English Edition
Dhivehi Edition

ރާއްޖޭގެ ބައެއް ސްކޫލްތަކާއި، މާލޭގެ ސްކޫލްތައް ގުޅުވާލައި، ސްޓޭޓް އޮފް ދަ އާރޓް ޓެކްނޮލޮޖީގެ ވިއުގައިގެ އެހީގައި ކިޔަވައިދިނުމުގެ މަސައްކަތް މިއަހަރު ފެށިގެންދާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓަރ ޑރ އައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

ދިރާސީ އާއަހަރުގެ ކިޔެވުން ފެށުމާގުޅިގެން އެޑިޔުކޭޝަން މިނިސްޓަރ މިއަދު ވިދާޅުވީ ކިޔަވައިދިނުމުގައި ޓެކްނޮލޮޖީ ބޭނުންކުރާ މިންވަރު އިތުރުކުރުކޮށް ދަރިވަރުންނާއި ޓީޗަރުން އީޖާބީގޮތެއްގައި ބައިވެރި ކުރުމަށް ރާއްޖޭގެ ހުރިހާ ސްކޫލެއްގައި އިންޓަރނެޓް ވައިފައިކޮށް، ހިލޭ ލިބޭނެ އިންތިޒާމެއްވެސް މިއަހަރުގެ ތެރޭގައި ހަމަޖެހިގެންދާނެކަމަށެވެ. އަދި ތަޢުލީމީ ދާއިރާގެ ކަންތައްތައް ނިންމުމަށް ބޭނުންވާ ތަފާސް ހިސާބު އެއްކޮށް ބެލެހެއްޓުމާއި، ދަރިވަރުންގެ ހާޒިރީ ބެލުމުގެ ކަންތައްތައް އެޑިޔުކޭޝަން މެނޭޖްމަންޓް ސިސްޓަމެއްގެ ތެރެއިން ކުރެވޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

“ތަހުޒީބު މުޖުތައެއް ބިނާކުރުމަށް ފާއިތުވީ 4 އަހަރު ނުހަނުގިނަ އަދި ނަތީޖާ ޙާސިލްކުރެވުނު މަސައްކަތްތަކެއްވަނީ ކުރެވިފައި. އެގޮތުން ދަރިވަރުންނަށް ދެވޭ ތަޢުލީމުގެ ފެންވަރު ޔަގީންކުރުމަށް، ސްކޫލްތަކުގައި ކުރިއަށް ގެންދެވޭ އުގެނުމާއި އުގަންނައިދިނުމުގެ މަސައްކަތުގެ ފެންވަރު އަބަދުމެ މިގެންދަނީ ބަލައި، ވަޒަންކުރަމުން. އަދި ހަރުދަނާކުރުމަށް ކުރަންޖެހޭ ކަންކަން ފާހަގަކުރެވި، އެކަންކަން ހަރުދަނާކޮށް ތަރައްގީކުރުމަށް ގިނަ މަސައްކަތްތަކެއްވަނީ ކުރެވިފައި. ސްކޫލްތަކުގެ ހިންގުން ހަރުދަނާކޮށް، ދަރިވަރުންނަށް ފަހިކޮށްދޭންޖެހޭ ފުރުސަތުތައް ވާނީ ފުޅާ ދާއިރާއެއްގައި ފަހިކޮށްދީފައި. ޓީޗަރުންގެ ޢިލްމީ ގާބިލްކަން މަތިކުރުމަށް ހިންގަންޖެހޭ ކުރު މުއްދަތާއި ދިގު މުއްދަތުގެ ގިނަ ޢަދަދެއްގެ ކޯސްތައްވަނީ ހިންގިފައި. ސްކޫލްތަކަކީ ދަރިވަރުންނަށް އުފާވެރި ތަނަކަށް ހެދުމަށް، ސްކޫލްތަކުގެ ވަސީލަތްތައް ހަމަކޮށްދިނުމަށާއި، ސްކޫލްތަކުގެ ޖާގަ ތަނަވަސްކޮށްދިނުމަށް ބުރަ އަދި ކާމިޔާބު މަސައްކަތްތަކެއްވަނީ ކުރެވިފައި. ” ކަމަށް މިނިސްޓަރ މިއަދު ވިދާޅުވިއެވެ.

މީގެ އިތުރުން ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް މީގެ ކުރިން ސަމާލުކަން ނުދެވޭ މިންވަރަށް ފާއިތުވީ 4 އަހަރު ސަމާލުކަންދެވިފައިވާނެކަށާއި އެގޮތުން ދަރިވަރުންގެ ސިއްހީ ކަންކަން ބެލުމާއި، ތަޢުލީމުން އެއްވެސް ކުއްޖަކު މަހްރޫވް ވެދާނެފަދަ ކަންތައްތައް ދުރާލައި ބަލައި، ދަރިވަރުން ރައްކާތެރިކުރުމަށް ޚާއްސަ ފިޔަވަޅުތައް އަޅަމުން ގޮސްފައިވާނެކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.

” ސްކޫލް ތަޢުލީމު ނިންމާ ކޮންމެ ދަރިވަރަކަށް ޢިލްމީގޮތުން ނުވަތަ މަސައްކަތްތެރިކަމުގެ ރޮނގުން ކުރިއަށް ދިއުމުގެ ފުރުސަތުވާނީ ފަހިކޮށްދީފައި. އެންމެ ކުއްޖަކުވެސް ބާކީ ނުކުރާނެކަމަށް އަޅުގަނޑުމެންވީ ވަޢުދުގެ ދަށުން، ސްކޫލްތަކުގައި ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔެވޭނެ ފުރުސަތު ފަހިކޮށްދީ، އެ ދަރިވަރުންނަށް ކިޔައިދިނުމަށް ޚާއްސަ ހުނަރުތައް ލިބިދީފައިވާ ޓީޗަރުން ތަމްރީނުކުރެވިފައިވާނެ. އަދި މަތީ ތަޢުލީމުގެ ދަރިވަރުންގެ އެންރޯލްމަންޓް 19 އިން ސައްތަ އިން 32 އަށް ފާއިތުވީ 4 އަހަރު އިތުރު ކުރެވުނު. ތަފާތު ދާއިރާތަކުން 5200 ދަރިވަރަކަށް މަތީ ތަޢުލީމު ޙާސިލްކުރުމުގެ ފުރުސަތު ފަހިކޮށްދެވުނު.” ޑރ އައިޝަތު ޝިހާމް ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ މި އަހަރަކީ ފާއިތުވީ 4 އަހަރު ކުރިއަށް ގެންދިޔަ ޕްރޮގްރާމްތަކުން، ދަރިވަރުންނަށް އޭގެ ހެޔޮ އަސަރުކުރި މިންވަރު ބަލައި، ދަރިވަރުންނަށް ކުރިއަށް ދިއުމަށް އިތުރު ރޮނގުތައް ފަހިކޮށްދިނުމަށް މަސައްކަތްކުރާނެ އަހަރަކަށް ވެގެންދާނޭ ކަމުގައެވެ.