English Edition
Dhivehi Edition

އެ ބޮއްކުރާގައި އަހަރެން ދިޔައީ ފިރިމީހާގެ ގަދަ އެޅުމުގެ މަތީންނެވެ. އެއީ ގުރައިދޫގައި އޭނާގެ ބައްޕަމެންގެ ގޭގައި މަސްވެރިކަމަށް ގެންގުޅޭ ބޮއްކުރައްކެވެ. ފިރިމީހާއަކީ އުފަން ގުރައިދޫ މީހަކަށްވާތީ އަހަރެމެން ގޮސްތިބީ ކުޑަ ޗުއްޓީއެއް ހޭދަކުރަން އެރަށުގައެވެ. އެއީ ސާދަވިލޭރެއަކަށްވާތީ އޭނާ ބޭނުންވީ ރަށާ ތަންކޮޅެއް ދުރަށް ގޮސް ހަނދުވަރު ބަލަން ތިބޭށެވެ. މިއީ އަހަރެން ހައިރާންވި ކަމެކެވެ. އިނދެގެން އުޅޭތާ އަހަރުވީއިރުވޭސް ލޯތްބޭ މިކިޔާ އެއްޗެއްގެ ރަހަ އޭނާގެ ކިބައިން ފެނިފައި ނުވާތީއެވެ. އަހަރެން ގަބޫލުކުރަމެވެ. އަހަންނަނީ ރީތި މޫނެއްގެ ވެރިޔެއް ނޫނެވެ. މީހުން ލޯބިވާނީ ރީތިއްޔާއޭ އަހަރެން ހިތަށް އަރައެވެ. އަހަރެންގެ މޫނުމަތީގައި އއައިބެއް ހުރެއެވެ. އެއީ ބޮޑު ކަޅު ލަކުނެކެވެ. މީހަކު އެހެން ނުބުންޏެއް ކަމަކު އަހަރެންނަށް ވެސް ލޯގަނޑުން ބަލާލީމާ ރީތި ހުތުރު އެނގެއެވެ.

ޝުހާދު އަހަންނާ އިންނަން އައިމަވެސް އަހަރެން ހައިރާންވިއެވެ. އޭނާއަކީ ހުރިހާ ގޮތަކުންވެސް ފުރިހަމަ އަދި ރީތި، އަދި ބޭނުން ކޮންމެ އަންހެން ކުދިން ކާމިޔާބު ކޮއްލެވޭ ކަހަލަ ފިރިހެނެއް ވީމައެވެ. އޭނާ ކަހަލަ މީހަކު އަހަންނާ އިންނަން ބޭނުންވި ސަބަބަކަށް އަހަރެން ދެކެނި މާލޭގެ ގެދޮރު ހުރުމެވެ. މައިންބަފައިންގެ ތަނަވަސްކަން ހުރުމުެވެ. މިނޫން އެހެން ސަބަބެއް އަހަންނަކަށްވެސް އަދި އަހަރެން ދަންނަ އެހެން މީހަކަށްވެސް ނުވިސްނެއެވެ.

އިރާކޮޅު މޫސުން ރީތިކޮށް އޮތަސް ހުޅަނގުން އަރާފައި ހުރި ވިލާގަނޑު ދިޔައީ ކަޅުވަމުންނެވެ. ވިއްސާރައިގެ ގޮތްތައް ފެންނަން ފެށުމުން އަހަރެން ބޭނުންވީ އަވަހަށް އެނބުރި ދިއުމަށެވެ. އެހެންނަމަވެސް ޝުހާދު ހުރީ ދާ ގޮތަކަށް ނޫނެވެ. އޭނާގެ މޫނުމަތީ އާދަޔާ ޚިލާފު އުފަލެއްގެ ވިދުވަރު ފެންނަން ހުރި ކަމީ އަހަރެން ހައިރާންވި ކަމެކެވެ.

“ސާރާއަށް މާލޭގައި ހުރިގޯތި މުޅީން ހިބަކޮށްދީފައި ބައްޕަ މުޅީން ތުލުސްދޫއަށް ބަދަލުވިކަން ކިހާ ނަސީބުގަދަ.” އޭނާގެ އުފާވެރިކަމުގެ ސިއްރަކީ މިއީތާއެވެ. އަބަދުވެސް ގޭގައި ބައްޕަމެން އުޅޭތީ އެކަމާ ޝުހާދު ޝަކުވާކޮށް ހަދައެވެ. “ސާރާ ނެތިއްޔާ ދެން އެގެ މިލްކުވާނީ އަހަންނަށްދޯ؟

އޭނާ މިހެން ބުނި ރާގުގައި ބިރުވެރިކަމެއް އުފެދުނެވެ. އެހެންނަމަވެސް އޭގެ ފަހަތުގައި މިވަރުގެ ނުރައްކަލެއް އޮތް ކަމަކަށް އޭރަކު ހިތަކަށް ނާރައެވެ.

އޭރު އުފުލެމުން އައި ވިލާގަނޑުން ވާރޭ ވެހެންފަށައިފިއެވެ. ކަނޑުގަދަވެ ރާޅުތައް ބިޔަވާން ފަށައިފިއެވެ. މިކަން ޝުހާދަށްވީ މަޖަލަކަށެވެ. ނުވަތަ އުފަލަކަށެވެ.

ގުޅީފަރަކީ ނުރައްކާތެރި ތަނެކޭ މީހުން ބިުނާތި އަޑު އިވިފައި އޮތްހަނދާން ވީ އެވަގުތު އެވެ. އޭނާ އެބިޔަ ރާޅުގަނޑާ ކައިރި ކުރުމަށްފަހު އަހަރެން އެތަނަށް ވައްޓާލީ އެންމެ މަގުސަދެއްގައެވެ. އޭނާގެ ގާތުގައި މުދަލުގެ ދަހިވެތިކަން އިންސާނަކަށްވުރެން ބޮޑުވީމައެވެ.

މިއީ އަހަރެންގެ ނިމުން ހުރިގޮތޭ އެވަގުތު ހިތަށް އެރިއެވެ. އަހަރެންގެ އަލަތު ފިރިމީހާގެ އަތުން މަރުވެގެން ދިއުމަކީ އަހަންނަށް ލިބޭނެ އުފަލެއް ކަމެއް ނުވަތަ ހިތާމައެއް ކަމެއް ވިސްނާނެ ފުރުސަތެއް އޭރަކު ނެތެވެ. އިސާހިތަކު ގުޅީފަޅުގެ ބިޔަ ރާޅުތަކުގެ ދަށު އަހަރެން ވެއްޖެއެވެ. އަހަރެންގެ ނަސީބާމެދު ހިތާހިތުން ހަމްދުކޮށް އަހަރެންގެ ހަޔާތަށް އަލްވަދާއު ކިޔައިފީމެވެ. އަހަރެންނަށް ލިބުނު މުއްސަނދި ކަމަކީ އަހަރެންގެ ހަޔާތުގެ ނިމުން މިފަދަ ގޮތަކަށް އަންނަން ޖެހޭނެ ސަބަބެއް ކަމަކަށް އަހަރެންނަކަށް ނުވިސްނުނެވެ.

ވޭނާ އަނިޔާ ގަޔަކު ހަރެއް ނުލައެވެ. ކަނޑުވާ ހިސާބުން ހުރިހާ ކަމެއެއް ނިމިދެއެވެ.

ސިންގަޕޯރގެ ރަފަލްސް ހޮސްޕިޓަލުން އަހަރެން ދޫކޮށްލުމުން އަހަރެންގެ މައިންބަފައިން ކަމުގައި މިއަދު ހިމެނޭ ސްޓޭންލީއާއި ޖޮއާނާގެ އެހީގައި ސެރަންގޫންގައި ހުންނަ އެމީހުންގެ ގެޔަށް އަހަރެން ހިނގައްޖެއީމެވެ. އަހަރެން ކަނޑުމަތީން ހޮވީއްސުރެން ސްޓޭންލީ ވަނީ އަހަރެންގެ ބެލެނިވެރިއެއްގެ ގޮތުގައި ދެގޮތެއް ނުވެ އަހަންނަށް އެހީތެރިވުމުގައެވެ. އޭރު އަހަރެން އޮތް ހާލުން އެމީހުންނަކަށް އަހަރެން މީ ކޮން ގައުމެއްގެ މީހެއްކަމެއް އަދި އަހަރެންގެ ސިފައެއް ވަކިކުރާކަށްވެސް ނޭނގެއެވެ. އެމީހުން ކިޔާދިން ގޮތުގައި އަހަރެންގެ މޫނުގައި ސަލާމަތުން ހުރި ހަންކޮޅެއް ނެތެވެ. މީހާ އޮތީ ދިރޭ މުޅަމަސްގަނޑެއްގެ ގޮތުގައެވެ. ފުލުހުންނާ ކަމާ ބެހޭފަރާތްތަކުގެ އެތައް މަސައްކަތަކުންވެސް އަހަރެންނާ ބެހޭ މައުލޫމާތެއް ނުހޯދުނެވެ. އަހަންނަށް ވާހަކަ ނުދެއްކޭތީއެވެ. ހޭވެރިކަންވެސް ހަނދާނެއް ވެސް ނެތީމައެވެ.

ދުވަސްވަރަކީ ސުނާމީ އެރިތާ ކައިރި ދުވަސްވަރެއްކަމުން މަރުވެފައިވާ މީހުންނާއި މުޅަމަސްތައް އެކި ހިސާބަށް ލައްގަމުން އަދި ކަނޑުމަތީގައި އޮޔާ ދަމުން ދިޔައެވެ. ސްޓޭންލީގެ މަސްބޯޓަށް އަހަރެން ނުނެގުމަށް ފަޅުވެރީން ވަރަށް ގަދައެޅިއެވެ. އެހެންނަމަވެސް ކޮންމެވެސް ގޮތަކުން އަހަރެން އޮތީ ދިރި ކަން ސްޓޭންލީއަށް ވިސްނިގެން އަހަރެންނާމެދު ހަމްދަރުދީ ވީއެވެ. އަހަރެން އޮތް ހާލަތުން އެމިހުން އަހަރެން ބޭއްވީ މަދިރިގެއެއްގެ ތެރޭގައެވެ. އިރެއްގައި މެޑިސިން ކިޔަވަން އުޅުނު މީހަކަށްވާތީ ސްޓޭންލީއަށް އަހަރެން ފުރާނަޔާގެން ހޮސްޕިޓަލާ ހަމަޔަށް ގެންދެވުނެވެ.

އަހަންނަނީ ރަފްލްސް ހޮސްޕިޓަލުގެ ޑޮކްޓަރުން ތަޖްރިބާ ކުރަން ލިބުނު ދިރި ހުރި މުޅަމަސްގަނޑެއް ކަމުން އެމީހުންގެ ކުޅަދާނަކަމާއި ދަސްކުރާ ދަރިވަރުންގެ އެހީގައި އަހަރެން މުޅީން ގަދަކޮށްފިއެވެ. އަހަރެން މުޅީން އާ މީހަކަށް ހަދާލިއެވެ. އަހަރެންގެ މޫނު އެމީހުންނަށް އެންމެ ރީތިވާނެ ސިފައަކަށް ބައްޓަންކޮށް ޕްލާސްޓިކް ސަރޖަރީ ހަދާލިއެވެ. ހަށިގަނޑުގައި ބިދިފައިވާ ކަށްޓެއްނަމަ މައުދަނުން އެކަށްޓެއް ހަރުކޮށް އަދި އެތެރެހަށީގެ ބައެއް ބައިތަކަށްވެސް އާޓިފިޝަލް ގުނަވަންތައް ލެއްވިއެވެ. އެންމެ ފަހުން އަހަރެން މީ ދިރިހުރި ރޮބޮޓެއްގެ ގޮތުގައި ފުރިހަމަ ކޮށްލައިފިއެވެ.

ރަފްލް ހޮސްޕިޓަލުން މިހުރިހާ ފަރުވާއެއް ކޮށްދިނީ ހިލޭސާބަހަށެވެ. އެމީހުންގެ ޑޮކްޓަރުންނާއި ދަރިވަރުންގެވެސް ތަމްރީނުތަކެއްގެ ގޮތުގައެވެ.

ސިންގަޕޯރ ސަރުކާރުން އަހަންނަށް ދާއިމީ ސިޓިޒަންޝިޕް ދިނީވެސް އެމީހުން ކުރި ތަޖްރިބާތަކުގެ އަގުވަޒަން ކުރުމަށެވެ.

ސްޓޭންލީއަށް އަހަރެން ޝުކުރު ކުރާނެ ގޮތެއް ނެތް މެއެވެ. އެކަމަކު އެދެމަފިރިން އެދުނީ އެންމެ ކަމަކު އެވެ. އެއީ އަހަރެންނަކީ އެމީހުންގެ ދަރިއެއްގެ ގޮތުގައި ވުމަށެވެ. އަހަރެންގެ ގައުމަކީ ކޮންމެ ތަނެއް ކަމުގައިވިޔަސް އެތަނަކަށް އަނބުރާ ނުދިއުމަށެވެ. އަދި ދިޔަޔަސް ދާންވާނީ ޗުއްޓީ ދަތުރެއްގައި ކަމުގައެވެ.

އަހަރެން ގެއްލުނުވާހަކަ މުޅި ރައްޖޭގައި މަޝްހޫރުވެގެން ދިޔައެވެ. އަހަރެންގެ ފިރިމާހާ ޝުހާދު އަހަރެން ފެނޭތޯ “ނުކުރާ” ކަމެއް ނެތެވެ. އެތައް ދުވަހު އެފަޅުމައްޗާއި ފަރުމަތި ހޯދަން ބޮއްކުރާއގައި އައިސް އުޅޭތން މީހުންނަށް ފެނުނެވެ. ކޯސްޓްގާޑް އެމަސައްކަތް ހުއްޓާލި ކަމަކަށް މަސްދުވަސްވީ އިރަކުވެސް ނުބުނެއެވެ. އެންމެފަހުން ގުރައިދޫއަށް ލެއްކި ކާކުކަން ނޭނގޭ ހަށިގަނޑެއް ފެނުމުން އެއީ އަހަރެން ކަމަށް ނިންމައި އެހިސާބުން އަހަރެން ދުނިޔެއިން ފުހެލެވިއްޖެއެވެ. އަހަރެންގެ މިލްކުގައި ހުރި ހުރިހާ އެއްޗަކީ ޝުހާދުގެ އެއްޗެހިކަމަށް ބައްޕަމެން ހަދައިދިނެވެ. އެއީ އެމީހުން އަހަރެން ދެކެވީ ލޯބީގެ އަގެއްގެ ގޮތުގައެވެ. އަދި ޝުހާދު އަހަރެން ހޯދުމަށް ކުރި މަސައްކަތުގެ އިނާމެއްގެ ގޮތުގައިވެސް މެއެވެ.

މިއަދު އަހަރެން ދިރިހުރިކަން މައިންބަފައިންނަކަށް އަމުދުން ޝުހާދަކަށް ވެސް އެންގޭކަށްނެތެވެ. އެހެނީ ޝުހާދު އޭނާއަށް ލިބިފައިވާ މުއްސަނދިކަން ގެއްލިގެން ދާކަށް ބޭނުމެއްނުވާނެއެވެ. އަހަރެންގެ ގޯތިތެރޭގައި އޭނާ އެވަނީ ފަސްބުރީގެ އިމާރާތެއް އަޅާފައެވެ. އެތަނުގެ ކުލިން އެކަނިވެސް އޭނާއަށް ރާއްޖޭގައި އުދުހެވެއެވެ. އޭނާ ބޭނުން އުފަލެއް ހާސިލުވެއެވެ. މިހާރު އޭނާއަކީ ރިސޯޓް އޯނަރ އެއްވެސް މެއެވެ. އެހެންނަމަވެސް އޭނާ އެހެން މީހަކާ އިންނާކަށް ނޫޅެއެވެ. އެއީ އަހަރެންގެ “ހަނދާނުގަ”އެވެ.އަހަރެންގެ މައިންބަފައިން އެކަމާ އުފާވިއެވެ. އެއީ އަހަރެންދެކެ ޝުހާދު ފަދަ މީހަކު އެހާބޮޑު ލޯތްބެއްވާތަން ފެނުނީމައެވެ.

