English Edition
Dhivehi Edition

ޅ. އަތޮޅު ދެ ރަށެއްގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ތިން މީހުން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފިއެވެ.

ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި މި އޮޕަރޭޝަންތަކުގެ ތެރެއިން ހިންނަވަރުގައި ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ މ. ނަލަހިޔާމަންޒިލް، މާލެ، ހަސަން މުނާޒް (40އ) އެވެ.

ފުލުހުން ބުނީ މިމަހުގެ މަހުގެ 14ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި އޭނާ ހައްޔަރުކޮށް، ހިންނަވަރުގައި އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެއްޗާއި ފައިސާ ފެނިފައިވާ ކަމަށެވެ. ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަކީ 66.02 ގުރާމް ހުރިކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިމަހުގެ 14 ވަނަ ދުވަހު ނައިފަރުގައި ހިންގި އޮޕަރޭޝަންތަކުގައި ހައްޔަރުކޮށްފައިވަނީ ޅ. ނައިފަރު / ނަގިލިޖެހިގެ، ޢަލީ މުޙައްމަދުފުޅު (54އ) އާއި ޅ. ނައިފަރު / ޑޭޒީހިޔާ، އަޙްމަދު ވިއާމް (26އ) އެވެ.

ފުލުހުން ބުނީ ޢަލީ މުޙައްމަދުފުޅު (54އ) ހައްޔަރުކޮށް އޭނާއާ ގުޅުންހުރިކަމަށް ބެލެވޭ ދެ ތަނެއް ބަލައިފާސްކުރިއިރު ފަސް ދަޅު ބަނގުރާ ފެނިފައިިވާކަމަށެވެ. އަދި އަޙްމަދު ވިއާމް (26އ) ހައްޔަރުކޮށް އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާކަމަށާއި މި ތަކެތީގެ ވަގުތީ ބަރުދަނަކީ 12 ގުރާމް ހުރިކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލަތަކާ ގުޅިގެން ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މ. ނަލަހިޔާމަންޒިލް، މާލެ، ހަސަން މުނާޒް (40އ) 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. ޅ. ނައިފަރު / ނަގިލިޖެހިގެ، ޢަލީ މުޙައްމަދުފުޅު (54އ) ދެ ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ދެ ވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. ޅ. ނައިފަރު / ޑޭޒީހިޔާ، އަޙްމަދު ވިއާމް (26އ) ގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 12 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަތައް ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.