English Edition
Dhivehi Edition

ފުވައްމުލައް ސިޓީގެ ޒުވާނުންތަކެއް އިސްނަގައިގެން ރަށުގެ އެކި އަވަށްތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ ކަނބަލުންގެ ހޭންޑްބޯލް ޗެލެންޖް 2020ގެ ފައިނަލުން ދޫނޑިގަލޯނާ އަދި ދަޑިމަގު ރަނިން ޖާގަ ހޯދައިފިއެވެ.

މުބާރާތުގައިި ޖުމްލަ 7 ޓީމު ބައިވެރިވެފައިވާއިރު ދޫނޑިގަލޯނާ ފައިނަލުން ޖާގަ ހޯދައިފައިވަނީ ސެމީ ފައިނަލުގައި މާލެގަން ކަނބަލުންނާއި ދެކޮޅަށް ކުޅެ ހަތެއް ސުމަކުން މޮޅުވެގެންނެވެ. އޭއޯ ނިއުސް އާއި ވާހަކަ ދައްކަމުން ދޫނޑިގަލޯނާގެ މެނޭޖަރ މުހައްމަދު ހަމްދޫން ބުނެފައިވަނީ މުބާރާތުގައި ކުޅެވުނު މެޗުތަކުން ކުޅުންތެރިންނަށް އެކި ކަހަލަ ކުޅުންތެރިންނާއި ދެކޮޅަށް ކުޅެން ދަސްވެއްޖެ ކަމަށާއި ފައިނަލަށް ދިޔުމުން އިތުރު ހިތްވަރެއް ޓީމުގެ ކުޅުންތެރިންނަށް ލިބިފައިވާ ކަމަށެވެ. ހަމްދޫން އިތުރަށް ބުނެފައިވަނީ ޓީމުގެ ކުޅުންތެރިންގެ ތެރޭގައި ކުދި ކުދި އިންޖަރީ ތަކެއް އެބަހުރި ކަމަށާއި އެހެން ނަމަވެސް މުބާރާތުން މޮޅު ވާނެ ކަމުގެ އުއްމީދު ބޮޑު ކަމަށެވެ.

މުބާރާތުގެ ފައިނަލުގައި ކުޅޭ ދެވަނަ ޓީމެއްކަމަށްވާ ދަޑިމަގު ރަނިން ފައިނަލުން ޖާގަ ކަށަވަރު ކޮށްފައިވަނީ ސެމީ ފައިނަލުގައި މިއަދު ހަވިއްތަ ސްޕޯޓްސްއާއި ދެކޮޅަށްކުޅެ ނުވަ ލަނޑު ދެ ލަނޑުން މެޗު ކާމިޔާބުކޮށްގެނެވެ. މުބާރާތުގެ ސެމީ ފައިނަލާއި ހަމައަށް ދަޑިމަގު ރަނިން ކޮޅަށް އެއްވެސް ގޯލެއް ވަދެފައި ނުވާއިރު އެ ޓީމު މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކޮށްފައިވަނީ ގްރޫޕުގެ އެއްވަނައިގައި އޮވެގެންނެވެ. އޭއޯ ނިއުސް އަށް ދިން ހާއްސަ އިންޓަވިއުއެއްގައި ދަޑިމަގު ރަނިން ޓީމުގެ ކޯޗު އަލީ ބުނެފައިވަނީ މުބާރާތުގެ ސެމީ އާއި ހިސާބަށް އެއްވެސް ޓީމެއް އަތުން ބަލި ނުވެ އާދެވުން އެއީ ބޮޑު ކާމިޔާބެއް ކަމަށެވެ. އަލީ އިތުރަށް ބުނެފައިވަނީ މުބާރާތުގެ ފައިނަލުން މޮޅުވާން ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނެ ކަމަށާއި ގޭމް ޕްލޭން އަށް އެއްވެސް ބަދަލެއް ގެންނަން ޖެހުނަސް ޓީމު އޮތީ އެކަމަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށެވެ.

ފުވައްމުލަކުގައި ވަރަށް ބޮޑަށް މުބާރާތުގެ ފޯރި ހިފާލައިފައިވާއިރު މުބާރާތުގެ ފައިނަލް މެޗު ފަށާނީ މާދަމާ ހަވީރު 16:30 ގައެވެ. މި މެޗު އޭއޯ ޗެނަލްގެ ފޭސްބުކް ޕޭޖުން މާދަމާ ލައިވް ކުރާނެއެވެ.