English Edition
Dhivehi Edition

ހުޅުމީދޫ ޕޮލިސްޓޭޝަނުން އިސްނަގައިގެން ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާ ރޯދަހަދިޔާ ހަވާލު ކުރުމުގެ ޕްރޮގްރާމް ކާމިޔާބު ކަމާއެކު ރަމަޟާން މަހުގެ 16ވަނަ ދުވަހު ނިންމާލައިފިއެވެ.

މިޕްރޮގްރާމްގައި ހުޅުދޫ އަދި މީދޫ ޖުމްލަ 60 ގެއަކަށް ހަދިޔާ ހަވާލުކޮށްފައި ވެއެވެ. އެއީ ހުޅުދޫ 30 ގެއަކާއި މީދޫ 30 ގެއަކަށެވެ.

ހަދިޔާ ހަވާލު ކުރުމުގެ ޕްރޮގްރާމް އިއްޔެ ފެށުމުގެ ގޮތުން ހުޅުމީދޫ ޕޮލިސް އިންޗާޖް އިންސްޕެކްޓަރ އޮޕް ޕޮލިސް އަލީ މަޒާހިމް ވިދާޅުވީ 2020 ވަނަ އަހަރުން ފެށިގެން ހުޅުމީދޫ ޕޮލިސްޓޭޝަނުން ކުރިއަށް ގެންދަވާ މި ޕްރޮގްރާމް މިފަހަރު އިތުރަށް ފުޅާ ކުރުމަށް ހާއްސަ އިސްކަމެއްދީފައިވާ ކަމަށެވެ. އެ ގޮތުން ރަށުގެ މުއައްސަސާތަކާއި ޖަމިއްޔާތަކާއި އަދި ކްލަބްތައް ބައިވެރިކޮށްގެން ކުރިއަށް ގެންގޮސްފައިވާކަމަށް މަޒާހިމް ވަނީ ވިދާޅުވެފައެވެ.

މި ޕްރޮގްރާމްގައި ހުޅުމީދޫ ޕޮލިސްޓޭޝަނުގެ އިތުރުން ސ.އަތޮޅު މަދަރުސާ، ބޭންކޮ އޮފް މޯލްޑިވްސް ހުޅުމީދޫ ބްރާންޗް، ހުޅުމީދޫ މެޖިސްޓްރޭޓް ކޯޓް،ހުޅުމީދޫ ފަޔަރ ސްޓޭޝަން، މީދޫ އަވަށު އޮފީސް، އެސްޓީއޯ ހުޅުމީދޫ ފިހާރަ ،އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް، ވެމްކޯ ހުޅުމީދޫ، ޝާއިރުންގެވާދީ، ލެވެންޑާ ހޭންޑްބޯލް ކްލަބް އަދި އާލީޓަޗް ފުޓްބޯލް އެކަޑަމީ އިން ބައިވެރިވެފައި ވެއެވެ.

މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިޔުމަށް ބައިވެރިވި ފަރާތްތަކާއި ހަދިޔާ ބަދަލު ކުރުމުގައި ބައިވެރިވެފައި ވާތީ އެފަރާތްތަކަށް ހުޅުމީދޫ ޕޮލިސްޓޭޝަނުންވަނީ ޝުކުރު އަދާކޮށްފައެވެ.