English Edition
Dhivehi Edition

ފޭދޫގައި މިހާރު ކުރިއަށްދާ “ހާޝީޒް ފޭދޫ ސޮކަކަޕް 2018” ފުޓުބޯޅަ މުބާރާތުގައި ހިތަދޫ މައިލޯސިޓީ އެފްސީ އާއި ފޭދޫ މެޖެންޓާ މިއަދު ބައްދަލުކުރި މެޗު މެޖެންޓާ ކާމިޔާބުކޮށްފިއެވެ.

މެޖެންޓާއިން މެޗު ކާމިޔާބުކުރީ މެޗުގެ 11 ވަނަ މިނިޓުގައި އެޓީމުގެ ޖާޒީނަމްބަރު 10 އަލީ ނާފިއު ބޮލުން ވައްދާލި ލަނޑުން 1:0 ލަނޑުން މޮޅުވެގެންނެވެ. މެޗުގެ ފުރަތަމަ ހާފުގައި މެޖެންޓާއިން ރަނގަޅަށްކުޅެ ހަމަލާތަކެއް އުފެއްދި ނަމަވެސް އިތުރު ގޯލެއް ޖެހޭގޮތެއް ނުވިއެވެ.

މެޗުގެ ދެވަނަ ހަފުގައި މައިލޯސިޓީ އެފްސީ ފެނިގެންދިޔައީ މެޖެންޓާއަށްވުރެ ވަރުގަދަކޮށްނެއެވެ. ފަހުހާފުގައި ރަނގަޅަށްކުޅެ އެޓީމުންވަނީ މެޖެންޓާގެ ގޯލަށް ނުރައްކާކޮށްފައެވެ. އެހެންނަމަވެސް އެއްވެސް ބޯޅައެއް ތިންދަނޑިން އެތެރެކޮށްލެވޭ ގޮތެއްވި ނުވިއެވެ. ފަހުހާފުގައި މެޖެންޓާއިންވެސްވަނީ މައިލޯ ސިޓީ އެފްސީގެ ގޯލަށް ދޭތެރެދޭތެރެއިން ނުރައްކާ ކޮށްފައެވެ. އެހެންނަމަވެސް މެޗު ނިމިގެންދިޔައީ ނަތީޖާއަށް ބަދަލެއް ނައިސް 1:0 ލަނޑުން މެޖެންޓާ މޮޅުވެގެންނެވެ.

މިއީ މި މުބާރާތުގައި މެޖެންޓާ ކުޅުނު ދެވަނަ މެޗެވެ. ފުރަތަމަމެޗު ހިތަދޫ ނެކްސަސްއާ ކުޅެ މެޖެންޓާވަނީ 3:0 ލަނޑުން ބަލިވެފައެވެ. މައިލޯ މިއަދު ކުޅުނީ އެމީހުންގެ ފުރަތަމަ މެޗެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން މައިލޯސިޓީ އެފްސީގެ ކޯޗު މުހައްމަދު އަލްތާފު ބުނީ މިއަދުގެ މެޗަކީ ތިން ޕޮއިންޓް ގެއްލިގެންވާނެވަރުގެ މެޗެއްނޫން ކަމަށެވެ. އެހެނަމަވެސް ފުރަތަމަ މެޗަށްވެފައި ކުޅުންތެރިން އައުވީމާ މެޗު ގެއްލުނީ ކަމަށް އޭނާ ބުންޏެވެ. މިއަދުގެ މެޗުން ބަލިވިޔަސް ކުރިއަށްހުރި މެޗުތަކުން ރަނގަޅު ނަތީޖާއެއް ހޯދުމަށް ވަރަށްބޮޑަށް މަސައްކަތްކުރާނެ ކަމަށް އޭނާ ބުންޏެވެ.

މެޖެންޓާގެ ކެޕްޓަން އަލީ ނާފިއު ބުނީ މިމެޗުން މޮޅުވުމަކީ ކުރިއަށްދިޔުމަށް ލިބުނު ހިތްވަރެއް ކަމަށެވެ. ކުރިއަށްހުރި މެޗުތަކުން ރަނގަޅު ނަތީޖާ ނެރެވޭނެ ކަމުގެ އުންމީދު ވަރަށްބޮޑު ކަމަށްވެސް އޭނާ ބުންޏެވެ.
މެޗުގެ މޮޅުކުޅުންތެރިއާގެ މަގާމް ހޯދީވެސް މެޗުގެ ހަމައެކަނި ލަނޑު ޖަހައިދިން މެޖެންޓާގެ އަލީ ނާފިއުއެވެ. މުބާރާތުގައި މާދަމާކުޅޭ މެޗުގައި ބައްދަލުކުރާނީ ފޭދޫ ޔުނައިޓެޑް ފުރެންޑްސްއާއި، މަރަދޫފޭދޫ އެފްސީއެވެ. މި މެޗުވެސް ފަށާނީ މާދަމާ ހަވީރު 4:00 ގައި ފޭދޫ ފުޓުބޯޅަ ދަނޑުގައެވެ.

މުބާރާތުގެ އެއްވަނަ ހޯދާ ޓީމަކަށްވަނީ 75000 ރުފިޔާގެ އިނާމެއް ހުށަހަޅައިފައެވެ. ދެވަނަ ޓީމަށް ތިރީސް ހާސް ރުފިޔާވަނީ ހުށަހަޅައިފައެވެ. މިއީ އައްޑޫގައި މިފަދަ މުބާރާތެއް ނުބާއްވާތާ 25 އަހަރު ފަހުން ބާއްވާ މުބާރާތެކެވެ.

މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ހެޕީމާކެޓެވެ. ހެޕީމާކެޓަކީ ރާއްޖޭގައި ބާއްވާ މިފަދަ ހަރަކާތްތަކަށް ވަރަށް ފުރިހަމަ ގޮތެއްގައި އެހީތެރިކަން ފޯރުކޮށްދެމުން ގެންދާ ވިޔަފާރި ކުންފުންޏެވެ. އޮފިޝަލް މީޑީއާ ޕާޓްނަރަކީ އޭއޯނިއުސްއެވެ.