އައްޑޫ ސިޓީ ހުޅުމީދޫ އަކީ ޒަމާނުއްސުރެ އިޖްތިމާއީ މަސައްކަތްކުރުމުގައި ނަމޫނާ ދައްކަމުން އަންނަ ރަށެކެވެ. ރަށުގައި ހެދިފައިވާ ފިނި މައިޒާންތަކުން ފެށިގެން ރަށުގެ ސާފުތާހިރުކަމަކީ މިކަމުގެ ވަރަށް ބޮޑު ހެއްކެއްކަން ޔަގީނެވެ. މި ދެރަށުގެ އިޖްތިމާއީ ކަންތައްތަކަށް ސަރުކާރުގެ މުއައްސަސާތަކުން ދެއްވާ އެހީތެރިކަމާއި އެއްބާރުލުމަކީ މި މަސައްކަތް ކުރާ ފަރާތްތަކަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމަކާއި ހިތްވަރެކެވެ. މި ގޮތުން އައްޑޫ ސިޓީ ހުޅުމީދޫ ޕޮލިހަކީ މި ފަދަ ދެވަނަ އެއް ނެތް ނަމޫނާ މުއައްސަސާއެކެވެ. ރަށުގެ ކޮންމެ ޖަމްމިއްޔާ ޖަމާއަތަކުން ކުރާ މަސައްކަތަކަށްވެސް އެ މުއައްސަސާގެ އެއްބާރުލުމާއި އެހީތެރިކަން ލިބިގެން ދެއެވެ. މީގެ އިތުރުން އެ މުއައްސަސާ އިން އިސްނަގައިގެން މި ދެރަށުގައި ކޮށްފައިވާ މަސައްކަތުގެ ތެރެއިން ހުޅުމީދޫ ޕޮލިސް ދަނޑަކީ ފާހަގަކޮށްލެވޭ އެއްތަނެވެ.
ޕޮލިސް ސްޓޭޝަން ކައިރީ، ހުޅުދޫ އާއި ވީކޮޅަށް އޮންނަ އެ ހުސްބިމަކީ ހުޅުމީދޫ ޕޮލިސް ސްޓޭޝަންގެ ބިމެކެވެ. ޕޮލިސް ސްޓޭޝަން ވަށައިގެން ފާރު ރޭނި އިރުވެސް އެ ސަރަހައްދު ގިނަ ބަޔަކަށް ބޭނުންކުރެވޭ ގޮތަށް ބަންދު ނުކޮށް ބޭއްވި އެންމެ މައިގަނޑު އެއް ސަބަބަކީ މީގެ ކުރިންވެސް އެ ސަރަހައްދުގައި ނެޓްބޯޅަ ދަނޑެއް ހަދާ ގިނަ ރައްޔަތުން ބޭނުންކުރަމުން އައި ސަރަހައްދަކަށްވެ އެ ސަރަހައްދަކީ ރަށުގެ ރައްޔަތުންނަވެސް އެކިއެކި ކަންކަމުގައި ފަސޭހައިން ބޭނުން ކުރެވޭނެ ސަރަހައްދަކަށް ހެދުމެވެ.އޭރުވެސް އެ ދަނޑުގައި އަންހެން ފުޓްސަލް މުބާރާތްތަކާއި އެކި އެކި މުބާރާތްތަށް ބާއްވާފައިވާއިރު ވަކި ހިސާބަކުން ކުޅުން ހުއްޓި އެ ތަން ފަޅުވެފައިވަނިކޮށް އަލުން އެތަނަށް ދިރުން ގެނެސްދިނީ ހުޅުމީދޫ ޕޮލިހުންގެ ބުރަ މަސައްކަތުންނެވެ.
