English Edition
Dhivehi Edition

އައްޑޫ ސިޓީ ހިތަދުއާއި ހުޅުމީދޫ ގުޅައިލާ ބުރިޖުގެ މަސައްކަތަށް ފަންނީ ލަފާދޭނެ ބަޔަކު ހޯދަން މިއަދު އިއުލާންކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައިވަނީ ބްރިޖްގެ މަސައްކަތްކުރުމަށް ހަދަންޖެހޭ ސާރވޭ، ޑިޒައިން އަދި ޓެންޑަރ ޑޮކިއުމަންޓް، ޓެކްނިކަލް ސްޕެސިފިކޭޝަން ހިމެނޭ ގޮތަށް ކޮންސަލްޓަންސީ ސާރވިސް ދޭނެ ފާރމެއް ހޯދުމަށް އިޢުލާންކޮށްފައިވާ ކަމަށެވެ.

މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތީގެ ތެރޭގައި، ކުންފުނީގެ ފަންނީ ގާބިލުކަމާއި، ދާއިރާއިން ކޮށްފައިވާ މަަސައްކަތްތަކުގެ އަގާއި ތަފުސީލު ހިމެނޭހެން، މުވައްޒަފުންގެ ހުނަރާއި ގާބިލުކަން އެނގޭނެ ލިޔެކިޔުން ހިމެނެއެވެ. އަދި މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް މިމަހުގެ 24 އާ ހަމައަށް “އެކްސްޕްރެޝަން އޮފް އިންޓްރެސްޓް” ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވާކަމަަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ..

ފިނޭންސް މިނިސްޓްރީން ބުނީ މި މަސައްކަތްތަކަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ދައުވަތު ދޭނެ ކަމަށެވެ.

އައްޑޫ ހިތަދު އާއި ހުޅުމީދޫ ގުޅާލަން އަޅަން ނިންމާފައިވާ ބުރިޖު ޑިޒައިންކޮށް، ފީޒިބިލިޓީ ސްޓަޑީ ހެދުމުގެ މަސައްކަތް މިސްރުގެ ކުންފުންޏެއްކަމަށްވާ “ދި އަރަބް ކޮންޓްރެކްޓަރސް”އާ ހަވާލުކޮށްގެން ވަނީ ކުރިއަށް ގެންގޮސްފައެވެ.

އައްޑޫ ބުރިޖުގެ މަސައްކަތް ފެށުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފުރަތަމަ 100 ދުވަހުގެ މަގު ޗާޓުގައި އެންމެ ފަހު ހަފުތާއަށް ތާވަލުކޮށްފައި އޮތް މަސައްކަތެވެ.

މި ބުރިޖުގެ ސާވޭ މަސައްކަތަށް މިދިޔަ އަހަރު އޮތީ 30 މިލިއަން ރުފިޔާ ބަޖެޓުކޮށްފައެވެ. ހަމައެއާއެކު މި މަޝްރޫޢުގެ ޑިޒައިން ތައްޔާރު ކުރުމަށް ކުރި ފުރަތަމަ ސާވޭތައް އޭޕްރިލް މަހުގެ 10 ވަނަ ދުވަހު ވަނީ ނިންމާލާފައެވެ.

ހިތަދޫއާއި ހުޅުމީދޫ ގުޅާލާ ބްރިޖަކީ ކޯޒްވޭ ހިމެނޭހެން 14-15 ކިލޯމިޓަރުގެ ބްރިޖެކެވެ. ސަރުކާރުގެ ޢަމާޒަކީ މިދަޢުރުގެ ތެރޭގައި މުޅި މަޝްރޫޢު ނިންމުމެވެ.