ރައްޔިތުންނާއި ގާތުން ސިއްހީ ޚީދުމަތް ފޯރުކޮށް ދިނުމަށް ހިންގާ އައުޓްރީޗް ޕްރޮގްރާމްގެ ދަށުން އޮޕަރޭޝަން ބަލިތަކަށް ހާއްސަ، އައިޖީއެމްއެޗްގެ ޑޮކްޓަރުންގެ ޓީމެއް ގދ ތިނަދޫ ޑރ. އަބުދު ސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ބަލާގޮތަށް ހަމަޖެހިއްޖެއެވެ.
ހެލްތް މިނިސްޓްރީން ބުނީ މިމަހުގެ 24 އިން 26 ކުރިއަށް ގެންދާ މި ކޭމްޕްގައި ރާއްޖޭގައި ތިއްބެވި މިދާއިރާގެ ތަޖުރިބާކާރު ޑޮކްޓަރުން ގެ ޓީމެއް ބައިވެރިވާނެ ކަމަށެވެ. މި ޓީމްގައި ޖުމުލަ 8 ޑޮކްޓަރުން ހިމެނޭއިރު ހެލްތް މިނިސްޓްރީން ބުނީ މި ޓީމުން ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތް ތަކުގެ ތެރޭގައި އޯޕީޑީގައި ބަލިމީހުން ބަލައި ފަރުވާދޭނެ ކަމަށެވެ. އަދި ޑޮކްޓަރުންނާއި ނަރުހުންނަށް ތަމްރީން ދިނުމުގެ އިތުރުން އެކި އޮޕަރޭޝަންތައް ކުރުން ހިމެނެއެވެ.
ޑޮކްޓަރުންގެ ޓީމް
މި ޓީމް ގެ ޑޮކްޓަރުންނަށް ދެއްކުމަށް މިހާރު ވަނީ އެޕޮއިންޓްމަންޓް ހެދުމުގެ ފުރުސަތު ހުޅުވާލާފައެވެ. މިއީ ހެލްތު މިނިސްޓްރީ އަދި އައިޖީއެމްއެޗް ގުޅިގެން ތިނަދޫ ޑރ. އަބުދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ކުރިއަށް ގެންދާ ކޭމްޕެކެވެ.