ރާއްޖޭގައި ގާއިމުކުރާ މެޑިކަލް ސްކޫލަށް ކުދިން އެންރޯލް ކުރުމުގެ މަސައްކަތް ކުރިއަށް އޮތް ދެތިން މަހެއްގެ ތެރޭގައި ފަށާނެކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަދި އެ މަސައްކަތުގައި އިސްކޮށް އުޅުއްވާ ދުންޔާ މައުމޫން ޕީއެސްއެމްގައި ވިދާޅުވީ މެޑިކަލް ސްކޫލަށް ބޭނުންވާ އިކުއިޕްމަންޓްތައް ހޯދުމުގެ މަސައްކަތް މިނިސްޓްރީން މިހާރު ފަށާފައިވާކަމަށެވެ. އަދި ސްކޫލަށް ބޭނުންވާ ޓީޗަރުންނާއި ލެކްޗަރާއިން ހޯދުމާއި، ކުދިން އެންރޯލް ކުރުމުގެ މަސައްކަތް ކުރިއަށް އޮތް ދެތިން މަހެއްގެ ތެރޭގައި ފަށާނެކަމަށެވެ.
ރާއްޖޭގައި ތިބެގެން އެމް.ބީ.ބީ.އެސް ފެންވަރަށް ޑޮކްޓަރުކަން ކިޔަވަން ބޭނުންވާ ފަރާތްތަކަށާއި، ސިއްޙީ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް މަތީ ތަޢުލީމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ މަގުޞަދުގައި ގާއިމުކުރާ މި ސްކޫލުގެ މަސައްކަތް ނިންމާ 2018 ވަނަ އަހަރު މިތަނުގައި ކިޔަވައިދޭން ފެށުމަކީ ސަރުކާރުގެ އަމާޒެކެވެ.
ޕާކިސްތާނުގެ އެހީތެރިކަމާއެކު ޤާއިމުކުރާ މި ސްކޫލުގެ މަސައްކަތް ހެލްތް މިނިސްޓްރީން ކުރަމުން އަންނަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލްގެ ފަންނީ އެހީތެރިކަމާއެކުގައެވެ. ދަރުމަވަންތަ ހޮސްޕިޓަލުގެ 25 ބުރީގެ ޢިމާރާތުން 2 ބުރި މި ސްކޫލް ހިންގުމަށް ސަރުކާރުން މިހާރު ވަނީ ކަނޑައަޅުއްވާފައެވެ.
ދުންޔާ ވިދާޅުވީ ސްޓިއަރިންގ ކޮމެޓީގެ ބެއްލެވުމުގެ ދަށުން މިހާރު މިދަނީ އިކުއިޕްމަންޓް އޯޑަރުކުރުމުގެ މަސައްކަތް ކުރަމުންކަމަށެވެ.
” ކަރިކިއުލަމް ރިވިއުކޮށް، ކަރިކިއުލަމްއެއް ނިންމުމުގެ މަސައްކަތްވެސް ވަރަށް އަވަހަށް ކުރިއަށްދާނެ. ކިޔަވައިދެއްވާނެ ބޭފުޅުން ހޯދުމާއި، އެބޭފުޅުންނަށް ތަމްރީންދިނުމާއި، އަދި ކުދިން ސެލެކްޓްކުރުމުގެ ޕްރޮސެސް ދެން އޮތް ދެތިން މަސްތެރޭގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ކުރިއަށްގެންދެވޭނެ. އަޅުގަނޑުމެންގެ އުންމީދަކީ 2018 ގައި މި މެޑިކަލް ސްކޫލް ރާއްޖޭގައި ހުޅުވިގެންދިޔުން. އެއީ ފެންވަރު ރަނގަޅު ސްކޫލަކަށް ހެދުމަށް އަޅުގަނޑުމެން މި މަސައްކަތް ކުރަނީ. މުޅި ދުނިޔޭގެ ބަލައިގަތުން އަޅުގަނޑުމެން ބޭނުންވޭ. އެއީ ރަނގަޅު ކޮލެޓީގެ ޑޮކްޓަރުން އަޅުގަނޑުމެން އުފައްދަންޖެހޭ ރައްޔިތުންނަށް ރަނގަޅަށް ހިދުމަތް ދިނުމަށް” ދުންޔާ ވިދާޅުވިއެވެ.