފުރިހަމަ ގޮތެއްގައި އެހީތެރިކަން ފޯރުކޮށްދެމުން ގެންދާ ވިޔަފާރި ކުންފުންޏެވެ. އޮފިޝަލް މީޑީއާ ޕާޓްނަރަކީ އޭއޯނިއުސްއެވެ.