އ.ދގެ ގައުމުތަކުން ފަލަސްތީން ބަލައިގަނެ އެގައުމުގެ ވެރިރަށަކީ އިރުމަތީ ގުދުސް ކަމަށް ކަނޑައެޅުމަށް އ.ދ ގައި އަރަބި ލީގުން ވަރަށް އަވަހަށް މަސައްކަތް ފަށާނެ ކަމައް ޖޯޑަން ގެ ޙާރިޖީ ވަޒީރު ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ހޮނިހިރު ދުވަހު ޖޯޑަންގެ ވެރިރަށް އައްމާންގައި އަރަބި ލީގުގެ 6 ގައުމެއްގެ ޙާރިޖީވަޒިރުން ބޭއްވި ބައްދަލުވުމެއްގައެވެ. އެނާ ވިދާޅުވި ގޮތުގައި 1967 ވަނަ އަހަރު އިސްރާއިލުން ހިފާފައިވާ ބިންތައް ދޫކޮށް އިރުމަތީ ގުދުސް ފަލަސްތީނުގެ ވެރިރަށް ކަމުގައި ހަދައި މިކަން އ.ދގެ ގައުމުތަކުން ބަލައިގަތުމަށް މަސައްކަތް ވަރަށް އަވަހަށް ފަށާނެވެ.
ޖޯޑަން އިސްވެ އޮވެ އުފައްދާފައިވާ މި ކޮމެޓީ އަކީ އެމެރިކާއިން އިސްރާއިލުގެ ވެރިރަށަކީ ގުދުސް ކަމަށް ބަލައިގަތުމާ ގުޅިގެން އަރަބި ލީގުން މިކަމާ މެދު ދެން އަމަލު ކުރާނެ ގޮތެއް ނިންމުމަށް އުފައްދާފައިވާ ކޮމެޓީއެކެވެ. މި ކޮމެޓީގައި ޖޯޑަންގެ އިތުރުން ޔޫ.އޭ.އީ، މިސްރު، ސައުދި އަރަބިއްޔާ މޮރޮކޯ އަދި ފަލަސްތީނު ހިމެނެއެވެ.
އެމެރިކާގެ ނިންމުމާ ގުޅިގެން އަރަބި ލީގުން ބުނެފައިވަނީ އެނިންމުމުގެ ސަބަބުން މެދު އިރުމަތި ހަލަބޮލި ވެގެންދާނެ ކަމަށާއި އަދި މި ނިންމުމަކީ އެއްވެސް ޤަނޫނީ އަސްލެއް އޮތް ނިންމުމެއް ނޫންކަމަށެވެ.
ޖޯޑަންގެ ޚާރިޖީ ވަޒީރު އައިމަން ސަފާދީ ވިދާޅުވި ގޮތުގައި މި މަހު ފަހު ކޮޅުގައި އޮންނަ އަރަބި ލީގުގެ ބައްދަލުވުމަށް ގައުމުތަކުން އެޅިދާނެ ފިޔަވަޅު ތަކެއް ހުށައަޅާނެ ކަމަށެވެ. އެނާ ވިދާޅުވި ގޮތުގައި އ.ދ ބޭނުންވަނީ 1967 ގައި ފަލަސްތީނުގެ ކަނޑައެޅުނު ބޯޑަރަށް ފަލަސްތީނު ދައުލަތް އ.ދ އިން ޤަރާރެއް ގޮތުގައި ބަލައިގަތުމަށެވެ.
އަރަބި ލީގުގެ ސެކެޓްރީ ޖެެނެރަލް އަހުމަދު އަބްދުލް ޤީތު ވިދާޅުވި މި މަހު ފަހު ކޮޅު އޮންނަ އާންމު ބައްދަލު ވުމުގައި ފަލަސްތީނު އިސްރާއިލު ސުލްހައިގެ މަޝްވަރާ ތަކުގައި އެމެރިކާގެ ރޯލާ މެދުވެސް މަޝްވަރާ ކުރައްވާނެ ކަމަށެވެ. އެއީ މިހާރު މި މަޝްވަރާ ތަކުގައި އެމެރިކާ އަކީ ވަކި ފަރާތަކަށް ޖެހިފައިވާ ގައުމަކަށް ވާތީ ކަމަށް އޭނާ ވިދާޅުވިއެވެ.
މިދިޔަ މަހު ތެރޭގައި އެމެރިކާއިން އިން ނިންމު ނިންމުން އަނބުރާ ގެންދިއުމަށް 120 އަށް ވުރެ ގިނަ ގައުމުން ވަނީ އެމެރިކާ އާ ދެކޮޅަށް ވޯޓުދީ ޤަރާރެއް ފާސް ކޮއްފައެވެ. ނަމަވެސް އެއީ އ.ދ އާންމު މަޖިލީހުގައި ފާސް ކުރެވުނު ޤަރާރެކެވެ. އ.ދ ސަލާމަތީ މަޖިލީހަށް ހުށައެޅުނު ޤަރާރު އެމެރިކާއިން ވަނީ ވީޓޯ ކޮއްފައެވެ.