English Edition
Dhivehi Edition
ކުރީގެ ނައިބްރައީސް އަޙްމަދު އަދީބު؛ ފޮޓޯ އަވަސް

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ދައުލަތަށް ދައްކަން ޖެހޭ އެއް މިލިއަން ރުފިޔާގެ ޖޫރިމަނާ އެއް މަހުގެ ތެރޭ ދައްކައި ހަލާސްކުރުމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން އަދީބުގެ މައްޗަށް ކުރި ހަތް ދައުވާއެއް ސާބިތުވުމުން، ދެ މިލިއަން ރުފިޔާގެ ޖޫރިމަނާ ދެއްކުމަށާއި 20 އަހަރު ދުވަހަށް ޖަލަށްލުމަށް އޭނާގެ މައްޗަށް ހުކުމްކޮށްފައިވާއިރު އޭގެ ތެރެއިން އެއް މިލިއަން ރުފިޔާ މިހާތަނަށް ދައްކާފައެއް ނުވެއެވެ.

އެހެންކަމުން ފައިސާ ހޯދަން ދައުލަތުން ދައުވާކުރި މައްސަލައާ ގުޅިގެން ސިވިލް ކޯޓުން ކުރި ހުކުމްގައި، އެ ފައިސާ އެކީ އެއްފަހަރާ ދެއްކުމަށް އަދީބުގެ ފަރާތުން ބުނެފައިވާކަން ފާހަގަކޮށްފައިވެއެވެ. އެހެންކަމުން އެ ފައިސާ ދެއްކުމަށް ބޭނުންވާ ގޮތް ލިޔުމުން ދައުލަތަށް ހުށަހެޅުމަށްޓަކައި ހަތް ދުވަހުގެ ފުރުސަތެއް ދިނުމަށް އަދީބުގެ ފަރާތުން ކޯޓުގައި އެދިފައިވާ ކަމަށް ވަނީ ބުނެފައެވެ. އެކަމަކު ދައުލަތުން އެދިފައިވަނީ ފައިސާ ދެއްކުމަށް ހުކުމްކުރާ ދުވަހުން ފެށިގެން އެއް މަހުގެ ތެރޭ އެ ފައިސާ ދައުލަތަށް ދެއްކުމަށެވެ.

ސިވިލް ކޯޓުން ހުކުމުގައި ވަނީ ދައުލަތަށް އަދީބު ދައްކަން ޖެހޭ އެއް މިލިއަން ރުފިޔާ އިއްޔެއިން ފެށިގެން އެއް މަސް ދުވަހުގެ ތެރޭ މީރާ އަށް އެއްކޮށް ދައްކައި ހަލާސްކުރުމަށެވެ.