English Edition
Dhivehi Edition
ހުޅުމީދޫ ޕޮލިސް ސްޓޭޝަން ފޮޓޯ: އީމާން އަބްދުﷲ

އައްޑޫ ސިޓީ ހުޅުމީދޫ ޕޮލިސް ސްޓޭޝަނުގެ ތެރޭގައި އަންހަނަކަށް އަނިޔާކުރިކަމަށް ބުނެ ސޯޝަލް މީޑީއާގައި ދައުރުވަމުންދާ ހަބަރު ފުލުހުން ދޮގުކޮށްފިއެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ އައްޑޫ ސިޓީގައި ވައްކަމާއި މަސްތުވާތަކެތި އަދި ޖަމާއަތް ހަދައިގެން ކުށްކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ އޮޕަރޭޝަނެއްގެ ތެރެއިން، އޮކްޓޯބަރ 14 ދުވަހުގެ ރޭ ހުޅުމީދޫގައި ފުލުހުން ޕެޓްރޯލް ކުރަމުން ދިޔައިރު މަގުމަތިން 37 އަހަރުގެ ފިރިހެނެއްގެ ހަރަކާތްތައް ހުރިގޮތުން މަސްތުވެގެން ހުރިކަމަށް ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކޮށްފައިވާކަމަށެވެ.

ފުލުހުން އޭނާއާ ސުވާލު ކުރަމުންދިޔައިރު 35 އަހަރުގެ އަންހެނަކު ވަނީ ފުލުހުންނަށް މައުލޫމާތު ދޭން ނުޖެހޭނެ ކަމަށް ބުނެ ފުލުހުން ހުއްޓުވި 37 އަހަރުގެ މީހާއާ ފުލުހުންގެ ދެމެދަށް ވަދެ ފުލުހުންގެ ވާޖިބަށް ހުރަސް އެޅޭގޮތަށް މަސައްކަތްކޮށްފައިކަމަށެވެ. އަދި އެ ފިރިހެން މީހާ ޕޮލިސް ސްޓޭޝަނަށް ގެނައުމުން އންހެން މީހާ ވަނީ އިތުރު އަންހެނަކާއެކު ފޮލިސް ސްޓޭޝަނަށް ވަދެ، އެ ޕިރިހެންމީހާ ދޫކޮށްލުމަށް އަޑުގަދަކޮށް ޕޮލިސް ސްޓޭން ތެރޭގައި މަސްލަހަތު ނަގާލައި ހަމަނުޖެހުން ހިންގާފައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ،

މިއަމަލު ހުއްޓާލައި ސުލްހަވެރިކަމާއިއެކު ޕޮލިސް ސްޓޭޝަނުން ނުކުތުމަށް ފުލުހުން އެ ދެ އަންހެނުންނަށް އެންގުމުން އެކަމަށް އިންކާރުކޮށްފައިވާތީ ފުލުހުންނަށް ލިބިދޭ ގާނޫނީ ބާރުގެ ތެރެއިން، ސްޓޭޝަނުން އެ މީހުން ނެރުމަށް މަސައްކަތް ކޮށްފައި ވާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މީގެ އިތުރުން ފުލުހުން ބުނީ އެމީހުން ނެރުމަށް މަސައްކަތްކުރި އަންހެން ފުލުހުންގެ ގަޔަށް އަތްލައި ހަމަނުޖެހުން ހިންގާފައިވާ ކަމަށެވެ. އަދި މިކަމުގެ ތެރެއިން އަންހެން ދެ ފލުހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ބުނީ ފުލުހުންގެ ވާޖިބަށް ހުރަސް އަޅައި، ހަމަނުޖެހުން ހިންގާފައިވާ މައްސަލަ ފުލުހުން ދަނީ ބަލަމުން ދާ ކަމަށާއި މިކަމުގައި ފުލުހުން އަމަލުކޮށްފައިވާ ގޮތުގެ މައުލޫމާތު ހޯދައި ކަން ހިނގައިދިޔަ ގޮތް ވެސް ފުލުހުން ބަލަމުން ގެންދާނެކަމަށެވެ.