English Edition
Dhivehi Edition
ބައިނަލްއަގްވާމީ ކުޑަކުދިންގެ ދުވަހާއި ގުޅިގެން ހުޅުދޫ މީދޫގައި ބޭއްވި ކަލަރ ރަން ފޮޓޯ:އޭއޯ ނިއުސް

ޤައުމީ ކުޑަކުދިންގެ ދުވަހުގެ ތަހުނިޔާއާ މުބާރަކުބާދު ދިވެހިރާއްޖޭގެ ލޮބުވެތި ހުރިހާ ކުޑަކުދިންނަށް އަރިސްކުރަމެވެ. މިއަދުގެ ހާއްސަކަމަކީ ހަމައެކަނި މިހެން ކިޔާލާ ތަހުނިޔާ އަކުން، ފަޅާލާ ކޭކަކުން، އަދި ބާއްވާ ކުޑަ ހަފްލާ އަކުން ނިންމާލެވޭ ވަރަށް ވުރެ މާ ހާއްސަ ދުވަހެކެވެ.

ކުޑަކުދިންގެ ދުވަސް ޤައުމީ ފެންވަރެއްގައި ފާހަގަކުރުމުގެ ބޭނުމަކީ ކުޑަކުދިންގެ ޙައްޤުތަކަށް މުޖުތަމަޢު ހޭލުންތެރިކޮށް، ޤާނޫނީ ގޮތުން އެކުދިންނަށް ލިބިދޭ ރައްކާތެރިކަމާ އެންމެހާ ޙައްޤުތައް ކަށަވަރުކޮށްދިނުމަށް ބާރުއެޅުމެވެ. އަދި އެ ކުދިންނަށް ބޭނުންވާ އެކަށޭނަ ތަޢުލީމާއި ތަރުބިއްޔަތުދީ، އަމާން ވެށްޓެއް ޤާއިމްކުރުމަށް މަސްޣޫލުވާ ފަރާތްތަކުގެ ޒިންމާ ހަނދާންކޮށްދިނުމެވެ. މީގެ އިތުރުން އެ ކުދިންނަށް ދުޅަހެޔޮ ޞިއްޙަތެއްގައި ހެދިބޮޑުވެވޭނެ މާޙައުލެއް ފަހިކޮށްދިނުމަށް މަސައްކަތްކުރުމެވެ.

ހަމަ ޔަގީނުންވެސް އަހަރެމެންގެ ދަރިންނަކީ މާތްﷲ އަހަރެމެންނާއި ހަވާލުކުރެއްވި ބޮޑު އަމާނާތެކެވެ. އެ ދަރިންނާއި މެދު މާދަމާ ސުވާލު ވެވޭނެ، ޒިންމާއެކެވެ. އެހެންކަމުން ދަރިން ތަރުބިއްޔަތުކުރުމުގައި މައިންބަފައިންގެ ޒިންމާ ވަރަށް ބޮޑެވެ. އެ ކުދިންނަށް ރަނގަޅު ތައުލީމާއި، ރަނގަޅު ސިއްހަތެއް ހޯދައިދީ ދީނުގެ މަގުގައި ތަރުބިއްޔަތުކޮށް، ރައްކާތެރި މާހައުލެއް ހޯދައި ދިނުމަކީ މައިންބަފައިންގެ ބޮލުގައި އެޅިފައިވާ ބުރަ މަސްއޫލިއްޔަތެކެވެ.

މިއަދު އަޅުގަނޑުމެންގެ މި މުޖުތަމައުން ފެނިގެން މިދަނީ ވަރަށް ހިތާމަވެރި މަންޒަރެކެވެ. ކުޑަކުދިންނަށް ކުރާ ޖިސްމާނީ، ނަފްސާނީ، އަދި ޖިންސީ އަނިޔާގެ މައްސަލަތަކުގެ އިތުރުން ހަނގާކުރުމުގެ މައްސަލަތަކާއި އަދި އިހުމާލުގެ މައްސަލަތައް ވަރަށް ގިނައެވެ. ހާއްސަކޮށް އެ ކުދިންނަށް ލިބޭ މިފަދަ އަނިޔާތަކަކީ އާއިލާތެރެއިން ނޫނީ ދަންނަ މީހުންގެ ފަރާތުން ލިބޭ އަނިޔާތަކެވެ. ބައެއް ފަހަރު އާއިލާތެރޭގައި މިފަދަ ވާހަކަތައް ‘ސިއްރުކޮށްފައި’ ވާއިރު އަހަރެމެން ވިސްނާލަންޖެހޭ އެންމެ ބޮޑު ކަމަކީ އެ ކުދިންނަށް މި ކަމުގެ ސަބަބުން ކުރާނެ އަސަރެވެ. މަދާމާގެ ޒުވާން ޖީލުކަމަށްވާ އެ ކުދިންގެ މުސްތަގުބަލަށެވެ.

