English Edition
Dhivehi Edition
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހައްޔަރުކުރަން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ)އިން ނެރުނު އަމުރަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ކުރީގެ ޑިފެންސް މިނިސްޓަރު ޔޯވް ގަލަންޓް އަދި ހަމާސްގެ އަސްކަރީ ވެރިޔާ މުހައްމަދު ޟައީފް ހައްޔަރުކުރަން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އިން އިއްޔެ ވަނީ އަމުރު ނެރެފައެވެ. ނަތަންޔާހޫ އާއި ގަލަންޓް ހައްޔަރުުކުރުމުގެ އަމުރަކަށް މިދިޔަ މެއި މަހު އެދުނީ އައިސީސީގެ ޕްރޮސެކިޔުޓާ ކަރީމް ޚާން އެވެ. އެއީ ފަލަސްތީނުގައި ހިންގަމުންދާ ބަނޑައްޖެއްސުމާއި، މީހުން މެރުމާއި ނަސްލު ނައްތާލުމުގެ ޖަރީމާތަކާ ގުޅިގެންނެވެ.

https://x.com/MMuizzu/status/1859674299134562528

އެ އަމުރާ ގުޅުވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، އައިސީސީގެ ނިންމުމަށް ރާއްޖެއިން މަރުހަބާ ކިޔާ ކަމަށެވެ، އަދި މިއީ ހަނގުރާމައިގެ ޖަރީމާތަކާއި އިންސާނިއްޔަތާ ހިލާފު ޖަރީމާތަކަށް ޒިންމާދާރުކުރުވުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.”ރާއްޖެއިން އައިސީސީގެ ނިންމުމަށް އިޙުތިރާމުކޮށް، ކޯޓުގެ ނިންމުން ތަންފީޒުކުރުމުގެ މުހިންމުކަން ފާހަގަކުރަން،” ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައިސް ވަނީ، މެދުއިރުމަތީގެ ސުލްހައަށް ޓަކައި ބައިނަލްއަގުވާމީ ގާނޫނުތައް ނަގަހައްޓައި ފަލަސްތީނުގެ ރައްޔިތުންނަށް އިންސާފު ހޯދައިދިނުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއްކަމުގައި ވިދާޅުވެފައެވެ.

އައިސީސީގެ މެންބަރު ގައުމުތަކުގެ އަދަދު 124 އަށް އަރާއިރު އެއިން ގައުމަކަށް މި އަމުރު ރައްދުވާ މީހަކު ހިނގައްޖެ ނަމަ ހައްޔަރުކުރަން ލާޒިމުވީނަމަވެސް އެފަދަ އަމުރުތައް ތަންފީޒު ކުރުމުގެ ބާރު އައިސީސީއަކަށް ނޯވެއެވެ.