އައްޑޫސިޓީ ގައި އަލަށް ހަދާފައިވާ ހަންކެޑެ ބްރިޖު އާއްމު ދަތުރު ފަތުރަށް ހުޅުވާލުމަށް ހަމަޖެހިފައިވާތީ ބުރިޖާއި އަދި ބުރިޖާއި ގުޅިފައިވާ މަގުތަކުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެންނަން އައްޑޫސިޓީ ކައުންސިލުން ނިންމައިފިއެވެ.
އެގޮތުން ޖެނުއަރީ 29 ވަނަ ދުވަހު ބޭއްވި ކައުންސިލްގެ މި އަހަރުގެ 04 ވަނަ ރަސްމީ ޖަލްސާ އިން ނިންމި ނިންމުން ވަނީ އާންމުކޮށް އިއުލާން ކޮށްފައެވެ.

ޓްރެފިކް ފްލޯއަށް ގެނެވޭ ބަދަލުގެ ގޮތުގައި އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ :
- އިޢުލާނާއެކު އާއްމުކުރެވިފައިވާ ޗާރޓާއި އެއްގޮތަށް މަރަދޫގެ ހިޔާ ފަންނު މަގު، ވައިފަހި މަގު އަދި ޖަމާލީ ގޯޅި ވަންވޭއަކަށް ހެދުން.
- ޝަމްސުއްދީން ބޮޑުފަނޑިޔާރު ބޮޑު ތަކުރުފާނުމަގު (ލިންކް ރޯޑް) ހަންކެޑެ ކޯޒްވޭގެ މަރަދޫ އާއި ގުޅޭ ހިސާބުން މަގު ބަންދުކުރުން.
- ފޭދޫ އޯކިޑް މަގާއި މަރަދޫފޭދޫ ލިލީ މަގާއި އަދި މަރަދޫ އޯކިޑް މަގުގައި (ބޮޑުމަގުގައި) އެއްގަމު އުޅަނދު ވަގުތީ ގޮތުން މަގުގެ އެއްފަޅީގައި ޕާކް ކުރާގޮތަށް ހަމަޖެއްސުން. އެގޮތުން ޕާރކްކުރާނީ ގަމުން ހިތަދޫއަށް އަންނައިރު މަގުގެ ވާތްފަޅިއަށްވާ ފަޅީގައި. މި މަގުގެ އަނެއްފަޅީގައި ޕާރކް ކުރުމަކީ މަނާ ކަމެއްކަމުގައި ކަނޑައެޅުން.
- ދަންވަރު އެކެއްގެ ފަހުން ފޭދޫ އޯކިޑް މަގާއި މަރަދޫފޭދޫ ލިލީ މަގާއި އަދި މަރަދޫ އޯކިޑް މަގުގައި (ބޮޑުމަގުގައި) ދާއިމީ ގޮތެއްގައި ޕާރކް ކުރުން މަނާކުރުން. މި ބްރިޖް ފެބުރުއަރީ 1، 2025 ވާ ހޮނިހިރު ދުވަހު އާންމުންނަށް ހުޅުވާލާނެކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން އިއްޔެ ވަނީ ބުނެފައެވެ. އައްޑޫ ރޯޑް އެންޑް ސްޓޯމް ވޯޓާ ޑްރެއިނޭޖް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް ގެ ދަށުން ނިންމާފައިވާ މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެން ގޮސްފައިވަނީ އިންޑިއާގެ އެގްޒިމް ބެންކުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުންނެވެ.