English Edition
Dhivehi Edition

އައްޑޫސިޓީ ފޭދޫގައި މިހާރު ކުރިއަށްދާ “ހާޝީޒް ފޭދޫ ސޮކަކަޕް 2018” ފުޓުބޯޅަ މުބާރާތުގެ މިއަދު ހަވީރު މަރަދޫ އެފްސީ އާއި މަރަދޫފޭދޫ އެފްސީ ބައްދަލުކުރި މެޗު ފަހުވަގުތު އެއްވަރުކޮށްގެން މަރަދޫފޭދޫ އެފްސީ ޕޮއިންޓެއް ހޯދައިފިއެވެ.

މަރަދޫ އެފްސީއަތުން މަރަދޫފޭދޫ އެފްސީ ޕޮއިންޓެއް ހޯދީ މަރަދޫ އެފްސީން ދެ ލަނޑުގެ ލީޑެއް ނަގައިފައިވަނީކޮށް ފަހަތުން އަރައި ދެ ލަނޑު ޖަހައިގެން މެޗު އެއްވަރު ކޮށްގެންނެވެ.

ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑުނެގީ މަރަދޫ އެފްސީއެވެ. މެޗުގެ 11 ވަނަ މިނިޓުގައި އެޓީމަށް ލީޑު ނަގައިދިނީ ޖާޒީ ނަމްބަރު 19 ހުސައިން އައިކެވެ. އެޓީމުގެ ދެވަނަ ލަނޑު 23 ވަނަ މިނިޓުގައި ކާމިޔާބުކޮށް ލީޑު ފުޅާކޮށްދިނީ އެޓީމުގެ ޖާޒީ ނަމްނަރު 11 އަބްދުﷲ ވާޒިއުއެވެ. ލީޑު ނެގުމަށްފަހު މަރަދޫ އެފްސީން ކުޅެމުން ގެންދިޔައީ ވަރަށްއިތުބާރާއެކުގައެވެ. އިތުބާރާއެކު ކުޅެ އިތުރު ގޯލު ޖަހާނެ ފުރުސަތުވެސް ހޯދިއެވެ. އެހެންނަމަވެސް އިތުރު ލަނޑެއް ކާމިޔާބުކުރެވޭ ގޮތެއްނުވިއެވެ. މެޗުގެ ފުރަތަމަހާފް ނިމުނީ 2:0 ލަނޑުން މަރަދޫ އެފްސީ ކުރީގައި އޮވެގެންނެވެ.

މަރަދޫފޭދޫ އެފްސީ އެޓީމުގެ ފުރަތަމަ ލަނޑުޖަހައި އުންމީދު ބޮޑުކުރީ މެޗުގެ 77 ވަނަ މިނިޓުގައެވެ. އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ޖާޒީނަމްބަރު 12 އިބްރާހީމް ސައިފެއެވެ. އެ ލަނޑަށްފަހު މަރަދޫފޭދޫ އެފްސީއިން ކުޅުން ރަނގަޅުކޮށް މަރަދޫ އެފްސީ ގޯލަށް ނުރައްކާ ކުރަންފެށިއެވެ. މަރަދޫފޭދޫ އެފްސީ މެޗު އެއްވަރުކޮށް މަރަދޫ އެފްސީގެ އުންމީދު ފެނަށް ދުއްވައިލީ މެޗުގެ އެންމެފަހު ވަގުތުޖެހި ލަނޑުންނެވެ. އެލަނޑު ޖަހައިދިނީ އެޓީމުގެ ޖާޒީނަންބަރު 2 ހަސަން ފަހުމީއެވެ.

