ރާއްޖެ އާއި އެމްޑީޕީ އަދި ޑިމޮކްރެޓްސް އަށް ވެސް އެންމެ ރަނގަޅު ގޮތަކީ އެ ދެ ޕާޓީ ގުޅުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ ރާއްޖެއަށާއި އެމްޑީޕީއަށާއި ޑިމޮކްރެޓްސްއަށް ވެސް މި ވަގުތު އެންމެ ރަނގަޅު ގޮތަކީ ދެ ޕާޓީ ގުޅުން ކަމަށް އެ މަނިކުފާނު ދެކެވަޑައިގަންނަވާ ކަމަށެވެ.
ނަޝީދު މިހެން ވިދާޅުވެފައި މި ވަނީ ޑިމޮކްޓެސްގެ އިސް ބައެއް ބޭފުޅުން އަލުން އެމްޑީޕީއަށް ބަދަލުވެ އަދި އެމްޑީޕީގެ ރިޔާސީ ޓިކެޓްގެ ވާދަވެރިކަން ބޮޑުވެފައިވާ ކަމުގެ އަޑު ގަދަވެފައި ވަނިކޮށެވެ.
އެމްޑީޕީ އާއި ޑިމޮކްރެޓްސް ގުޅިގެން މަސައްކަތް ކުރުން ކަމަށް ވިދާޅުވެ ނަޝީދު ހުށަހެޅުއްވި ހުށަޅުމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލްވަނީ ތާއީދު ވެސް ކުރައްވަވާފައެވެ.
އެކަމާއި ގުޅިގެން ފައްޔާޒް ވިދާޅުވީ، ސަރުކާރު ހަމަމަގަށް އަޅުވައި ގާނޫނު އަސާސީ ހިމާޔަތް ކުރުމުގެ މަސައްކަތުގައި ގުޅިގެން މަސައްކަތް ކުރަން ތިބި އެންމެންނާ އެކު މަސައްކަތް ކުރަން އެމްޑީޕީން އޮތީ ތައްޔާރަށް ކަމަށެވެ. އަދި އެއީ އެ ޕާޓީން މީގެ ކުރިން ވެސް ނިންމާފައިވާ ނިންމުމެއްކަމަށާއި ، އެމްޑީޕީއާއެކު ގުޅިގެން މަސައްކަތް ކުރުމަށް މީގެ ކުރިން ވެސް ޑިމޮކްރެޓްސްއަށާއި ބައެއް އެހެން ޕާޓީތަކަށް ހުށަހަޅާފައި ވާނެކަމަށެވެ.
ނިމިދިޔަ ވެރިކަމުގައި، އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދާ ދޭތެރޭގައި ޖެހުނު މައްސަލަތައް ހައްލު ނުކުރެވި އެމްޑީޕީން ވަކިވެވަޑައިގެން ނަޝީދު އިސްވެ ހުންނަވައި ޑިމޮކްރެޓްސް އުފެއްދީ ޖޫން، 2023 ގަ އެވެ. ނަޝީދު އޭރު ވަނީ އެމްޑީޕީ “ރޫޅާލާނަން” ކަމަށް ވިދާޅުވެ އެ ޕާޓީއަށް ރިޔާސީ އިންތިހާބު ކާމިޔާބުވިޔަ ނުދިނުމަށް މަސައްކަތް ކުރައްވައިފަ އެވެ.
ރާއްޖޭގެ ސިޔާސީ ދާއިރާއިން މި ވަގުތު ދުރުގައި ހުންނެވި ނަޝީދަކީ ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) ގެ ސެކްރެޓަރީ ޖެނެރަލެވެ. އެ މަސްއޫލިއްޔަތުތައް އަދާކުރެއްވުމަށް މީގެ އަހަރެއް ކުރިން އެ މަނިކުފާނު ވަނީ ގާނާއަށް ބަދަލުވެވަޑައިގެންފަ އެވެ. އަދި މިވަގުތު އެމްޑީޕީ އަދި ޑިމޮކްރެޓްސްގައި ވެސް އަމަލީ މަސައްކަތެއް ނުކުރައްވާނެ ކަމަށް މިދިޔަ ޖެނުއަރީ މަހު ވިދާޅުވި އެވެ.