އައްޑޫ ފުޓްބޯޅަ ޗެމްޕިއަންޝިޕްގެ ގުރޫޕް ބީގެ ފުރަތަމަ މެޗުގައި ފާހި ސްޕޯޓްސް ބަލިކޮށް މަރަދޫ އެފްސީ ތާވާލުގެ އެއްވަނަ ޔަގީން ކޮށްފިއެވެ.
އާދީއްތަ ދުވަހު ހަވީރު ހިތަދޫ ސްޓޭޑިއަމްގައި ކުޅުނު މެޗު ފަސޭހަ ކަމާއެކު މަރަދޫ އެފްސީ އިން ކާމިޔާބު ކުރީ 5-1 އިން ފާހި ސްޕޯޓްސް ބަލިކޮށްގެންނެވެ. މި ނަތީޖާއެކު މަރަދޫ އެފްސީ ވަނީ 3 ޕޮއިންޓާއެކު ގުރުޕްބީ ގެ އެއްވަނައިގައި ހަމަޖެހިލާފައެވެ.
ރީތި ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި މަރަދޫ އެފްސީ އިން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން މެޗުގެ 18 ވަނަ މިނިޓުގައި އަޒާން ވަނީ ޓީމަށް ލީޑް ހޯދައި ދީފައެވެ. އަދި މެޗުގެ 22 ވަނަ މިނިޓުގައި ދެވަނަ ގޯލު ޖަހައި ލީޑް ފުޅާ ކޮށްދީފައެވެ. ފާހި ސްޕޯޓްސް އިން އިތުރަށް ކުޅުން ރަނގަޅު ކޮށް މަރަދޫ އެފްސީގެ ގޯލަށް އަމާޒުކޮށް ގިނަ ހަމަލާ ފޮނުވި ނަމަވެސް، މަރަދޫ އެފްސީ އިން ހުށިޔާރު ކަމޭއެކު ހަމަލާތައް ދިފާއު ކުރިއެވެ. އަދި ޒުވާން ފޯވާޑް ސަހާއު އަލީ 26 ވަނާ މިނިޓާއި 36 ވަނަ މިނިޓުގައި ޖަހައިދިން ރީތީ ދެ ލަނޑާއެކު 0-4 އަށް ލީޑް ފުޅާ ކޮށްދިނެވެ. ފުރަތަމަ ހާފް ނިންމާލީ މި ނަތީޖާއެކީ ހަމަ ޖެހިލައިގެން ނެވެ.
ދެވަނަ ހާފް ގެ ކުޅުން ފެށިގެން ފާހި ސްޕޯޓްސް އިން ގިނަ ހަމަލާ ތަކެއް މަރަދޫ އެފްސީ ގެ ގޯލަށް އަމާޒު ކުރަމުން ދިޔައެވެ. އެގޮތުން ފާހި ސްޕޯޓްސް އިން ކާމިޔާބު ކުރި ހަމަ އެކަނި ލަނޑު މެޗުގެ 51 ވަނަ މިނިޓްގައި ޖަހައިދިނީ ހުސެއިން ޝާމިނެވެ. މި ލަނޑާއެކު އިތުރު ހިއްވަރަކާއެކީ މެޗުގެ ނަތީޖާ ބަދަލު ކުރެވޭތޯ ކުރި މަސައްކަތް ކާމިޔާބެއް ނުވިއެވެ. އަދި މެޗުގެ އިތުރު ވަގުތުގައި އިތުރު ލަނޑެއް ޖަހައި އިބްރާހީމް ނަޒުމީ ލީޑް 5-1 އަށް ބަދަލު ކޮށްދިނެވެ.
މި މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޒުވާން ފޯވާޑް ސަހާއު އަލީ އެވެ.
މި މުބާރާތުގައި މިއަދު ހަވީރު ގުރޫޕް އޭގެ ދެވަނަ މެޗް ކުޅޭނެއެވެ. މި މެޗުގައި ބައްދަލު ކުރާނީ އެފްސީ ބޭރުމައްޗާއި ފޭދޫ ސްޕޯޓްސް އެވެ. މި މެޗު ފަށާނީ މިއަދު ހަވީރު 16:00 ގައި އައްޑޫ ފުޓްބޯޅާ ސްޓޭޑިއަމުގައެވެ.