English Edition
Dhivehi Edition
ނައްޓޭ ލަނޑެއް ޖަހާލާފައި ދުވަނީ، އޭއޯ ނިއުސް ފޮޓޯ ޢަލީ ނާޞިރު

އައްޑޫ ފުޓުބޯޅާ ޗެމްޕިއަންޝިޕު 2022 ގެ ސެމީ ފައިނަލް ފުރަތަމަ މެޗު ކާމިޔާބު ކޮށް މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ އެފްސީ ބޭރުމަތިން ހޯދައިފިއެވެ.

އެފްސީ ބޭރުމަތިން މެޗު ކާމިޔާބު ކުރީ 0-2 އިން ނެވެ.

މިއަދު ހަވީރު އައްޑު ސިޓީ ސްޓޭޑިއަމުގައި ކުޅުނު މެޗުގައި ދެ ޓީމުންވެސް ރަނގަޅު ކުޅުމެއް ދައްކާފައިވެއެވެ. އެގޮތުން ފުރަތަމަ ހާފުގައި ބޭރުމަތިން ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި އިރު، ފޮނުވާލި ހަމަލާތައް ގޯލާއި އަމާޒުވެފައެއް ނުވެއެވެ. ފުރަތަމަ ހާފު ނިމުނީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރެއްގައި އޮވެއެވެ.

ދެވަނަ ހާފަށް ދެ ޓީމުން ވެސް ތައްޔާރު ވެގެން ނިކުތީ ނަތީޖާނެރެ، ފައިނަލް ގެ ޖާގަ ހޯދުމުގެ އުއްމީދުގައެވެ. އެގޮތުން މި ހާފުގައި މަރަދޫ އެފްސީގެ ކުޅުން ވަރުގަދަ ކަން ފާހަގަކުރެވުނެވެ. އެގޮތުން މަރަދޫ އެފްސީން ދިޔައީ ބޭރުމަތީގެ ޑިފެންސް ލައިނަށް ބާރުބޮޑުކުރަމުންނެވެ. ނަމަވެސް ގޯލަށް ބޯޅަ ފޮނުވާލަން މާ ހުސް ފުރުސަތުތަކެއް ނުލިބުނަސް މަރަދޫ އެފްސީގެ ސަހާއު ގެ މަސައްކަތް ވަރަށް ބޮޑަށް ފާހަގަވެގެން ދިޔައެވެ.

ބޭރުމަތިން ގިނަ ހަމާލާތަކެއް އުފައްދަމުން ގެންދިއުމުގެ ނަތީޖާއަކަށްވީ މެޗު ނިމެން ތިން ވަރަކަށް މިނިޓަށް ވެފައި ވަނިކޮށް ބޭރުމަތިން ލަނޑު ޖަހާ މެޗުގެ ލީޑުނެގުމެވެ. ބޭރުމަތިން ލީޑު ނެގީ އެ ޓީމުގެ ޖާޒީ ނަންބަރު 10، އަޙުމަދު ނާޝިދު (ނައްޓޭ) ކާމިޔާބު ކޮށްދިން ހިތްގައިމު ލަނޑުންނެވެ.

ނައްޓޭގެ ދެވަނަ ލަނޑާއެކު ޓީމު ކުޅުންތެރިން ނައްޓޭ ބައްދާލާއިގެން، އޭއޯ ނިއުސް ފޮޓޯ ޢަލީ ނާޞިރު

މި ލަނޑާ އެކު ބޭރުމަތި ސަޕޯޓަރުންގެ މޫނުމަތިން ފެނިގެން ދިޔައީ އަބަދުވެސް ފެންނަ އުފާވެރިކަމެވެ. މެޗުގެ ފަހު ވަގުތުކޮޅު މަރަދޫ އެފްސީ އިން މެޗުގެ ނަތީޖާ ބަދަލުކޮށްލުމަށް ގިނަ މަސައްކަތްތަކެއް ކުރިއެވެ. މަރަދޫ އެފްސީން ލަނޑެއްޖަހަން ކުރި މަސައްކަތް ނާކާމިޔާބުވެ މާޔޫސް ކޮށްލީ މެޗުގެ ފަހު މިނެޓުގައި ނައްޓޭ ކާމިޔާބު ކޮށްދިން ދެވަނަ ލަނޑާއި އެކުގައެވެ. ނައްޓޭގެ ދެ ލަނޑާއި އެކު އެފްސީ ބޭރުމަތި ފައިނަލްގެ ފުރަތަ ޖާގަކަށަވަރުކުރިއިރު، އެޓީމު ފައިނަލުގައި ބައްދަލުކުރާނެ ޓީމެއް އެނގޭނީ މާދަމާ ކުޅޭ ސެމީގެ ދެވަނަ މެޗަށް ފަހުގައެވެ.

ބޭރުމަތި ސަޕޯޓަރުން، އޭއޯ ނިއުސް ފޮޓޯ ޢަލީ ނާޞިރު

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މޮޅު ކުޅުމެއް ދައްކާ މި މެޗުގައި ދެ ލަނޑު ޖަހައިދިން އެފްސީ ބޭރުމަތި ޓީމުގެ ނައްޓޭ އެވެ.

މި މުބާރާތުގެ ސެމީ ފައިނަލުގެ ދެ ވަނަ މެޗު މާދަމާ ކުޅެވޭނެއެވެ. މި މެޗުގައި ބައްދަލު ކުރާނީ އެންމެ ފަހުގެ ޗެމްޕިއަން ފޭދޫ ސްޕޯޓްސް އަދި މެދުވަލު އެފްސީ އެވެ. މި މެޗު ފަށާނީ މާދަމަ ހަވީރު 15:45 ގައި އައްޑޫ ސިޓީ ސްޓޭޑިއަމުގައެވެ.

މި މުބާރާތުގެ ޓައިޓުލް ސްޕޮންސަރަކީ ހެޕީ މާކެޓް ޓްރޭޑިންއެވެ.