ބިޔަ ޕްރޮޖެކްޓެއްގެ ގޮތުގައި ހުޅުލެއާއި މާލެއާ ދެމެދުއަޅާ ބްރިޖުގެމަސައްކަތް ކުރަމުންދަނީ އެމްޑީޕީގެ ސަރުކާރުގައި އެ މަސައްކަތް ކުރުމަށް ހަމަ ޖެހިފައި އޮތް އަގަށް ވުރެ، 200 މިލިއަން ޑޮލަރަށް ވުރެ ބޮޑު އަގެއްގައި ކަމަށް އެމްޑީޕީގެ އިގުތިސާދީ ކޮމެޓީގެ ނާއިބު މުގައްރިރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުން ކޮންމެ އަހަރަކު ފާސްކުރާ ބަޖެޓްގައިވާގޮތަށް ކަންކަން ހިންގަމުން ނުދާކަމަށް ވިދާޅުވެ ވާހަކަދައްކަވަމުން އަމީރު ވިދާޅުވީ ޕީޕީއެމް އިން ވެފައިވާ ވައުދުތައް ވެސް ފުއްދާފައިނުވާ ކަމަށާއި ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމްގެ އިގުތިސާދީ ސިޔާސަތުގެ ދަށުން ކުރެވުނު އާ ކަމެއް ނެތް ކަމަށެވެ. މީގެ އިތުރުން އަމީރު ވިދާޅުވީ ރާއްޖޭގެ އިގުތިސާދަށް ހެޔޮބަދަލެއް އައިސްފައިނުވާއިރު އެކި ސިނާއަތްތައް ވަނީ ފެއިލްވެފައި ކަމަށާއި މިދިޔަ އަހަރު ފާސްކުރި ސަޕްލިމަންޓްރީ ބަޖެޓްގައި ކުރަން ބުނި ކަންތައްތައް އަހަރު ނިމުނުއިރު ވެސް ކޮށްފައިނުވާ ކަމަށެވެ.
ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ އަމީރު ވިދާޅުވީ ރާއްޖެއިން ނަގާފައިވާ ލޯނުގެ 70 ޕަސެންޓް ހިއްސާ ކުރަނީ ޗައިނާއިން ކަމަށްވާއިރު މުސްތަގުބަލްގައި ޗައިނާއިން ބުނާ ގޮތެއް ހަދަން ރާއްޖެއަށް މަޖުބޫރުވާނެ ކަމަށެވެ