English Edition
Dhivehi Edition

ޕާކިސްތާނުގެ ކަސޫރު ސިޓީގައި އުމުރުން އަށް އަހަރުގެ ޒައިނަބް ރޭޕްކޮށް މަރާލުމާ ގުޅިގެން ހިނގަމުންގެންދާ ހަމަނުޖެހުންތަކުގައި މިހާތަނަށް ދެމީހުން މަރުވެފައިވާކަމަށް ބީބީސީ ނިއުސްއިން ހާމަކޮށްފިއެވެ

ކުނިގޮނޑަކުން އަންގަރާ ދުވަހު ޒައިނަބްގެ ހަށިގަނޑުފެނިފައިވާ އިރު، އެ ކުއްޖާ ފެނިފައިވަނީ ގެއްލިގެން އުޅޭތަން ދުވަސްތަކެއް ފަހުންނެވެ. ރޭޕް ކުރުމަށް ފަހު ޒައިނަބް މަރާލާފައި ވަނީ ކަރުގައި ހިފައިގެން ނޭވާ ހާސްކުރުމަށްފަހުގައި ކަމަށް ކަސޫރުގެ ފުލހުން ވަނީ ބުނެފައެވެ. ކަސޫރުގެ ފުލުހުން ބުނީ ވޭތުވެދިޔަ ދެ އަހަރު ތެރޭ މި ގޮތަށް 12 ކުއްޖަކު މަރާލާފައިވާކަމަށާއި މީގެ ތެރޭން ފަސް ކުއްޖެއްގެ މަރަށް ތުހުމަތު ކުރަނީ އެކެއްގެ މައްޗަށްކަމަށެވެ. އޭނާ ހޯދުމުގެ މަސައްކަތް ފުލހުން ކުރަމުން އަންނައިރު، ތުހުމަތު ކުރެވޭ 90 މީހެއްގެ ޑީއެންއޭ ސާމްޕަލް ވަނީ ނަގައިފަ އެވެ

ޒައިނަބްގެ މަރާއި ގުޅިގެން ޕާކިސްތާނުގެ އެކި ސަރަހައްދުތަކުގައި މުޒާހަރާކުރަމުންދާއިރު މުޒާހަރާ އަށް ނުކުތް މީހުން ވަނީ ކުޑަ ކުދިން ވަގަށް ނެގުމާއި ރޭޕް ކުރުން ހުއްޓުވުމަށް ކަމާ ބެހޭ ފަރާތްތަކުން އެކަށީގެންވާ މަސައްކަތް ކުރަމުން ނުދާ ކަމަށް ބުނެފަ އެވެ. ޒައިނަބްގެ މަރާއި ގުޅިގެން ޕާކިސްތާނުގެ ކްރިކެޓް ކުޅުންތެރިންނާއި ފިލްމީ ތަރިންވެސް ވަނީ ޒައިނަބްގެ ގާތިލަށް ހަރުކަށި އަދަބުދިނުމަށް ގޮވާލާފައެވެ

ޤުރުއާން ކްލާހަކަށް ދިޔަ މަގު މަތީގައި ޒައިނަބު ގެއްލިފައިވާއިރު އޭނާގެ ހަށިގަނޑު ފެނިފައި ވަނީ ގެއާ ދެ ކިލޯ މީޓަރު ދުރުންނެވެ. ޒައިނަބުގެ އާއިލާ އިން ބުނެފައި ވަނީ ޒައިނަބު ދިޔަ މަގު އެނގޭ ސީސީޓީވީ ފުޓޭޖް ހޯދާފައި ވަނީ ތިމާގެ މީހެއްކަމަށާއި އެ ކުއްޖާ ގެއްލިގެން ރިޕޯޓް ކުރި ނަމަވެސް އެ ކުއްޖާ ހޯދަން ފުލުހުން އެކަށީގެންވާ ވަރަށް މަސައްކަތް ކޮށްފައި ނުވާ ކަމަށެވެ. ޒައިނަބުގެ އާއިލާ އިން ބުނެފައިވަނީ ފުލުހުން ވަގުތުން ހަރަކާތްތެރިވާން ފެށި ނަމަ ޒައިނަބުގެ ގާތިލް ހޯދުނީސް ކަމަށެވެ. އެ ފުޓޭޖުން ޒައިނަބް އަތުގައި ހިފައިގެން ފިރިހެނަކު ދާ މަންޒަރު ފެނެ އެވެ. އެ މީހާގެ ފޮޓޯ ސޯޝަލް މީޑިއާގައި މިހާރު ދަނީ ދައުރުވަމުންނެވެ