ކުޑަކުދިންނަށް ލިބޭ އަނިޔާތަކުގެ އިތުރުން، ކުޑަކުދިން ކުށްކުރާ ނިސްބަތްވެސް އަންނަނީ އިތުރުވަމުންނެވެ. މާރާމާރީ އާއި ވައްކަމާއި، މަސްތުވާތަކެތީގެ މައްސަލަތަކުގައި ކުދިން ޝާމިލްވާ މިންވަރު އިތުރުވަމުން އަންނައިރު މިއީ މުޅި މުޖުތަމައު އެކަމަކާއި ކަންބޮޑުވާންޖެހޭ ސީރިއަސް މައްސަލައެކެވެ. މިއަދުގެ ކުޑަކުދިން ކުށުގެ ވެށިން ސަލާމަތްކޮށް ރައްކާތެރިކުރުމަކީ އެންމެންގެ ޒިންމާއެއް ކަމުގައި ދެކެންޖެހެއެވެ. ތިމާގެ ދަރިންނާއި މެދު ހުށިޔާރުވެ ފާރަވެރިވުމަކީ މައިންބަފައިންގެ ޒިންމާއެއްކަން ޔަގީނެވެ.

ކުޑަކުދިންނަށް ދެވޭ އަނިޔާ އަކީ ހަމައެކަނި ނަފްސާނީ ގޮތުން ނުވަތަ ޖިސްމާނީ ގޮތުން ދެވޭ އަނިޔާއެއް ނޫނެވެ. ރަނގަޅު ސިއްހަތަކާއި ރައްކާތެރި މާހައުލެއް ނެތުމަކީ އަނިޔާއެކެވެ. ތައުލީމު ހޯދައިދިނުމުގައި ވެވޭ އިހުމާލަކީ އަނިޔާއެކެވެ. އެ ކުދިންނަށް ލިބޭ އަނިޔާތައް ސިއްރުކުރުމަކީވެސް އަނިޔާއެކެވެ. އެކަހެރިކޮށް ބާކީ ކޮށްލުމަކީވެސް އަނިޔާއެކެވެ. އެ ކުދިންނާއި މެދު ވެވޭ ކޮންމެ އިހުމާލަކީ އަނިޔާއެކެވެ.

ކުޑަކުދިންގެ ޙައްޤުތައް ޙިމާޔަތްކޮށް ރައްކާތެރިކަން ފޯރުކޮށްދިނުމަކީ އެންމެންގެ ޒިންމާއަކަށްވީ ހިނދު، މިއަދު މިފާހަގަކުރާ ގައުމީ ކުޑަކުދިންގެ ދުވަހު އަޅުގަނޑުމެން އެންމެންވެސް އަޒުމު ކަނޑައަޅަންވީ ކުޑަކުއްޖަކަށް އަނިޔާ ލިބޭކަން އެނގޭނަމަ ލަސްނުކޮށް އެކަން ކަމާބެހޭ ފަރާތްތަކަށް ވީހާވެސް އަވަހަށް ރިޕޯޓުކުރުމަށެވެ. މި މުޖުތަމައުގެ ކޮންމެ ކުއްޖަކީވެސް މައިންބަފައިންނާއި، އާއިލާގެ އިތުރުން މުޅި މުޖްތަމައުގެ އަޅާލުމާއި ލޯބި ލިބިގެން ބޮޑުވާ ކުއްޖަކަށް ހަދަންޖެހެއެވެ.