English Edition
Dhivehi Edition

ދެ މިނިސްޓްރީއަކާއި މާލެ ސިޓީ ކައުންސިލްގެ ބައެއް ހިންގަމުން އައި ޓިނު ބިލްޑިންގާއި އެ ތަނާ ޖެހިގެން ހުންނަ ގްރީން ބިލްޑިންގްގައި ރޯވި އަލިފާނުގެ ބޮޑު ހާދިސާގެ ތަހުގީގަށް އިންޑިއާގެ ތަޖުރިބާކާރުންގެ ޓީމެއް ރާއްޖެ އަތުވެއްޖެ އެވެ.

މިކަން ހާމަކޮށްފައިވަނީ ކޮމިޝަނަރ އޮފް ޕޮލިސް، ޝުޖާއު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައެވެ. އެ މެސެޖުގައި ކޮމިޝަނަރު ވިދާޅުވީ އިންޑިއާގެ ތަޖުރިބާކާރުންގެ ހާއްސަ ޓީމެއް ދިވެހި ފުލުހުންނާއެކު މިހާރު ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.

މީގެ ކުރިން ވެސް އެ ހާދިސާގެ ތަހުގީގަށް ބޭރުގެ ޓީމެއްގެ އެހީ ހޯދާނެ ކަމަށް ޝުޖާއު ވިދާޅުވެފައިވެއެވެ.

މި މަހުގެ 12 ވަނަ ދުވަހުގެ ހެނދުނު 6:30 ހާއިރު ޓިނު ބިލްޑިންގްގައި ރޯވެ، އެންވަޔަރުމެންޓް މިނިސްޓްރީ ހިންގާ ގްރީން ބިލްޑިންގަށް އަލިފާން ފެތުރި ބޮޑެތި ގެއްލުންތަކެއް ވަނީ ވެފަ އެވެ. ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ ވެސް ހިންގާ ޓިނު ބިލްޑިންގާއި ގްރީން ބިލްޑިންގް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފަ އެވެ. އެހެންވެ، އެ ތިން މިނިސްޓްރީ ވަގުތީ ގޮތުން މިހާރު ހިންގަނީ ދަރުބޭރުގޭގަ އެވެ.

ހައުސިން މިނިސްޓްރީގައި ރޯވި އަލިފާންގަނޑު ފެތުރި ބޮޑެތި ގެއްލުންތަކެއް ލިބުނު ހާދިސާގެ ތަހުގީގު ފުރަތަމަ ދުވަހު ވެސް ފަށާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި ސީސީޓީވީ ފުޓޭޖްތައް ހޯދައި އެނަލައިޒް ކުރުމުގެ މަސައްކަތްތައްވެސް ކުރިއަށް ގެންދާ ކަމަށް ޕޮލިސް ކޮމިޝަނަރު ކުރިން ވަނީ ވިދާޅުވެފަ އެވެ. އެ އަލިފާނުގެ ހާދިސާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ އެ މައުލޫމާތެއް ދިނުމަށް ވެސް ފުލުހުން ވަނީ އެދިފަ އެވެ.

އެ ހާދިސާގައި ގެއްލުން ލިބުނު ތިން މިނިސްޓްރީގެ މަސައްކަތްތައް ވަގުތީގޮތުން ވަނީ ދަރުބާރުގެއަށް ބަދަލުކޮށްފައެވެ. އަދި ސިޓީ ކައުންސިލުން ވެސް ގެއްލުން ލިބުނު ލިޔެކިޔުންތައް ތަރުތީބުކޮށް، ރިކަވާ ކުރުމުގެ މަސައްކަތްތައް މިހާރު ގެންދަނީ ކުރަމުންނެވެ.