English Edition
Dhivehi Edition
ރައީސް ޑރ.މުހައްމަދު މުއިއްޒު

އައްޑޫގައި ބްރިޖު އަޅާނީ އަނގަބަހަކުން ނޫން ކަމަށާއި އެކަން އަމަލީ ގޮތުން ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރޭ މާލެ ސިޓީގެ މޭޔަރުކަމަށް އިންތިހާބުވެ ވަޑައިގެންނެވި އާދަމް އާޒިމް މަގާމުގެ ހުވާކުރެއްވުމާ، ޒިންމާތަކާ ހަވާލުވުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ މިހާރު ބްރިޖުގެ ފީސިބިލިޓީ މަސައްކަތް ފެށިފައިވާކަމަށެވެ. އަދި މާ ލަސްތަކެއް ނުވެ ކޮންޓްރެކްޓަރަކާ ހަވާލުކުރެވޭ މިންވަރަށް ހުރިހާ ތަފްސީލެއް ނިންމާލެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.

މި ސަރުކާރުން އައްޑޫ ސިޓީގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ ‘އައްޑޫ ސިޓީ ބްރިޖުގެ’ މަސައްކަތަށް މިސްރުގެ ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު މިދިޔަ ހަފްތާގައި ބޭއްވި އިކޮނޮމިކް ކައުންސިލް ބައްދަލުވުމުގައި ދަ އަރަބް ކޮންޓްރެކްޓާސް އިން ހުށަހަޅާފައިވާ ޕްރޮޕޯސަލާއި ގުޅޭ ގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. މިގޮތުން އައްޑޫ ބްރިޖާއި ގުޅިގެން ކުރަންޖެހޭ ސާވޭތައް އެ ކުންފުނިން ހިލޭ ސާބަހަށް ކޮށްދޭނަމަ އެކަން އެ ކުންފުނި މެދުވެރިކޮށް ކުރިއަށް ގެންދިއުމަށް އިކޮނޮމިކް ކައުންސިލުން ވަނީ އެއްބަސްވެފައެވެ.