English Edition
Dhivehi Edition

ސްކޫލުތައް ޑިޖިޓަލް ކުރުމަށް މިހާރު ކުރަމުންދާ މަސައްކަތުގެ ތެރެއިން ރާއްޖޭގެ ހުރިހާ ސްކޫލެއް ވައިފައި ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފިއެވެ.

ރާއްޖޭގެ އެންމެ ބޮޑު އެއް މުވައްސަލާތީ ކުންފުނި ކަމަށްވާ ދިރާގާ ހަވާލުކޮށްގެން ކުރިޔަށްގެންދާ މި މަސައްކަތް މި އަހަރުގެ މެއި މަހުގެ ކުރިން މުޅިން ނިންމާލެވޭވަރު ވާނެކަމަށާއި މަސައްކަތް ނިމިގެން ދާއިރު ފެންވަރު ރަނގަޅު އިންޓަނެޓް ހުރިހާ ސްކޫލަކަށް ވެސް ފޯރުކޮށްދެވިގެންދާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެއެވެ.

ސްކޫލްތައް ޑިޖިޓަލް ކުރުމުގެ މަސައްކަތުގެ ދަށުން ރާއްޖޭގެ ސްކޫލުތަކަށް ބޭނުންވާ 70،000 އަށްވުރެ ޓެބްލެޓް ހޯދުމަށް އެޑިއުކޭޝަން މިނިސްޓްރީން މިހާރުވަނީ މެކްސްކޮމް ކިޔާ ކުންފުންޏަކާ ޙަވާލުކޮށްފައެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު ޝަފީއު ޕީއެސްއެމް ނިއުސްއަށް ވިދާޅުވީ، ދަރިވަރުންނާއި ޓީޗަރުންނަށް ބޭނުންވާ ޓެބްލެޓްތައް ކުރިއަށް އޮތް ފެބްރުއަރީ މަހުގެ ތެރޭގައި ލިބޭނެ ކަމަށާއި ނަމަވެސް ދަރިވަރުންނާއި ޓީޗަރުންނަށް ޓެބްލެޓްތައް ދެވޭނެކަމަށް ބެލެވެނީ ފުރަތަމަ ޓާމުގެ ކިޔެވުން ފެށުމަށްފަހުކަމަށެވެ.

ގްރޭޑް އެކަކުން ގްރޭޑް ބާރައިގެ ދަރިވަރުންނަށް ބޭނުންވާ ޓެބްލެޓްތައް ގަތުމަށް 200 މިލިއަނާ ގާތްކުރާ އަދަދެއް ޚަރަދުވާނެ ކަމަށް ޝަފީއު ވިދާޅުވިއެވެ.

ހުރިހާ ސްކޫލެއް ޑިޖިޓަލައިޒް ކުރަން މިއަހަރު ދައުލަތުގެ ބަޖެޓްގައި 154 މިލިއަން ރުފިޔާ ހިމަނާފައި ވާއިރު، މިހާރު ގަންނަން ހަވާލުކޮށްފައިވާ ޓެބްލެޓް ތަކަކީ ރާއްޖޭގެ ހުރިހާ ސްކޫލެއް މި އަހަރު ޑިޖިޓަލައިޒް ކުރަން ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން ގަންނަ ޓެބްލެޓް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރެއެވެ.