English Edition
Dhivehi Edition

ހއ. އިހަވަންދޫގައި ދިރިއުޅޭ ބިދޭސީންނާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކަކީ ދާއިމީ ފިޔަވަޅުތަކެއް ނޫން ކަމަށް އިހަވަންދޫ ކައުންސިލް އިދާރާއިން ބުނެފި އެވެ. މީގެ އިތުރުން އެ އިދާރާއިން ބުނެފައިވަނީ ދައުލަތުގެ ކަމާ ގުޅުންހުރި މުއައްސަސާއަކުން އެ ފިޔަވަޅުތައް އުވާލަން އަންގައިފިނަމަ އެކަން ކުރާނެ ކަމުގައެވެ. ކައުންސިލް އިދާރާއިން މިހެން ބުނެފައިވަނީ އިހަވަންދޫގައި މަސައްކަތް ކުރާ ބިދޭސީންގެ ހައްގުތައް އެ ރަށު ކައުންސިލުން ހިފަހައްޓައި، އެ މީހުންނާ މެދު އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކާ މެދު ފާޑުކިޔުންތައް އަމާޒުވެފައިވަނިކޮށެވެ. މިކަމާއި ގުޅިގެން ބައެއް ފަރާތްތަކުން ބުނެފައިވަނީ އެކަކު ކުރި ކުށުގެ އަދަބު ހުރިހާ ބިދޭސީންނަށް ލިބުން އެއީ އިންސާފެއް ނޫންކަމުގައެވެ.އަދި މި ފިޔަވަޅުތަކަކީ ނަސްލީ ތަފާތުކުރުމަށް ހިތްވަރު ލިބޭ ކަމެއްކަމަށްވެސް ބައެއް ފަރާތްތަކުން ގެންދަނީ ބުނެމުންނެވެ. ކައުންސިލުން އެޅި ފިޔަވަޅުތަކާއި ގުޅިގެން ގާނޫނީ ގިނަ ވަކީލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.އަދި މީ އިންސާނީ ހައްގުތަކާއި ހިލާފު ފިޔަވަޅުތަކެއް ކަމަށް ވަނީ ބުނެފައެވެ. މިކަމާއި ގުޅިގެން އިހަވަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ބުނެފައިވަނީ މީ ބިދޭސީން ގެންގުޅޭ ފަރާތްތަކާއި މަޝްވަރާކުރުމަށްފަހު އެޅި ފިޔަވަޅެއްކަމުގައެވެ. އަދި މި ފިޔަވަޅުގެ ސަބަބުން ގިނަ ބިދޭސީންގެ އުޅުން އިސްލާހްވެފައިވާކަމަށް އޭނާ ވަނީ ބުނެފައެވެ. އިހަވަންދޫ ރަށު ކައުންސިލުން ބިދޭސީންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އެޅީ، އެ ރަށުގައި ހުންނަ މިފްކޯގެ އައިސް ޕްލާންޓްގެ މެކޭނިކެއްގެ ވަޒީފާގައި އުޅުނު އިސްމާއިލް އުމަރު (އިއްސެ)ގެ މަރާ ގުޅިގެންނެވެ. މީ އިހަވަންދޫގައި ބިދޭސީއަކު ދިވެއްސަކު މަރާލި ދެވަނަ ފަހަރެވެ. އިހަވަންދޫގައި މީގެ ކުރިންވެސް ބިދޭސީއަކު ވަނީ ދިވެހި އަންހެންކުއްޖަކު ވަރަށް އިހާނެތިކޮށް މަރާލާފައެވެ