English Edition
Dhivehi Edition
އައިޖީއެމްއެޗުގެ އޮޕަރޭޝަން ތިއޭޓަރު: ފޮޓޯ އައިޖީއެމްއެޗް

ދިވެހިރާއްޖޭގެ ސިއްހީ ނިޒާމަށް އިތުރު ކުރިއެރުމެއް ލިބި، އުކުޅުވަޅު ހުޅުގެ ކަށި ހަލާކުވާ ބަލި ނުވަތަ ‘އޮސްޓިއޯނެކްރޯސިސް’ އަށް ފަރުވާ ދިނުމަށް ކުރާ އެންމެ ޒަމާނީ އޮޕަރޭޝަން ރާއްޖޭގައި ފަށައިފިއެވެ. ކޯ ޑިކޮމްޕްރެޝަންގެ ނަން ދީފައިވާ މި ބޮޑު އޮޕަރޭޝަން ރަސްމީކޮށް ފަށާފައިވަނީ އައިޖީއެމްއެޗް އަދި ދަރުމަވަންތަ ހޮސްޕިޓަލުގައެވެ.

މިއީ ހަށިގަނޑުން ވަރަށް ކުޑަ ތަންކޮޅެއް ކަފައިގެން ކުރިއަށްގެންދާ އޮޕަރޭޝަނެކެވެ. މި ފަރުވާގައި ހާއްސަ އާލާތްތައް ބޭނުންކޮށްގެން ހަލާކުވެފައިވާ ކަށިތައް ސާފުކުރުމަށް ފަހު، ބޯން ގްރާފްޓް އަދި ޕީއާރުޕީ މެދުވެރިކޮށް އާ ކަށި އުފެދުމަށް ބާރުއަޅައެވެ.

މިފަދަ ޒަމާނީ ފަރުވާއެއް ތައާރަފުކުރުމުގެ އެންމެ ބޮޑު ފައިދާއަކީ ބަލިމީހާ އުފުލަންޖެހޭ ތަކުލީފުތައް ކުޑަވުމެވެ. އެގޮތުން، ކުޑަ ތަންކޮޅެއް ކަފައިގެން ކުރާ މި އޮޕަރޭޝަނަށް ފަހު ބަލިމީހާ އަވަހަށް ފަސޭހަވެ، އާންމު ދިރިއުޅުމަށް އެނބުރި ދިއުމުގެ ފުރުސަތު ވަރަށް ބޮޑަށް ފަހިވެގެންދާނެ ކަމަށް ހޮސްޕިޓަލުން ބުންޏެވެ.

ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާކޮށް، ފެންވަރު ރަނގަޅު ޒަމާނީ ފަރުވާތައް ރާއްޖެއިން ލިބޭނެ މަގު ތަނަވަސްކޮށްދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވާ ހާއްސަ އިސްކަމާއި އެހީތެރިކަން ފާހަގަކޮށް، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އިން ވަނީ އެމަނިކުފާނަށް ޝުކުރު އަދާކޮށްފައެވެ.

މީގެ އިތުރުން، މި މުހިންމު ހިދުމަތް ތައާރަފުކުރުމުގައި އައިޖީއެމްއެޗް އާއި ދަރުމަވަންތަ ހޮސްޕިޓަލުގެ ކަށީގެ ބަލިތަކާ ބެހޭ ޑިޕާޓްމަންޓުގެ ޑޮކްޓަރުންނާއި، ނަރުހުން އަދި ފަންނީ މުވައްޒަފުން ކުރެއްވި ބުރަ މަސައްކަތް ފާހަގަކޮށް ހޮސްޕިޓަލުގެ މެނޭޖްމަންޓުން ވަނީ އެ ފަރާތްތަކަށް ތައުރީފުކޮށްފައެވެ.