English Edition
Dhivehi Edition
މާލިއްޔަތު ކޮމިޓީ ގެ ޖަލްސާއެއްގެ ތެރެއިން: ފޮޓޯ /މަޖިލިސް

ރައްޔިތުންގެ މަޖިލިހުގެ ހިތަދޫ މެދު ދާއިރާގެ ޕީއެންސީގެ މެމްބަރު އަހުމަދު އަޒާން، މަޖިލިހުގެ ބާރުގަދަ ދެ ކޮމިޓީއަކުން ވަކިކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، މާލިއްޔަތު ކޮމިޓީ އާއި 241 ކޮމިޓީއަށް ބަދަލު ގެންނަން ޕީއެންސީން ޕާލިމެންޓަރީ ގުރޫޕުން ނިންމާފައިވާ ކަމަށެވެ.

އެގޮތުން އެ ކޮމިޓީން އަޒާން ވަކިކުރުމަށް ފަހު، ހަމަޖައްސާފައިވަނީ އިމްތިޔާޒާއި ސްލޫކު ކޮމިޓީ އަދި ޕެޓިޝަން ކޮމިޓީއަށް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. މާލިއްޔަތު ކޮމިޓީއަށް ހަމަޖައްސާފައިވަނީ ހެންވޭރު އުތުރު ދާއިރާގެ ޕީއެންސީ މެންބަރު، އަހުމަދު އައިފާންއެވެ. އަދި 241 ކޮމިޓީއަށް އައްޔަން ކުރީ ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލެވެ.

މަޖިލީހުގެ މުހިންމު ދެ ކޮމިޓީއަކުން އަޒާން ވަކިކޮށްފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރަން ހުށަހެޅި ބިލަށް ތާއީދުކުރަން އަންގާފައި އޮއްވައި އެ ބިލަށް ވޯޓުނުދިން މައްސަލައިގައި ޕީއެންސީން އަޒާނާ މެދު ފިޔަވަޅު އަޅާނެކަމުގެ އަޑުތައް ގަދަވެފައިވަނިކޮށެވެ.

މާލިއްޔަތު ކޮމިޓީން އޭނާ ވަކިކުރީ ސަރުކާރު ކުންފުނިތަކުގެ ޚިޔާނާތްތައް ބަލާތީ ކަމަށް އަޒާން ވަނީ ވިދާޅުވެފައެވެ.

ސަން އޮންލައިންއަށް އަޒާން ދެއްވި އިންޓަވިއު އެއްގައި ވިދާޅުވެފައިވަނީ އޭނާއަށް ބޮޑަށް ލަފާކުރެވެނީ ބައެއް ބާރުގަދަ ފަރާތްތަކާ ގުޅުން އޮންނަ ކޮރަޕްޝަންގެ މައްސަލަތައް މާލިއްޔަތު ކޮމިޓީ މެދުވެރިކޮށް ބަލަން އުޅޭތީ ކޮމިޓީން އޭނާ ބޭރުކުރީ ކަމަށެވެ.

އޭނާ ވިދާޅުވީ، އެ މަސައްކަތުގެ ތެރެއިން ސަރުކާރު ހުރިހާ ކުންފުންޏެއްގެ ޕްރޮކިއުމަންޓް ދިރާސާކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށެވެ. އެ ގޮތުން، އެންމެ ފަހުން ދިރާސާކުރަން ފެށީ ވެމްކޯ ކަމަށާއި އެ ކުންފުނިން ވެސް މިދިޔަ އަހަރު ތަކެތި ކުއްޔަށް ނަގަން އެކަނި 65 މިލިއަން ރުފިޔާ ޚަރަދުކުރިކަން ފާހަގަވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމިޓީއަށް ގެނައި ބަދަލުތަކަކީ ވެސް އެ ކަހަލަ ބައެއްގެ ޕްރެޝަރަށް އެޅި ފިޔަވަޅެއް ކަމުގައި ބެލެވޭ ކަމަށާއި އެކަމަކު، މި ކަންކަން ބެލުމުގައި ފަހަތަކަށް ނުޖެހޭނެކަމަށް އަޒާން ވަނީ ވިދާޅުވެފައެވެ.

ސްޕްރީމް ކޯޓުގެ ބިލަށް ވޯޓުނުދިން މައްސަލައިގައި ވޯޓު ނުދެއްވި މެމްބަރުންނަށް ފިޔަވަޅު އަޅުއްވާނެ ކަމަށް ޕީއެންސީން ބުނެފައި އޮއްވާ, އަޒާން ވަނީ ޕާޓީގެ މަޖިލިސް މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕުން ވެސް ބޭރުކޮށްފައެވެ. މި ގްރޫޕުގައި ރައީސް ޑރ. މުއިއްޒު ވެސް އިންނަވައެވެ.

އެކަމާ ގުޅިގެން އަޒާން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ތާއީދު ނުކުރެއްވީ އެ ބިލަކީ ގާނޫނުއަސާސީއާ ހިލާފު ބިލަކަށްވާތީ ކަމަށެވެ. އެ ބިލާ ދެކޮޅުވި ކަމުގައި ވިޔަސް، ސަރުކާރާ އެކީގައި ދެމިހުންނެވި ކަމަށާއި ދާއިރާއަށް ގެންނަން ޖެހޭ ތަރައްގީ ގެނައުމުގައި ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށް އަޒާން ވަނީ ވިދާޅުވެފައެވެ.