ބައިނަލްއަގުވާމީ 20 ޖަމާއަތަކަށް ނިސްބަތްވާ މީހުން އިސްރާއީލަށް ނުވަދެވޭގޮތަށް އެގައުމުން ނިންމައިފިއެވެ.
އިސްރާއީލުން އެފިޔަވަޅު އަޅައިފައިވަނީ އެ ޖަމާއަތްތަކުން ބޮއިކޮޓް، ޑައިވެސްޓް އެންޑް ސޭންކްޝަންސް (ބީޑީއެސް) ހަރަކާތުގެ ސަބަބުންނެވެ. އެ ލިސްޓު ނެރެފައިވަނީ އާއްދީއްތަ ދުވަހު އެގައުމުގެ ސްޓެރެޓީޖިކް އެފެއާސް މިނިސްޓްރީންނެވެ.
ބީޑީއެސް ހަރަކާތަކީ ފަލަސްތީނުން ކުރިއަށް ގެންދާ ހަރަކާތެކެވެ. އެ ހަރަކާތުގެ ބޭނުމަކީ އިސްރާއިލުން ހިފާފައިވާ ފަލަސްތީނުގެ ބިންތައް އަނބުރާ ހޯދުމެވެ. އެ ހަރަކާތް ކުރިއަށްގެންދަނީ އިސްރާއިލަށް ދަތިކުރުމަށް ކެމްޕެއިން ހިންގައިގެންނެވެ. އެ ހަރާކާތުން ބޭނުންވަނީ ފަލަސްތީނުގެ ރައްޔިތުންނަށް ހަމަމަކަން ޤާއިމު ކޮށްދީ އަދި ސަޤާފީ ގޮތުން ދަތި ކުރުމުގެ ފިޔަވަޅު އެޅުމަށެވެ.
އިސްރާއިލުން އެ ފިޔަވަޅު އަޅާފައިވަނީ މިދިޔަ އަހަރު މާޗް މަހު އެގައުމަށް އެތެރެ ވުމުގެ ޤަވާއިދުތަކަށް ގެނައި އިސްލާހުގެ ދަށުންނެވެ. އެ އިސްލާހުގައި އިސްރާއިލް ބޮއިކޮޓްކުރާ ނުވަތަ އިސްރާއިލުން ހިފާފައިވާ ބިންތަކުގެ މަސައްކަތަށް ފާޑުކިޔާ ފަރާތްތައް އެގައުމަށް ނުވެއްދުމަށް ވަނީ ނިންމާފައެވެ.
އިސްރާއިލުގެ ސްޓްރެޓީޖިކް އެފެއާސް މިނިސްޓަރ ގިލާޑް އެރްދާން ވިދާޅުވެފައި ވަނީ މިހާރު ޝާއިއު ކުރެވުނު އެ ލިސްޓަކީ އިސްރާއިލް ބޮއިކޮޓްކުރާ ފަރާތްތަކަށް އެޅުނު ބޮޑު ހުރަހެއް ކަމުގައެވެ. އޭނާ ވިދާޅުވިގޮތުގައި އެފަދަ ފަރާތްތައް ގައުމުގެ ތެރޭގައި އެމީހުންގެ ނުބައިކަން ފެތުރުވިޔަ ދީގެން ނުވާނެއެވެ.
އެ ލިސްޓުގައި ހިމެނޭ ގުރޫޕްތަކުން ބުނެފައިވާ ގޮތުގައި އިސްރާއިލުން އެފަދަ ފިޔަވަޅެއް އެޅުމުން އެނގިގެންދަނީ ބީޑީއެސް މަސައްކަތްކުރާ ކަމެވެ. އަދި އިސްރާއިލުން ބީޑީއެސް ހަރަކާތް ހުއްޓުވުމަށް ނުކުޅެދިފައިވާކަން ކަމަށެވެ.