English Edition
Dhivehi Edition
ޑރ. ޢަބްދުﷲ މުއްޠަލިބު ފޮޓޯ: ރައީސް އޮފީސް

މި ސަރުކާރުން އައްޑޫ ސިޓީގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ އެންމެ ބޮޑު މަޝްރޫއުކަމަށްވާ އައްޑޫ ބްރިޖުގެ މަސައްކަތަށް ގިނަ އިންވެސްޓަރުން ޝައުގުވެރިކަންފާޅުކޮށްފައިވާ ކަމަށް އުމްރާނީ ތަރައްގީ އާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.

އިއްޔެ ޗައިނާގެ ފޫ ޖޮއުގައި ކުރިއަށްގެންދިޔަ “އިންވެސްޓް މޯލްޑިވްސް ފޯރަމް” އަށްފަހު މުއްތަލިބް ވިދާޅުވީ މި ފޯރަމުގެ ތެރެއިން މި ސަރުކާރުން އައްޑޫ ސިޓީގައި އެޅުމަށް ނިންމާފައިވާ ބްރިޖުގެ މަސައްކަތަށް ގިނަ އިންވެސްޓަރުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.

މި މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް މިހާރުވެސް އެއް ކުންފުންޏަކުން ޕްރޮޕޯސަލް ހުށަހަޅާފައިވާކަން ފާހަގަކުރައްވަމުން މުއްތަލިބް ވިދާޅުވީ އެ ޕްރޮޕޯސަލް ދިރާސާކުރަމުން އަންނަކަމަށެވެ.

މީގެ އިތުރުން މުއްތަލިބް ވިދާޅުވީ މިވަގުތު އެންމެ އިސްކަމެއް ދީގެން ކުރިއަށް ގެންދަނީ ބްރިޖުގެ ޑިޒައިނާއެކު ފީސިބިލިޓީ ސްޓަޑީއެއް ހެދުމަށްކަމަށެވެ. އަދި މި މަސައްކަތް ސަރުކާރުގެ ހަފްތާ 14ގެ ތެރެއިން ނިންމާލެވޭނެކަމަށް މުއްތަލިބް ވިދާޅުވިއެވެ. އައްޑޫ ބްރިޖްގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ފީޒިބިލިޓީ އާއި ޑިޒައިންގެ މަސައްކަތް ކުރުމަށް ވަރަށް އަވަހަށް ބަޔަކާ ހަވާލުކުރެވޭނެކަން ފާހަގަކުރައްވަމުން މުއްތަލިބް ވިދާޅުވީ އެކަމަށް ވާންޖެހޭ ތައްޔާރިތައް ވަމުން އަންނަކަމަށެވެ.