English Edition
Dhivehi Edition
ސަރުކާރުގެ ގިނަ އިދާރާތައް ޤާއިމްކޮށްފައިވާ ވެލާނާގެ ބިލްޑިންގ - ފޮޓޯ: ފްލިކްއާރް (އިބްރާހިމް އައްސަދު)

އަންނަ އަހަރުން ފެށިގެން ވަޒީފާއިން އަލަށް ރިޓަޔާކުރާ ސަރުކާރު މުވައްޒަފުންނަށް މަހުން މަހަށް ދޭ އިނާޔަތްތައް ކަނޑާލަން ސަރުކާރުން ނިންމި ނިންމުން އަނބުރާ ގެންގޮސްފިއެވެ.

އަލަށް ރިޓަޔާކުރާ މުވައްޒަފުންނަށް މަހުން މަހަށް ދޭ އިނާޔަތްތައް ކަނޑާލަން ނިންމިކަން އަންގައި ފިނޭންސް މިނިސްޓްރީން ސަރުކާރުގެ އިދާރާތަކަށް ސިޓި ފޮނުވުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ.

ފިނޭންސް މިނިސްޓްރީން ބުނީ، އެ ނިންމުން ސަރުކާރުން ނިންމީ ދައުލަތުގެ މުވައްޒަފުންގެ މެދުގައި މިހާރު އޮތް ހަމަހަމަނޫން ނިޒާމު ބަދަލުކުރުމަށް ކަމަށެވެ. އެހެންނަމަވެސް އިއްޔެ ސަރުކާރުން ވަނީ މި ނިންމުން އަބުރާ ގެންގޮސްފައެވެ.

ފިނޭންސް މިނިސްޓްރީން ބުނީ އެ މިނިސްޓްރީން އިދާރާތަކަށް ފޮނުވި ސިޓީ އާ ގުޅިގެން އިދާރާތަކުގެ ކަންބޮޑުވުންތައް ހުރުމާ އެކު، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތިން މިކަމާ މެދު ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކޮށްފައިވާ ކަމަށެވެ. އެހެންކަމުން ފިނޭންސް މިނިސްޓްރީން ފޮނުވި ސިޓީ އަށް އިދާރާތަކުން ދެން އަމަލުކުރަން ނުޖެހޭނެކަމުގައި އެ މިނިސްޓްރީން ވަނީ ބުނެފައެވެ.