ގދ. ތިނަދޫ ސިޓީގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރިންޓް ކުރުމުގެ ހިދުމަތް ފަށާފައިވާ ކަމަށް ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) އިން ވިދާޅުވެއްޖެއެވެ.
ޑީއެންއާރްއިން ވިދާޅުވީ އައިޑީ ކާޑު ޕްރިންޓް ކުރުމުގެ ޚިދުމަތް ގދ. އަތޮޅަށް ފުޅާކޮށްފައިވާ ކަމަށާއި، ގދ. އަތޮޅު ކައުންސިލުން އައިޑީ ކާޑު ޕްރިންޓުކޮށް އަތޮޅުގެ އެހެން ރަށްރަށަށް ފޮނުވުމުގެ މަސައްކަތްކުރާނެ ކަމަށެވެ.
މިއީ މާލޭން ބޭރުން އަތޮޅުތަކުގައި އައިޑީ ކާޑު ޕްރިންޓްކޮށް، ދޫކުރުމުގެ ހިދުމަތްދޭ 14 ވަނަ ސަރަހައްދުކަމަށްވެސް ޑީއެންއާރުން ވަނީ ފާހަގަކުރައްވާފަައެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ އަތޮޅަކުން ނުވަތަ އަތޮޅުވެރިކަން ކުރާ ރަށަކުން އައިޑީ ކާޑުގެ ޚިދުމަތް ފޯރުކޮށްދިނުމަކީ ސަރުކާރުގެ ސިޔާސަތުގެ ތެރޭގައި ހިމެނޭކަމެކެވެ.
ރާއްޖޭގައި ދިރިއުޅޭ ރައްޔިތުންގެ މައުލޫމާތު އެއްކޮށް އެއްތަނަކުން ބެލެހެއްޓުމުގެ މަސައްކަތް 1984 ވަނަ އަހަރު ފެށީ އައިޑެންޓިޓީ ކާޑު ޔުނިޓުންނެވެ. އެއަށް ފަހު އޮފީހުގެ ނަން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން އަށް ބަދަލުކުރީ 11 ނޮވެމްބަރު 1993 ގައެވެ.