ދެކޮރެއާ ދެމެދު ބޭއްވުނު މަޝްވަރާ ބައްދަލުވުމުގައި އުތުރު ކޮރެއާއިން ނިއުކްލިއާ ހަތިޔާރު ދޫކުރުމަށް ދެކޮޅު ހެދި ނަމަވެސް އެމެރިކާއިން މަރުހަބާ ކިޔަައިފިއެވެ.
އަންގާރަ ދުވަހު ދެ ކޮރެއާ ދެމެދު ބޭއްވުނު މަޝްވަރާ ބައްދަލު ވުމަކީ ފާއިތުވި ދެ އަހަރު ތެރޭވެސް ދެ ކޮރެއާ ދެމެދު ބޭއްވުނު ފުރަތަމަ މަޝްވަރާ ބައްދަލުވުމެވެ. މި ބައްދަލުވުމަކީ އުތުރު ކޮރެއާގެ ނިއުކްލިއާ މައްސަލަ އަށް ހައްލެއް ހޯދުމަށް ފުރަތަމަ ފިޔަވަޅު ގޮތުގައި އެމެރިކާއިން ވަނީ ސިފަ ކޮއްފައެވެ. ނަމަވެސް އުތުރު ކޮރެއާއިން ވަނީ މި މައްސަލައިގައި މަޝްވަރާ ކުރުމަށް އިންކާރު ކޮއްފައެވެ.
މި މަަޝްވަރާ ބައްދަލުވުން ބޭއްވުނުތާ 11 ގަޑި އިރު ފަހުން ދެކޮރެއާ ގުޅިގެން ނެރު ބަޔާނެއްގައި ބުނެފައި ވަނީ ދެ ފަރާތުން ވެސް އަސްކަރީ މަޝްވަރާ ތަކަށް އެއްބަސް ވެފައިވާ ކަމަށެވެ. އަދި އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ވިންޓާ އޮލިމްޕިކްސް އަށް އުތުރު ކޮރެއާގެ ޓީމެއް ދެކުނު ކޮރެއާއަށް ދާނެ ކަމަށް ވަނީ ނިމިފައި ކަމަށެވެ.
ނަމަވެސް އުތުރު ކޮރެއާއިން ވަނީ ދެކުނު ކޮރެއާއިން ކޮރެއާ ސަރަހައްދުގައި ނިއުކްލިއާ ހަތިޔާރު ނައްތާލުމަށް ހުށައެޅުމުން އެކަމާ ވަރަށް ބޮޑަށް ދެކޮޅު ހަދާފައެވެ.
މިމައްސަލައިގައި ޕްޔޮންގްޔެންގް ޗީފް ނެގޯޝިއޭޓަރު ރީ ސޮން ގްވޮން ބުނެފައި ވަނީ އެމީހުންގެ ހުރިހާ ނިއުކްލިއާ ހަތިޔާރެއް އަމާޒު ވެފައިވަނީ އެމެރިކާއާ ދިމާލަށް ކަމަށެވެ. އަދި މި މައްސަލަ އަކީ ދެކޮރެއާ ދެމެދު އޮތް މައްސަލައެއް ނޫން ކަމަށެވެ. އެހެން ކަމުން މި ފަދަ މައްސަލަތަށް ފެންމަތި ކުރުމުން މިއަދު މި ލިބުނު ކުރިއެރުން ބޭކާރު ވެގެންދާނެ ކަމުގައެވެ.
މި ބައްދަލުވުން ތަކަށް އ.ދ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭސް ވަނީ މަރުހަބާ ކިޔާފައެވެ. އަދި ހާއްސަކޮށް އަސްކަރީ މަޝްވަރާ ތަކުގެ ސަބަބުން އިތުރު އޮޅުމެށް އެރިޔަ ނުދީ ވާނެ ކަމަށް އޭނަ ދެކެއެވެ. އޭނާ ވަނީ އުތުރު ކޮރެއާއިން އޮލިމްޕިކްސް ގައި ޓީމެއް ބައިވެރި ކުރާތީ ވެސް މަރުހަބާ ކިޔާފައެވެ. އޭނާ ވިދާޅުވީ މިފަދަ ގޮތަކަށް ނިއުކްލިއާ މަޝްވަރާތަށް ވެސް ފެށޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.