މި ދިޔަ އަހަރު އެ ސަރަހައްދުގައި ބެސްޓް ފުޓްސަލް މުބާރާތް ބޭއްވުމަށްޓަކައި މުލިމަތި ޖަމްމިއްޔާ އާއި ޕޮލިހުން ގުޅިގެން އެ ދަނޑު ހެދުމުގެ މަސައްކަތް ޕޮލިހުން ފެށީ އެ ސަރަހައްދަކީ ދެ ރަށުގެ ޒުވާނުންނަށްވެސް ކުޅެވޭނެ ދަނޑަކަށް ހެދުމުގެ ބޭނުމުގައެވެ. އޭރު މުބާރާތް ކުޅެވޭ ވަރަށް ތަން ސާފުކޮށް މުބާރާތް ކުރިއަށް ގެންދިޔަ ނަމަވެސް އެހާ ހިސާބުން އެ ދަނޑު ވީރާނާވާން ދޫކޮށްލާކަށް ޕޮލިހުން ބޭނުމެއް ނުވިއެވެ. އެހެންކަމުން އެކި ފަރާތްތަކުގެ ދީލަތި އެހީ އާއި އެކު ހިލޭ ސާބަހަށް ދަނޑުގައި ލައިޓްޖަހާ ދަނޑު ހެދުމުގެ މަސައްކަތް ފުލުހުން ފެށީ ޖޯޝާ ފޯރިއާއި އެކުގައެވެ. ޕޮލިހުން ރެއާއި ދުވާލު ކުރި ބުރަ މަސައްކަތާއި އެކު މުޅި ދަނޑު އެއްކޮށް ސާފުކޮށް ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް އެ މުއައްސަސާއިން ފެށީ އެތަނުގެ މުއައްޒަފުންގެ އެހީތެރިކަމާއެކުގައެވެ. މިހާރު މުޅި ދަނޑުގައި ޓާފް އަޅާ ނިމިފައިވާއިރު ޓާފް މަތިން އެޅުމަށް ބޭނުންވާ ރަބަރުވެސް އެ މުއައްސަސާއިންވަނީ ގެނެސްފައެވެ. މީގެ އިތުރުން އެތަން ބޭނުން ކުރާ ވަރަށް ގިނަ ބައެއްގެ އެދުމާއެކު އެ ސަރަހައްދުގައި ފެންސު ޖަހުމުގެ މަސައްކަތް ފެށުމަށްވެސް އެ މުއައްސަސާއިން އަންނަނީ ތައްޔާރުވަމުންނެވެ.
ހަމަ ޔަގީނުންވެސް މިއީ އެ މުއައްސަސާއިން އިސްނަގައިގެން މި ދެރަށުގެ ޒުވާނުންނަށް ކޮށްދީފައިވާ ވަރަށް ބުރަ މަސައްކަތެއްކަން ޔަގީނެވެ. އެ ދަނޑު ސާފުކޮށް އެތަން އާންމުންނަށްވެސް ބޭނުން ކުރެވޭ ގޮތް ހެދުން ވެގެން ދިޔައީ ދެ ރަށުގެ އިޖްތިމާއީ މަސައްކަތްކުރާ ފަރާތްތަކާއި އަދިވެސް އެހެން ފަރާތްތަކަށް ލިބުނު ވަރަށް ބޮޑު ލުއިފަސޭހައެއްކަމުގައި ޔަގީނެވެ. “ކުރިން ދެ ރަށަށް ހާއްސަކޮށް ކަމެއް ބާއްވަން ބޭނުންވިޔަސް ބާއްވާނެ ރަގަޅު ސަރަހައްދެއް ނެތުމުގެ ސަބަބުން އެކަން އޮންނަނީ ނުވެފަ. އެކަމަކު މި ދަނޑު ސާފުކޮށް ރީއްޗަށް ހެދުމުގެ ސަބަބުން މިހާރު ވަރަށް ބޮޑަށް ފަސޭހަވެ އެ މައްސަލަ ހައްލުވެއްޖެ”ހުޅުދޫ އިޖްތިމާއީ މަސައްކަތުގައި ހަރަކާތްތެރިވާ ޒުވާނަކު ބުންޏެވެ. މިހާރުވެސް ހަވީރު ދެ ރަށުގެ ކުޑަކުދިން އެ ތަނަށް ފުޓްސެލް ކުޅެން އަންނައިރު ރޭގަނޑު ބޮޑެތި މީހުންނަށް ކުޅެވޭނެ ގޮތަށް ދަނޑުގައިވަނީ ލައިޓްޖަހާފައެވެ. މިހާރު އެ ދަނޑަކީ ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުމާއި، ކުޑަކުދިންގެ ހަވީރު ބޭއްވުމުގެ އިތުރުން ދެ ރަށުގެ މީހުންނަށް ހާއްސަކޮށްގެން ބާއްވާ ގިނަ ހަރަކާތްތަކާއި ފުޓްސަލް މުބާރާތްތައް ބާއްވާ ތަނެކެވެ.
ހަމަޔަގީނުންވެސް މި މަސައްކަތަކީ ހުޅުމީދޫ ޕޮލިހުންގެ ފަރާތުން މި ދެރަށުގެ ރައްޔަތުންނަށް ކޮށްދީފައިވާ ވަރަށް ބުރަ އަދި އެހާމެ އަގުހުރި މަސައްކަތެއްކަން ޔަގީނެވެ. ބައެއްގެ އަމިއްލަ އިސްނެގުމާއި އެކު މިފަދަ ތަނެއް ހަދާ އެތަން ރައްކާތެރިކޮށް ބެލެހެއްޓުމަކީ ހަމައެކަނި އެބައެއްގެ ޒިންމާއެއްކަމުގައި ދޫކޮށްލެވޭ ކަށް ނެތެވެ. އެހެންކަމުން މިތަން ރައްކާތެރިކޮށް، ތަނުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ކުރުމަކީ ހަމަ ކޮންމެ މީހެއްގެވެސް ޒިންމާއެކެވެ.