ފައިސާ މާރުކުރުމުގައި ސަމާލުވުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އެދިއްޖެއެވެ.
ފުލުހުންގެ ސައިބަރ ކްރައިމް ޑިޕާޓްމަންޓުން ވަނީ ބޭރު ފައިސާ ގެނެވިއްކާ ފަރާތްތަކަކީ އެމްއެމްއޭގެ ހުއްދަ އޮވެގެން ބޭރު ފައިސާ ގަނެ ވިއްކުމުގެ ވިޔަފާރިކުރާ ފަރާތެއްތޯ ކަށަވަރު ކުރުމަށް އެދިފައެވެ. އަދި ރަޖިސްޓަރކޮށްފައިވާ ފަރާތްތަކުގެ މައުލޫމާތު އެމްއެމްއޭގެ ވެބްސައިޓުން ފެންނަން ހުންނާނެކަން ސައިބަރ ކްރައިމް ޑިޕާޓްމަންޓުން ވަނީ ބުނެފައެވެ.
“ތިމާއަށް ގެއްލުމެއް ލިބުމުގެ ކުރިން ބޭރު ފައިސާ މާރުކުުރުމުގައި ސަމާލުވޭ!” ފުލުހުން ބުންޏެވެ.
މީގެ އިތުރުން ވައިބާ ހެކްކޮށްގެން ރަހުމަތްތެރިންނާއި އާއިލާ މެމްބަރުންގެ އަތުން ފައިސާ ހޯދާ މައްސަލަތައް އިތުރުވަމުންދާކަން ސައިބާ ކްރައިމް ޑިޕާޓްމަންޓުން ދާދި ފަހުން ވަނީ ހާމަކޮށްފައެވެ. ފައިސާ ފޮނުވުމުގެ ކުރިން ކާކުތޯ ޔަގީންކުރުމަށް އެދި ފުލުހުން ވަނީ އޯޓީޕީ ކޯޑު އެއްވެސް ފަރާތަކާ ހިއްސާ ނުކުރުމަށް އެދިފައެވެ. އަދި ހަމަ މެސެޖެއް ލިބޭ އިރަށް ފައިސާ ނުފޮނުވުމަށްވެސް ވަނި އެދިވަޑައިގެންފައެވެ.
އިތުރުން ސައިބާ ކްރައިމް ޑިޕާޓްމަންޓުން ވަނީ ސޯޝަލް މީޑިއާ ހެކްކޮށްގެން ނުވަތަ އެކި މީހުންގެ ނަމުގައި ގުޅައިގެން ހިންގާ ސްކޭމްތަކަށް ސަމާލުވުމަށްވެސް އެދިފައެވެ. ސްކޭމް މައްސަލަތައް ރިޕޯޓްކުރުމަށް ޚާއްސަ ކޯލް ސެންޓަރެއް ދިވެހި ފުލުހުންގެ ޚިދުމަތުން ދާދި ފަހުން ވަނީ ގާއިމްކޮށްފައެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ހިނގާ ސްކޭމް މައްސަލަތަކާ ގުޅިގެން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތައް އެޅުމާއި އެހެން އިދާރާތާކާއެކު ކުރަންޖެހޭ މުޢާމަލާތްތައް މަރުކަޒީ ގޮތެއްގައި ބަލަހައްޓާނީ އެންޓި ސްކޭމް ސެންޓަރުންނެވެ.
މިކޯލް ސެންޓަރަށް މައްސަލައެއް ރިޕޯޓްކުރާ ހިސާބުން ފެށިގެން މާލީ އިދާރާތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި އެއިދާރާތަކުން ލިބެންޖެހޭ މަޢުލޫމާތު ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އެންޓި ސްކޭމް ސެންޓަރުންނެވެ. ނޭޝަނަލް އިމަޖެންސީ ނަމްބަރު 911އާއި އެންޓި ސްކޭމް ހޮޓްލައިން 125 (އެކްސްޓެންޝަން 2020 އަދި އެންޓި ސްކޭމް ސެންޓަރުގެ އީމެއިލް މެދުވެރިކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުންވެސް ސްކޭމްއާ ގުޅުންހުރި މައްސަލަތައް ރިޕޯޓްކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މިހާރެކޭވެސް އެއްގޮތަށް މާލެއާއި އަތޮޅުތަކުގައި ގާއިމްކޮށްފައިވާ ސެންޓަރުތަކަށްވެސް މިފަދަ މައްސަލަތައް ހުށަހެޅޭނެކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުންގެ ހިދުމަތުންވަނީ ކުރިއަށް އޮތް ދުވަސްތަކުގައިވެސް ސްކޭމް މައްސަލަތައް ހުއްޓުވުމަށް އެފަދަ މައްސަލަތައް ވީ އެންމެއަވަހަކަށް އެންޓި ސްކޭމް ސެންޓަރަށް ރިޕޯޓްކުރުމަށް އެދިފައެވެ.