އަހަރެންގެ މިއަދުގެ މައިންބަފައިން އަހަރެން ދެކެ ވާލޯބި ފެނުމުން އެނބުރި ރާއްޖެއަށް އައުމުގެ ހިތްވަރު ގެއްލިގެން ދެއެވެ. އެހެންނަމަވެސް އަސްލު މައިންބަފައިން ދުށުމުގެ ބޭނުން ބޮޑުކަން އަހަރެންގެ ހިތަށް ކަށިހަރަމުން ދެއެވެ. އެންމެ ކުޑަމިނުން އަހަރެން ދިރި ހުރިކަން އަންގާލުމަކީ ވެސް އެމީހުންނަށް ލިބޭނެ އުފަލެއްކަން ކަށަވަރެވެ. މިކަމާ ވިސްނުމަށްފަހު އަހރެން ގޮތެއް ނިންމައިފީމެވެ. އެއީ ކޮންމެވެސް ގޮތަކުން ޗުއްޓީއެއްގައި ނަމަވެސް ރާއްޖެ ދިއުމަށެވެ. އަދި ގުރައިދުއަށް ދިއުމަށެވެ.

އަހަރެން ގަސްތުކުރީ އަހަރެންގެ ލަވަކިއުމުގގެތަމްރީނުތައް ފުރިހަމަ ކުރެވުނީމާ ދިއުމަށެވެ. އޭރުން އަހަރެންނަށް އެމީހުންނަށް އެހީތެރިވެސް ވެސް ދެވޭނެއެވެ.

އަހަރެން ޝުހާދުއާ އިން އިރުގައިވެސް ކުޑަކޮށް ލަވަކިޔާ ހެދީމެވެ. އެއީ އެކަމަކު ގޭގައެވެ. އަހަރެން ލަވަކިޔާލެއް ރީތިކަމަށް ގޭމީހުން ބުނަމުން ދިޔައެވެ. އެހެންނަމަވެސް އަހަރެންނަކަށް މީހުންގެ ތެރެއަށް ނުކުންނާނެ ހިތްވަރެއް ނުހުރެއެވެ. އެއީ އަހަރެންގެ މޫނުގައި އޭރު ހުރި އައިބުގެ ސަބަބުންނެވެ. އަހަރެން ބަލަނީ ވެގެން ވަންޏާ އެއްވެސް ކަމަކު ގޭން ބޭރަށް ނުނުކުމެ ވޭތޯއެވެ.

ޖޮއާން އަށް އަހަރެން ލަވަކިޔާ އަޑު އިވުނު ވަގުތުން ފެށިގެން އޭނާ އަހަރެން މިއުޒިކަލް އިންސްޓިޓުއަކަށް ގެންގޮސްފިއެވެ. އެތަނުގެ އިންސްޓްރަކްޓަރުންވެސް ހަމަ ވަގުތުން އަހަރެންނަށް ފުރަސަތު ދީފިއެވެ. އަދި ހަމަ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އަހަންނަށް ވޮއިސްޓްރޭނިން ހަދައިދީ އަދި ސްޓޭޖްގައި ޕާފޯމް ކުރަން ތަމްރީނު ދީފިއެވެ.

އަހަނެން ކިޔަން ޖެހުނީ އިނގިރޭސި ލަވަޔާއި ސިންގަޕޯރގެ ލަވައެވެ. ދިވެހި ލަވަ ކިޔަން ޖެހެނީ މީހަކަށް އަޑު ނީވޭ ތަންތާގައެވެ. އެއި އަހަންނަކީ ދިވެއްސެއްކަން އެނގިދާނެތީއެވެ. އަހަރެން ސިންގަޕޯރ ބަހުންނާ އިނގިރޭސިން ރީއްޗަށް ވާހަކަ ދެއްކިއެއްކަމަކު މާޒީގެ ވާހަކައެއް ނުދައްކަމެވެ. އަހަރެންގެ ހަނދާނުގައި އެއިންކަމެއް ނެތްކަމަށް ބުނީއްސުރެން ދެން އެކަމާ އެމީހުން ސުވާލެއްވެސް ނުކުރެއެވެ. އެއީ އަހަރެން އަލުން އެނބުރި އަހަރެންގެ ގައުމަށް ދާން ޖެހިދާނެތީއެވެ.

-ނުނިމޭ-