English Edition
Dhivehi Edition
އިމްރާން ޚާން

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ހައްޔަރުކޮށްފި އެވެ.

ކޮރަޕްޝަނުގެ ތުހުމަތުވާ މައްސަލައަކާ ގުޅިގެން ޢިމްރާން ޚާން ހައްޔަރުކުރީ އޭނާގެ ކާރުކޮޅު ވަށައިލުމަށްފަހު، ޕާކިސްތާނުގެ ޕެރަމިލިޓަރީ ފޯސްއަކުންނެވެ. އޭނާ ހައްޔަރުކުރީ އެ ޤައުމުގެ ވެރިރަށް އިސްލާމްއާބާދުގެ ހައިކޯޓު ބޭރުންނެވެ.

އޭނާ ކޯޓަށް ވަޑައިގަތީ އޭނާގެ މައްޗަށް އުފުލާފައިވާ ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެން އޮތް އަޑުއެހުމަކަށެވެ.

އިމްރާންޚާންގެ ޕާކިސްތާން ތަހްރީކޭ އިންސާފް (ޕީޓީއައި) ޕާޓީގެ ލީޑަރެއް ކަމަށްވާ މުސަރަތު ޖަމްޝީދު ޗީމާ ވަނީ އިމްރާން ހައްޔަރުކުރިކަން މީޑިއާތަކަށް ކަށަވަރުކޮށްދީފައެވެ.

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ހާންގެ މައްޗަށް ޓެރަރިޒަމްގެ ގާނޫނުގެ ދަށުން މީގެ ކުރިންވަނީ ދައުވާ އުފުލައިފި އެވެ. އޭނާގެ މައްޗަށް ދައުވާ އުފުލާފައި ވަނީ ސަރުކާރުގެ އޮފިޝަލުންނަށް އިންޒާރުދީ، ޕާކިސްތާނުގެ ޓެރަރިޒަމް މަނާކުރާ ގާނޫނާ ހިލާފުވުމުގެ ތުހުމަތުގަ އެވެ.

އިމްރާން ޚާން ހައްޔަރުކުރުމާއެކު އެގައުމުގައި ގިނަ ހަމަނުޖެހުންތަކެއް ހިނގާނެ ކަމަށް ބެލެވެއެވެ.

އިމްރާން ޕާކިސްތާނުގެ ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަތީ 2018 ވަނަ އަހަރެވެ. ނަމަވެސް ދައުރުގެ ފަހުކޮޅު ޕާކިސްތާނުގެ އަސްކަރިއްޔާގެ ތާއީދު އޭނާއަށް ގެއްލި، ޕާޓީން ބައެއް މެމްބަރުން ވަކިވެވަޑައިގަތުމުން މަޖިލީހުގެ މެޖޯރިޓީ ގެއްލި، ބޮޑުވަޒީރު ކަމުގެ މަގާމު ވެސް ގެއްލުނީ އެވެ.