English Edition
Dhivehi Edition
ވީއައިއޭގައި ހަދާ ކާގޯ ޓާމިނަލް - ފޮޓޯ: އެމްއޭސީއެލް

12 އެއާލައިނަކާއެކު ސީ ޓު އެއާ ކާގޯގެ ހިދުމަތުން 1000 ޓަނުގެ މުދާ އެކްސްޕޯޓު ކޮށްފައިވާކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ބުނެފިއެވެ.

އެމްއޭސީއެލް އިން ބުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން ފޯރުކޮށްދެމުންދާ ސީ ޓު އެއާ ކާގޯގެ ހިދުމަތަށް ވާޖިން އެޓްލާންޓިކް މިއަދު ގުޅުނުކަމަށާއި މިއާއެކު ސީ ޓު އެއާ ޓްރާންސްޝިޕްމެންޓު ވީއައިއޭގައި 12 އެއާލައިނަކުން ފޯރުކޮށްދެމުން ދާކަމަށެވެ.

އިތުރަށް އެމްއޭސީއެލް އިން ބުނީ މި ހިދުމަތުގައި މައިގަނޑު ގޮތެއްގައި އެކްސްޕޯޓް ކޮށްފައިވަނީ ބަންގްލަދޭޝް އިން ރާއްޖެއަށް ކަނޑުމަގުން އެތެރެކުރާ ގާމެންޓް ޝިޕްމަންޓްތައް ކަމަށެވެ. ދުނިޔޭގައި ދެވަނަ އަށް އެންމެ ބޮޑު އަންނައުނު ވިޔަފާރި ކުރަމުންދާ ބަންގްލަދޭޝް އިން އިންޑިއާގެ ބަދަލުގައި ރާއްޖެ މެދުވެރިކޮށް ގާމެންޓު އެކްސްޕޯޓު ކުރަން ނިންމީ އިންޑިއާގެ އެއާޕޯޓުތަކާ، ޕޯޓުތަކަށް ބާރު ބޮޑުވެ ތަކެތި އެކްސްޕޯޓު ކުރުމުގައި ލަސްތަކެއް ދިމާވާތީ ކަމަށް ބޭރުގެ ހަބަރުތަކުގައި މީގެ ކުރިން ވަނީ ރިޕޯޓު ކޮށްފައެވެ.