މި ނަތީޖާއާއެކު މަރަދޫ އެފްސީއަށް ދެ މެޗުން ލިބިފައިވަނީ އެއްޕޮއިންޓެވެ. އެޓީމް ފުރަތަމަ ބައްދަލުކުރީ ފޭދޫ ޔުނައިޓެޑް ފްރެންޑްސްއާއެވެ. އެމެޗުން މަރަދޫ ބަލިވީ 2:0 ލަނޑުންނެވެ. މިއަދުގެ މެޗަކީ މަރަދޫފޭދޫ އެފްސީ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗެވެ. މި މެޗުއެއްވަރުކޮށް އެޓީމަށްވެސްވަނީ ޕޮއިންޓެއް ލިބިފައެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން މަރަދޫފޭދޫ އެފްސީގެ ކޯޗު ނަޖާހު ބުނީ މެޗަށްނުކުތީ ވަރަށް އުންމީދާއެކުގައި ކަމަށެވެ. މަރަދޫ އެފްސީއިން ދެ ލަނޑުގެ ލީޑެއްގައި އޮއްވައި ފަހަތުން އަރައި އެއްވަރު ކުރެވުމުން ވަރަށްހިތްހަމަޖެހޭ ކަމަށް އޭނާ ބުންޏެވެ. “މި މެޗަށް އަޅުގަނޑުމެން ނުކުތީ މަރަދޫ އެފްސީ ކުރިން ކުޅުނުމެޗު ވަރަށް ރަނގަޅަށް ބެލުމަށްފަހު އެޓީމުގެ ކުޅުން ވަރަށް ރަނގަޅަށް ދަސްކޮށްގެން. މިއަދުގެ މެޗުން ބަލިވާންދަނިކޮށް އެއްވަރުކުރެވުނީ އަޅުގަނޑުމެންގެ ޒުވާން ޓީމުންކުރި ވަރުގަދަ މަސައްކަތުގެ ސަބަބުން،” ނަޖާ ބުންޏެވެ.

ނަޖާހު ބުނީ ކުރިއަށްހުރި މެޗުތަކުން ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމުގެ އުންމީދު ވަރަށްބޮޑު ކަމަށެވެ. އަދި އެޓީމް ޖެހިލުންވާ ޓީމެއްވެސް މިމުބާރާތުގައި ވާދަނުކުރާ ކަމަށެވެ.

މި މުބާރާތުގައި މާދަމާކުޅޭ މެޗުގައި ބައްދަލުކުރާނީ ގްރޫޕް ބީގެ ދެ ޓީމް ކަމަށްވާ ފޭދޫ މެޖެންޓާއި، ހިތަދޫ މައިލޯ ސިޓީ އެފްސީއެވެ. މިއީ މައިލޯ ސިޓީ އެފްސީގެ ފުރަތަމަ މެޗެވެ. މެޖެންޓާވަނީ ކުރިން ހިތަދޫ ނެކްސަސް އަތުން 3:0 އިން ބަލިވެފައެވެ. އެހެންކަމުން މާދަމާގެ މެޗުން ކޮންމެހެން މޮޅުވާން އެ ޓީމުން މަސައްކަތް ކުރާނެއެވެ. މިއީ މުބާރާތުގެ ފޯރިގަދަ އެއްމެޗަށްވެގެންދާނެއެވެ.

މުބާރާތް ކުރިއަށްދާނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ދެ ފަހަރު ކުޅޭ ގޮތަކަށެވެ. އެގޮތަށްކުޅެ ސެމީއަށްދާނީ އެންމެގިނަ ޕޮއިންޓް ހޯދާ 4 ޓީމެވެ. ފައިނަލުގައި ކުޅޭނީ ސެމީގައި ކުޅެ މޮޅުވާ ދެޓީމެކެވެ. ފައިނަލް އޮންނާނީ މިމަހު 26 ވަނަ ދުވަހުއެވެ.

މުބާރާތުގެ އެއްވަނަ ހޯދާ ޓީމަކަށްވަނީ 75000 ރުފިޔާގެ އިނާމެއް ހުށަހަޅައިފައެވެ. ދެވަނަ ޓީމަށް ތިރީސް ހާސް ރުފިޔާވަނީ ހުށަހަޅައިފައެވެ. މިއީ އައްޑޫގައި މިފަދަ މުބާރާތެއް ނުބާއްވާތާ 25 އަހަރު ފަހުން ބާއްވާ މުބާރާތެކެވެ.

މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ހެޕީމާކެޓެވެ. ހެޕީމާކެޓަކީ ރާއްޖޭގައި ބާއްވާ މިފަދަ ހަރަކާތްތަކަށް ވަރަށް ފުރިހަމަ ގޮތެއްގައި އެހީތެރިކަން ފޯރުކޮށްދެމުން ގެންދާ ވިޔަފާރި ކުންފުންޏެވެ. އޮފިޝަލް މީޑީއާ ޕާޓްނަރަކީ އޭއޯނިއުސްއެވެ.