English Edition
Dhivehi Edition

އައްޑޫސިޓީ ފޭދޫގައި މިހާރު ކުރިއަށްދާ “ހާޝީޒް ފޭދޫ ސޮކަކަޕް 2018” ފުޓުބޯޅަ މުބާރާތުގެ މިއަދުގެ މެޗުގައި ބައްދަލުކުރީ ހިތަދޫ ނެކްސަސްއާއި ފޭދޫ މެޖެންޓާއެވެ. މި މެޗު 3:0 ލަންޑުން ކާމިޔާބުކުރީ ނެކްސަސްއެވެ.

މެޗުގައި ނެކްސެސް ކާމިޔާބުކުރި 3 ލަނޑުވެސް ޖަހައިދީފައިވަނީ އެޓީމުގެ ޖާޒީނަމްބަރު 7 ހަސަން ރާއިފް އަހުމަދެވެ. އޭނާ ފުރަތަމަ ލަނޑު ޖަހައިފައިވަނީ މެޗުގެ 43 ވަނަ މިޓުގައެވެ. އަނެއް ދެ ލަނޑު ޖަހައިދީފައިވަނީ މެޗުގެ 53 ވަނަ މިނިޓާއި 62 ވަނަ މިނިޓުގައެވެ. މެޗުގެ މޭން އޮފްދަމެޗަކަށްވެސް ހޮވިފައިވަނީ އޭނާއެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ނެކްސަސް ޓީމްގެ އެސިސްޓެންޓް ކޯޗު މުހައްމަދު ނިހާދު ބުނީ މެޗުން މޮޅުވުމުން ހިތްހަމަޖެހޭ ކަމަށެވެ. އެހެންނަމަވެސް ރަނގަޅު ކުރަންޖެހޭ ވަރަށްގިނަ ކަންކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. ކުރިއަށްހުރި މެޗުތަކަށް ނުކުންނާނީ އެކަންކަން ރަނގަޅުކޮށްގެން ކަމަށްވެސް އޭނާ ބުންޏެވެ.

މިއަދުގެ މޮޅާއެކު މުބާރާތުގެ ކުރިއަށްހުރި މެޗުތައް ކާމިޔާބު ކުރުމުގެ ހިތްވަރު މިހާރަށްވުރެސްބޮޑަށް ކުޅުންތެރިންނަށްވަނީ ލިބިފައި ކަމަށްވެސް އޭނާ ބުންޏެވެ. މުބާރާތް ކުރިއަށްގެންދާ ފޭދޫ ދަނޑުގެ ހާލަތު ރަނގަޅުނަމަ ނަތީޖާ މިއަށްވުރެވެސް ތަފާތުކުރެވުނީސް ކަމަށް ނިހާދު ބުންޏެވެ. “އިރާދަ ކުރެއްވިއްޔާ ދެންކުޅޭ މެޗަށް ނުކުންނާނީ ހެދުނު ގޯސްތައް ރަނގަޅު ކޮށްގެން. މިޓީމް ފެންނާނީ މެޗަކަށްފަހު މެޗެއް ރަނގަޅުވަމުން އަންނަތަން،” އުނައިސް ބުންޏެވެ.

މެޖެންޓާ ކޯޗު އަބްދުﷲ އުނައިސް ބުނީ މެޗުން ބަލިވި މައިގަނޑު ސަބަބަކީ ހޫނުގެ ސަބަބުން ކުޅުންތެރިންނަށް ދިމާވި ވަރުބަލިކަން ކަމަށެވެ. “އިރާދަކުރެއްވި މުބާރާތަށް ކުރަމުން އަންނަ އުންމީދަށް އެއްވެސް ބަދަލެއް ނާދޭ. މަސައްކަތް ކުރާނީ ކުރިއަށް ހުރި މެޗުތައް ކާމިޔާބުކޮށްގެން ރަނގަޅު ހިސާބަކަށްދާން،” އުނައިސް ބުންޏެވެ. މެޖެންޓާގެ ކެޕްޓަން އަލީ ނާފިއު ބުނީ މެޗުން ބަލިވީ ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފިގެން ކަމަށެވެ. ފުރުސަތު ތަކުގެ ބޭނުން ހިފުނުނަމަ ނުކުންނާނީ މިނަތީޖާ ނޫންކަމަށްވެސް އޭނާ ބުންޏެވެ.

ރާއްޖޭގެ ފުރަތަމަ ޑިވިޝަނަށް ކުޅޭ މަޝްހޫރު ބައެއް ކުޅުންތެރުން މިއަދުގެ މެޗުގައިވަނީ ދެ ޓީމުންވެސް ފެނިފައެވެ.

މި މުބާރާތުގައި މާދަމާކުޅޭ މެޗުގައި ބައްދަލުކުރާނީ މަރަދޫ ފޭދޫ އެފްސީއާއި އިއްޔެގެ މެޗުން ފްރެންޑްސް ޔުނައިޓެޑް އަތުން 2:0 އިން ބަލިވެފައިވާ މަރަދޫ އެފްސީއެވެ. އެއީ ގްރޫޕު އޭ ގެ މެޗެކެވެ.

މުބާރާތް ކުރިއަށްދާނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ދެ ފަހަރު ކުޅޭ ގޮތަކަށެވެ. އެގޮތަށްކުޅެ ސެމީއަށްދާނީ އެންމެގިނަ ޕޮއިންޓް ހޯދާ 4 ޓީމެވެ. ފައިނަލުގައި ކުޅޭނީ ސެމީގައި ކުޅެ މޮޅުވާ ދެޓީމެކެވެ. ފައިނަލް އޮންނާނީ މިމަހު 26 ވަނަ ދުވަހުއެވެ.

މުބާރާތުގެ އެއްވަނަ ހޯދާ ޓީމަކަށްވަނީ 75000 ރުފިޔާގެ އިނާމެއް ހުށަހަޅައިފައެވެ. ދެވަނަ ޓީމަށް ތިރީސް ހާސް ރުފިޔާވަނީ ހުށަހަޅައިފައެވެ. މިއީ އައްޑޫގައި މިފަދަ މުބާރާތެއް ނުބާއްވާތާ 25 އަހަރު ފަހުން ބާއްވާ މުބާރާތެކެވެ.

މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ހެޕީމާކެޓެވެ. ހެޕީމާކެޓަކީ ރާއްޖޭގައި ބާއްވާ މިފަދަ ހަރަކާތްތަކަށް ވަރަށް ފުރިހަމަ ގޮތެއްގައި އެހީތެރިކަން ފޯރުކޮށްދެމުން ގެންދާ ވިޔަފާރި ކުންފުންޏެވެ. އޮފިޝަލް މީޑީއާ ޕާޓްނަރަކީ އޭއޯނިއުސްއެވެ.